ފަހިދޫ ބަހުސްގެ ރަނައަޕް ޓީމަކީ އެޑިޔުކޭޝަން

ޕީއެސްއެމް ފަހިދޫ ބަހުސް މުބާރާތު 2022 ގެ ދެވަނަ ޓީމަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ހޮވިއްޖެއެވެ. މުބާރާތުގެ ޗެމްޕިޔަން ޓީމަކީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރިކްރިއޭޝަން ކްލަބް، ކްލަބް ޖޭއެސްސީ އެވެ.
ފަހިދޫ ބަހުސް މުބާރާތުގެ ފައިނަލަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ދިޔައީ ސެމީފައިނަލް ބަހުސްގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ބައްދަލުކޮށްގެންނެވެ.

ރޭ ބޭއްވުނު ފަހިދޫ ބަހުސް މުބާރާތު 2022 ގެފައިނަލް ބަހުސްގެ މަވްޟޫޢުއަކީ ‘ދިވެހި ބަސް ތަރައްގީ ކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ތަޢުލީމީ ނިޒާމުގެ ތެރެއިންނެވެ’. އެޑިޔުކޭޝަން މިނިސްޓްރީން ނުކުތީ މިމަވްޟޫޢުއާ ދެކޮޅަށް ބަހުސްކުރުމަށެވެ.
ރޭގެ ފައިނަލްގައި 2 ވަނަ ޓީމަކަށް އެޑިޔުކޭޝަން ހޮވުނު ނަމަވެސް ފައިނަލް ބަހުސްގެ ފަހިދުލުގެ ވެރިޔަކަށް ހޮވުނީ އެޑިޔުކޭޝަން ޓީމުގެ އަޙްމަދު މުޖާހިދެވެ.

ރޭގެ ޚާޢްސަ މެހެމާނަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ކުރީގެ ރައީސް އަދި ދިވެހި ދައުލަތުން އިއްޒަތް އަރުވާފައިވާ އޮނަރަބްލް ޢައްބާސް އިބްރާހީމް އެވެ. ރޭގެ ބަހުސް ބައްލަވާލެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު އަލީ ވަޑައިގަތެވެ.
ފަހިދޫ ބަހުސް މުބާރާތުގެ ޗެމްޕިޔަން ޓީމަށް 20 ހާސް ރުފިޔާ އިނާމަކަށް ލިބެއެވެ. ރަނައަޕް ޓީމަށް ލިބެނީ 12 ހާސް ރުފިޔާއެވެ.

Leave a Comment

Your email address will not be published.