އިނގިރޭސި ބަސްތަކުގެ ސްޕެލިންގ ދަސްކުރުން: ޒަމާނާ އެއްގޮތަށް އެސެސްމަންޓް ބަދަލު ކުރުން

ނިއުމާ މުހައްމަދު
10.01.2022

1990 އިން ފެށިގެން އާ ޤައުމީ މަންހަޖު ތަންފީޒު ވުމާއި ހަމައަށް ވެސް ދަރިވަރުންނަށް ހަފްތާގެ ކޮންމެ ދުވަހަކު ބަސްތަކެއް ހިތުދަސްކުރަން ދިނުމަށްފަހު “ޑިކްޓޭޝަން” ދިނުން ސްކޫލްތަކުގައި ވަރަށް ބޮޑު އަހުމިއްޔަތު ކަމެއްދީގެން ވަނީ ގެންދެވިފައެވެ. ނުވަތަ މިހާރުވެސް މިގޮތަށް “ޑިކްޓޭޝަން” ދިނުން ކުރިއަށް އެބަ ގެންދެއެވެ. މިގޮތުން ފުލްމާރކްސް ހޯދާ ދަރިވަރުންގެ
“އެޗީވްމަންޓް” އެދުވަސްވަރު ސްކޫލްތަކުގައި ވަރަށް ގަދައަށް ފާހަގަ ކުރެވުނެވެ. ޤައުމީ މަންހަޖު (2015) ގައި ތަންފީޒުކުރުމުން އިހުގެ ގޮތްތަކާއި ސްކޫލްތަކުގެ ޒަމާނަށް ނުފެތޭ އުސޫލްތައް ދޫކޮށްލަން އެބަޖެހެއެވެ. ނުވަތަ ކިޔެވުމާއި އުނގަންނައިދިނުން ޒަމާނާއި އެއްގޮތަށް ބަދަލުވާން އެބަ ޖެހެއެވެ. ކަމެއް ބަދަލު ކުރުމަކީ އެއްވެސް ބައަކަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް 21 ވަނަ ޤަރުނުގެ ތަފާތު އުނގެނުމުގެ ވަށްޓަފާޅިތައް ސްކޫލްގައި ފަރިތަކުރަން އެބަޖެހެއެވެ. މިޤަރުނުގެ ހުނަރުތަކާއި އެއްގޮތަށް ކިޔަވައިދނުމާއި އުނގެނުން ބައްޓަން ކުރަން ޖެހެއެވެ. މި ހުނަރުތަކަކީ

1. ވިސްނާއި ފިކުރުކުރުން

2. ގުޅިގެން އުޅުން

3. އުފެއްދުންތެރިކަން

4. މުއާމަލާތްކުރުން

އެސެސްމަންޓްގެ ނަޒަރިއްޔާތުގެ ގޮތުން ބަލާނަމަ ސްކޫލްތަކުގައި މިދެވޭ “ޑިކްޓޭޝަން” ކުރިއަށް ގެންދާގޮތުން އެ އެސެސްމަންޓް ބަދަލުވެގެންދަނީ ވަރަށް “ހައި ސްޓޭކް އެސެސްމަންޓް” އަކަށެވެ. ދަރިވަރުންނަށް މާރކްސްދީ ގޮތަކަށް ހުރިހާކުދިން ރޭންކް ކުރެވެނީއެވެ. އަދި ދެވޭ ފީޑްބެކްގައި މުދައްރިސުން ދަރިވަރުންނަށް “ފުލް މާރކްސް” ހޯދުމަށް ބާރުއަޅައެވެ. މިހެންވުމުގެ ސަބަބުން ދަރިވަރުން ސްކޫލަށް ނުދާން އުޅުމާއި ކިޔެވުން މަތިން ފޫހިވާތަންވެސް އެބަ ފެނެއެވެ. މިސާލަކަށް، އެންމެ ބަހެއް ނުބައިވިއަސް ދަރިވަރާއި ބެލެނިވެރިޔާ އެކަމާ ހިތާމަ ކުރެއެވެ. ބައެއް ދަރިވަރުނަށް ހަފްތާ ބަންދުގައި އާއިލާއެކު ބޭރަށްވެސް މަޖާކޮށްލަން މިކަމާ ހެދި ނުދެވެއެވެ. އެއީ ބެލެނިވެރިން މިދަރިވަރުންނަށް ގަދަ އަޅައިގެން ހަފްތާ ބަންދުގައި މިބަސްތައް ހިތު ދަސްކުރުމަށް ބާރުއަޅުވާތީއެވެ. ދަރިވަރުންނަށް ދިމާވެގެން ނުވާނެ ކަހަލަ ނަފްސާނީ އަދި ޖަބްޒާތީ ކަންތައްތަކާ މިދަނީ ދިމާވަމުންނެވެ.

ބަސްތަކެއްގެ ސްޕެލިންގ ދަސްކޮށް ފަރިތަކޮށްދޭން ބޭނުންވާނަމަ “ވޯރޑްސް ފޯ ދަ ވީކް” ނުވަތަ ” ޓު ޑޭސް ވޯރޑް” ފަދަ ތަފާތު އެހެން ނަންތައް ބޭނުން ކުރެވިދާނެއެވެ. މިފަދަ ދަރިވަރުންނާއި ރަހުމަތްތެރި ބަސްތައް ބޭނުންކުރަން އެބަ ޖެހެއެވެ. ބަސް ދަސްކުރަން ދިނުމުގައިވެސް ދެވޭ އަދަދު މަދުކޮށްލުން ވެސް މުހިންމެވެ. އަދި، ދަސްކޮށް ދިނުމުގައި އަކުރުގެ ސައުންޑު/ އަޑުތައް/ ފޯނިކްސް / ރައިމިން ވޯރޑްސް / އަކުރުގެ ސިފަބޭނުންކޮށް ސްޕެލްކުރަން ދަސްކޮށް ދެވިދާނެއެވެ. ދެވޭ ބަސްތައް އެކުދިންނަށް ދޭހަވުން މާމުހިންމެވެ. ނުވަތަ ބަސް ބޭނުން ކުރަން ދަސްކޮށް ދޭންވީ އެވެ. ޑިކްޓޭޝަންގެ މާރކްސް ބޭނުންކޮށް ދަރިވަރުން “ރޭންކު” ކޮށް “ހައި ސްޓޭކް” އެސެސްމަންޓް ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ. ކޮންމެ ކުލާހެއްގައިވެސް ތަފާތު ގޮތްގޮތަށް އުނގެނޭ، ތަފާތު ފެންވަރުގެ، އުމުރުގެ ގޮތުން ވެސް ތަފާތު އަދި ލަސްލަހުން އުނގެނޭ ދަރިވަރުން އުޅޭނެއެވެ.

މިއީ 21 ވަނަ ޤަރުނެވެ. މިޤަރުނުގައި މިވަނީ ކިޔަވައި ދިނުމާއި އުނގަންނައިދިނުމަށް ބަދަލުތަކެއް އައިސް ޒަމާނީގޮތުން ވަރަށް ބައިވަރު ކުރިއެރުން ތަކެއްވެސް ހޯދައިފައެވެ. މިގޮތުން ސްކޫލްގައި ސްޕެލިންގ ދަސްކޮށް ދިނުމުގައާއި އެބަސްތައް އެސެސްކުރުމުގައި ދަރިވަރުން ޝައުޤުވެރިވާ ފަދަ ގޮތަކަށް އެސެސްމަންޓްތައް ބަދަލުކޮށްލަންޖެހެއެވެ. ޅަފަތުގެ ތައުލީމާއި އަދި ފަށާ ތައުލީމުގެ ދަރިވަރުންނަށް މީގެ ސަބަބުން ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް އެބަކުރެއެވެ. މިފުރާތަކުގެ ދަރިވަރުންގެ އުނގެނުން ކުރިއަށްދާންވާނީ މަޖާ ހަރަކާތްތަކުންނެވެ. ދަރިވަރުން އުނގެނުމަށް ޝައުޤުވެރިވާގޮތް ގޮތަށެވެ.

ތިރީގައި މިވަނީ ބަސްތަކުގެ ސްޕެލިންގ ކިޔަވައިދިނުމާއި އުނގެނުން ކުރިއަށް ގެންދެވިދާނެ ތަފާތު ގޮތްތަކެވެ.

• ދެވިފައިވާ ބަސްތައް އެލްފަބެޓިކަލް އޯރޑަރއަށް ލިޔުއްވުން
• އެ ބަސްތައް އިދިކޮޅަށް ލިޔުއްވުމަށްފަހު ރަނަގަޅުކޮޅަށް ލިޔުއްވުން
• އެ ބަސްތަކުން މަޖާ ޖުމުލަ ލިޔުއްވުން
• އެ ބަސްތަކުގެ އަކުރުތައް ބޭނުންކޮށްގެން އެހެން ކުދި އާ ބަސް ތަކެއް އުފެއްދުން
• ޑިކްޝަނަރީ ބޭނުންކޮށްގެން އެބަސްތަކުގެ މާނަ/ މާނަތައް ހޯދުން
• އެ ބަސްތައް ކުރަހައިގެން ދެއްކުން
• އެ ލިސްޓުގައި ހުރި ބަސްތައް ކޮންމެ ބަހެއް ތަފާތު 5 ކުލައަކުން ލިޔުއްވުން
• އެކި ގޮތްގޮތަށް ރޮނގެއް ދެމުމަށް ފަހު ރޮގުގެ މަތީގައާއި ތިރީގައި އެބަސްތައް ލިޔުއްވުން/ ތަފާތު ޑިޒައިންގެ ރޮނގުތައް ކުރެހުމަށް ބުނެވިދާނެ
• ކޮންމެ ބަހެއް ވައި އަޑުން ކިޔަމުން 3 ފަހަރު ލިޔުން
• ލިޔަން ބޭނުންކުރާ އަތްނޫން އަނެއް އަތުން ބަސްތައް ލިޔުއްވުން
• އޭބީސީގެ އަކުރުތަކަށް ނަމްބަރެއް ދިނުމަށް ފަހު ދެވިފައިވާބަސްތަކުގެ ސްޕެލިން ނަމްބަރު ބޭނުންކޮށް ކޯޑުން ލިޔުން
• ދެވިފައިވާ ބަސްތައް ކްރެޔަން ބޭނުންކޮށް ލިޔުމަށްފަހު މާރކަރުން ފަވާލުން
• ދެވިފައިވާ ބަސްތައް ބޭނުންކޮށް ވާހަކައެއް ލިޔުން
• ދެވިފައިވާ ބަސްތައް ތަފާތު 2 ނުވަތަ 3 “ފޭންސީ” ފޮންޓްގެ ޑިޒައިން ފޮންޓުން ލިޔުއްވުން
• ތަސްވީރެއް ކުރެހުމަށްފަހު ތަސްވީރުގައި ބަސްތައް ނުފެންނަ ގޮތައް ލިޔެ އެހެން ދަރިވަރަކުލައްވާ އެބަސްތައް ހޯދުން
• ދެވިފައިވާ ބަސްތައް ކެޕިޓަލްކޮށް އަދި ސިންޕަލްކޮށް ލިޔުއްވުން
• ދެވިފައިވާ ބަސްތައް ނޫހަކުން ނުވަތަ މެގެޒިންއަކުން ހޯދުން/ ކަފައި ތަތްކުރުން
• ބަސްތަކުގެ ކޮންމެ އަކުރެއް ތަފާތުކުލައަކުން ލިޔުން
• ދެވިފައިވާ ބަސްތަކަށް “ރައިމިން”ވާ ބަސް/ބަސްތަކެއް ލިޔުއްވުން
• ދެވިފައިވާ ބަސްތަކުގެ ކޮންމެ ބަހެއް ބޭނުންކޮށް “ވޯރޑްޗެއިން”އެއް ލިޔުން
• ބަސްތަކަށް “ރިޑްލްސް” ހެދުން
• ޕްލޭ ޑޯ ބޭނުންކޮށް ބަސްތައް ހެދުން

Leave a Comment

Your email address will not be published.