އުންމީދުގެ ހުޅުކޮޅު

ލިޔުނީ: މަރިޔަމް ނިހާޒް

 

ގޭތެރޭގައި އަވަދިނެތި މަސައްކަތުގައި އުޅެމުންދިޔަ ހަމްޝާއަށް ކުއްލިއަކަށް ހަނދާންވީ އޭނާގެ އުމުރުން 4 އަހަރުގެ ދަރިފުޅު ނަވާ ވީ ސްކޫލްގައި ކަމެވެ. ކުރަންހުރި މަސައްކަތް ހުއްޓާލުމަށްފަހު، އަވަސްއަވަހަށް ބުރުގާ ބަދަލުކޮށްލައިގެން، ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ސްކޫލުގެ ދޮރޯށިދޮށަށް ހަމްޝާ  ހުއްޓުނެވެ. ނަމަވެސް ދޮރޯށި ދޮށުގައި އިތުރު ބެލެނިވެރިއެއް ނެތެވެ.

” ވެދާނެ ކުދިން ބަލާ ކުލާސްރޫމް ކައިރިއަށް އެންމެން ދިޔައީ ކަމަށް”، ހަމްޝާ ހިތާ ހިތުން ބުނެލުމަށް ފަހު، ނަވާގެ ކުލާހާ ދިމާއަށް މިސްރާބުޖެހިއެވެ. ނަމަވެސް ކުލާހާ ކައިރިވި އިރުވެސް އިތުރު ބެލެނިވެރިއަކު ފެންނާކަށް ނެތެވެ.

“ހަމްޝާ”، ހަމްޝާ އަށް މީހަކު ގޮވާލި އަޑަށް އޭނާ ހުއްޓުނެވެ. އަދި އޭނާއަށް ގޮވާލީ ކާކު ތޯ ބަލާލިއިރު މާދުރު ނޫން ހިސާބެއްގައި ލީޑިންޓީޗަރ ހަނީފާ މަޑުކޮށްލައިގެން ހުއްޓެވެ.

ހަމްޝާ ހުއްޓުމުން ހަނީފާ ހަމްޝާ ގާތަށް އައެވެ.

“ނަވާ ބަލާ ދޯ ތިއައީ؟” ހަނީފާ ސުވާލު ކޮށްލިއެވެ.

ޖަވާބުދިނުމުގެ ގޮތުން ހަމްޝާ ބޯ ޖަހާލުމުން ހަނީފާ އެދުނީ އޭނާއާ އެކު ލީޑިން ޓީޗަރުން ތިބޭ ކޮޓަރިއަށް ހަމްޝާ ދިއުމަށެވެ. ހަމްޝާ ހަނީފާއާ އެކު އެ ކޮޓަރިއަށް ވަނުމުން، އެތާނގެ ގޮނޑިއެއްގައި އިށީނދެގެން އިން ނަވާ ހަމްޝާއަށް ފެނުނެވެ.

ހަނީފާ އެދުނީ ހަމްޝާއާއެކު މުހިއްމު ވާހަކައެއް ދައްކާލާށެވެ.

” ހަމްޝާ، (ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް އިޝާރާތްކޮށްލަމުން) ބުނެދީފާނަންތަ މިހާރު ގަޑިން ކިހާއިރެއްކަން؟” ހަނީފާ ވަރަށް މަޑުމައިތިރި އަޑަކުން ސުވާލު ކުރިއެވެ.

ހަމްޝާ ފާރުގައި ހުރި ގަޑިއަށް ބަލާލިއެވެ. ގަޑީގެ ކުޑަ ކަށި ހުރީ ބާރައިގައެވެ. ބޮޑު ކަށި ހުރީ އެގާރައިގައެވެ. ނަމަވެސް ހަމްޝާއަކަށް މިއިން މާނައެއް ދޭހައެއް ނުވިއެވެ. އެތައް އިރަކު ގަޑިއާ ދިމާއަށް ބަލަން ހުރުމަށްފަހު، ހަމްޝާ އިސްޖަހާލިއެވެ. ލަދުންނެވެ. މާޔޫސްކަމާއެކުއެވެ. އޭނާގެ މާޒީ ހަނދާން ކުރަމުންނެވެ. މަންމައެއް ބައްޕައެއްގެ ލޯބި ނުލިބި، މުސްކުޅި މާމައަކާއެކު  ޅައުމުރު ހޭދަކުރި ހިތްދަތި ދިރިއުޅުމެވެ. ސްކޫލަށް ދާ ދުވަސްތަކަށް ވުރެން ގިނަ ދުވަސް ހޭދަވަނީ އޮޑި ހަރުގެ ތަކަށް ކައްކާ ގެތަކުގައި މަސައްކަތް ކުރުމުގައެވެ. މާމަ ނިޔާވި އިރު އުމުރުން 17 އަހަރެވެ. ބޮޑުދައިތައެއްގެ ގޭގައި އުޅެމުން، 18 އަހަރު ފުރުނު އިރަށް މަސްވެރިއަކާ ކައިވެނިކުރީއެވެ. ތައުލީމަކީ ލިބުނު އެއްޗެއްނޫނެވެ.

“ހަމްޝާ، ދެރަނުވޭ. ލަދުނުގަނޭ. އަހަރެންނަށް އިނގޭ ހަމްޝާ އަށް ގަޑި ކިޔަން ނޭނގޭކަން. ބައެއް ދުވަސް ދުވަހު ނަވާ މާ އަވަހަށް، އަނެއްބައި ދުވަސް ދުވަހު މާލަހުން ސްކޫލަށް ގެނެސް، ގެންގޮސް ތި ހަދަނީ އެހެންވެ ނު؟ އަހަރެންނަށް ހަމްޝާގެ މާޒީވެސް އެނގޭ އަދި ނަވާއާއި ހަމްޝާގެ މުސްތަޤްބަލު އުޖާލާކޮށްދޭން ބޭނުން” ހަނީފާ ވާހަކަދައްކަމުން ގެންދިޔައެވެ.

ހަމްޝާ އިސްދަށަށްޖަހައިގެން ހުރެ އަޑުއަހަމުންދިޔައެވެ.

” ގަޑި ކިޔަން ނޭނގުމުގެ ސަބަބުން ނަވާއަށް ބޭސް ދޭންވާ ވަގުތުތަކަށް ވުރެ އަވަސް އަވަހަށް ބޭސް ދެވިގެން މަރުކަޒުގައި އެޑްމިޓް ކުރިވާހަކަ އިވުމުން އަހަރެން ވަރަށް ވިސްނިން. އަހަރެން ކިހިނެއްބާއޭ ހަމްޝާއަށް އެހީވާނީ. ނަސީބު ރަނގަޅުކަމުން މިއަދު މިއޮތީ އެފުރުސަތު ތަނަވަސްވެފައި. ހަމްޝާއަށް އެނގޭތަ! ތައުލީމީ ވުޒާރާއިން ހިލޭސާބަހަށް ބޮޑެތިމީހުންނަށް އިނގިރޭސި، ހިސާބު، ދިވެހި އަދި އިސްލާމް ކިޔަވައިދޭ ކުލާސްތަކެއް ސްކޫލްތަކާއި ކައުންސިލްތަކާ ގުޅިގެން ބައެއް ރަށްރަށުގަ އެބަ ފަށާ. މާދަމާ އެފަދަ ޓީމެއް މިރަށަށް އެބަ ޒިޔާރަތް ކުރޭ އަދި އަންނަ މަހު އެކުލާސްތައް ފެށޭނެ. އަހަރެން އެދެން ހަމްޝާ މިފުރުސަތުގެ ބޭނުން ހިފަން”

ހަމްޝާ އިސްއުފުލާބަލާލިއެވެ.  އޭރު އޭނާގެ ދެލޮލުން ކަރުނަ އޮހެއެވެ. އެކަމަކު އެއީ އުއްމީދުގެ އުފާވެރިކަމުގެ ކަރުނައެވެ.

“އިންޝާﷲ. އަހަރެން މި ފުރުސަތު ބޭނުން. ނަވާއަށްޓަކައިވެސް ހިފާނަން”

Leave a Comment

Your email address will not be published.