“ނާލޯ 2021” ގެ ޑޭޓާ އެނަލިސިސް އާއި ރިޕޯޓް ގެ މަސައްކަތް ކޮންސަލްޓެންޓް އުސޫލުން ހަވާލުކޮށްފި

2021 ވަނަ އަހަރު ފަހުކޮޅު ސަރުކާރުގެ ހުރިހާ ސްކޫލްތަކެއް ޝާމިލުވާ ގޮތަށް ހިންގި ‘ނޭޝަނަލް އެސެސްމެންޓް އޮފް ލަރނިންގ އައުޓްކަމްސް’ (ނާލޯ-2021) ގެ ޑޭޓާ އެނަލިސިސް އާއި ރިޕޯޓް ލިޔުމުގެ މަސައްކަތް ކޮންސަލްޓަންޓް އުޞޫލުން ޙަވާލުކޮށްފިއެވެ. މި މަސައްކަތަށް ހޮވިފައިވަނީ ޑރ. ވިސާލް މޫސާ އެވެ.

ނާލޯ-2021 އަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް (ކިޔުއޭޑީ) ން ހިންގާ ލޭމްޕް ޕްރޮޖެކްޓްގެ ދަށުން 2021 ވަނަ އަހަރު ހިންގި ޕްރޮގްރާމެކެވެ.

ނާލޯ-2021 ހިންގާފައިވަނީ ގްރޭޑް 4 އާއި 7 ގެ ދަރިވަރުންގެ ދިވެހި ބަސް، އިނގިރޭސި ބަސް، އަދި ހިސާބުގެ ފެންވަރު ހުރި މިންވަރު ދެނެގަތުމަށެވެ. މި އެސެސްމަންޓް ހިންގާފައިވަނީ ގްރޭޑް 4 އަދި 7 ގެ ދަރިވަރުންނާއި މުދައްރިސުންގެ ތެރެއިން ކޮންމެ ސްކޫލަކުން ރެންޑަމްކޮށް ނެގި ބައިވެެެރިންނާއެކުގައެވެ. މި އެސެސްމަންޓުގެ ނަތީޖާއަށް ބަލައި ސްކޫލްތަކުގައި މި މާއްދާތައް ކިޔަވަދިނުމަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ ކުރިއަށް އޮތް ތަނުގައި ސްކޫލްތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެއެވެ.

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް “މޯލްޑިވްސް ލޭމްޕް” އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީޕީއީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންވެސް ޙިއްޞާވެއެވެ.

Leave a Comment

Your email address will not be published.