ނިއުމާ މުހައްމަދު
11 /01/2023
“ފީޑްބެކަކީ” ދަރިވަރުންނާއި ހަވާލުކުރާ ހަރަކާތްތައް އޭނާ އެ މަސައްކަތްކުރި ގޮތުގެ ފެންވަރު ތަފްސީލްކޮށް އޭނާއަށް ކިޔައިދިނުމެވެ. މީގެ ތެރޭގައި ދަރިވަރުން ރަނގަޅަށް ކުރެވުނީ ކޮންކަމެއްކަމާއި، ނުކުރަނީ ކޮން ކަމެއްކަމާއި، ރަނގަޅު ކުރަންވީ ބައިތައް ފީޑްބެކްއިން އެނގި ސާފުވާނެއެވެ. އަދި ފީޑްބެކްގެ ޒަރީއާއިން ކުރިއަށްހުރި އުނގެނުމުގެ ބައިތައްވެސް އޮޅުންފިލުވައިދެވޭނެއެވެ. މިބައަށް މިކިޔަނީ “ފީޑް ފޯރވާޑް”އެވެ. ފީޑްބެކަކީ ދަރިވަރުގެ ޖުމުލަ ތަރައްގީއަށް ވަރަށް ބޭނުންތެރި އެހާމެ މުހިންމު އެއްޗެކެވެ.
ދަރިވަރުން މަސައްކަތް ނުވަތަ އެހަރަކާތެއް ފެށުމުގެ ކުރިން ދަރިވަރުންނާއި ފެންވަރުބަލާ މިންގަޑު ނުވަތަ “ރުބްރިކްސް” ނުވަތަ “ސަކްސެސް ކްރައިޓީރިއާ” ހިއްސާކޮށް ދަރިވަރުންނާއި ހަވާލުކުރާ މަސައްކަތް ކާމިޔާބުވާނީ ކިހިނެއްކަން ރަނގަޅަށް އޮޅުންފިލުވައިދީ ހަދަންވާނެއެވެ. ދަރިވަރުންނާއި ހަވާލުކުރެވޭ މަސައްކަތުގެ “ސަކްސެސް ކްރައިޓީރިއާ” ފެންނާނޭ ފަދަ ގޮތަކަށް ކުލާހުގައި “ޑިސްޕްލޭ” ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.
ފީޑްބެކް ދެވިދާނެ ވަގުތުތައް:
ކުލާހުގައި ކިޔެވުމާއި އުނގެނިދަސްކުރާ ކޮންމެ މަރުހަލާއެއްގައިވެސް “ފީޑްބެކް” ދެވިދާނެއެވެ. މިސާލަކަށް:
· ދަރިވަރުންނާއި ހަވާލުކުރި ހަރަކާތާއި އެމަސައްކަތް ކުރަމުންދާ އިރު
· ދަރިވަރުން އެދަރިވަރުންގެ މަސައްކަތް ހުށަހަޅަމުންދާ އިރު
· ދަރިވަރުން މަސައްކަތް ކޮށް ނިމުމުން
ފައިދާ ހުރި ފީޑްބެކްއިން ފޯރުކޮށްދެވެނީ:
1) މަސައްކަތްކުރި ގޮތުގެ މަޢުލޫމާތު: މިހާރު ދަރިވަރު ހުރިހިސާބެއް، ވީކިހިނެއްކަން ދަރިވަރަށް އެނގި އަދި ދަރިވަރު ކުރިކަންތައް ދަރިވަރަށް ސާފުކޮށްދިނުން
2) މަސައްކަތުގެ ފެންވަރު: މަސައްކަތް ފުރިހަމަ ކުރުމުން ފެންނަ ނަތީޖާ ރަނގަޅު ވިއަސް އަދި ނުވިއަސް ދަރިވަރަށް އަންގައިދޭންވެގެން
3) އިތުރު އެހީތެރިކަން: ފެންވަރު ރަނގަޅު ވާނީ ކިހިނެއް ހަދައިގެންކަން ދަރިވަރަށް އަންގައިދިނުމަށް
ފީޑްބެކް ދެމުންދާއިރު :
ދަރިވަރުންނަށް “ފީޑްބެކް” ދެމުންދާއިރު ދެވުނު ފީޑްބެކަކީ ކޮންކަމަކަށް ޚާއްސަ ކޮށްފައިވާ އެއްޗެއްކަން އެނގި އެކަން ވަރަށް ރަގަޅަށް ދަރިވަރަށް ސާފުވާންވާނެއެވެ. ކުރި މަސައްކަތާ ބެހޭގޮތުން ދެވޭ “ފީޑްބެކް” މައުލޫމާތަކީ އެއްވެސް ގޮތަކަށް އޮޅުން އަރާނެ ކަހަލަ މައުލޫމާތަކަށް ވެގެންނުވާނެއެވެ. އެ މައުލޫމާތަކީ ދަރިވަރުގެ ކުރިއެރުމަށް ތަފާތު ގޮތްގޮތަށް ބޭނުންކުރެވިދާނެ އެއްޗަކަށް ވާންޖެހޭނެއެވެ. އަދި “ފީޑްބެކް” ދޭއިރު ތަފާތު މިސާލުތަކާއި ނަމޫނާތަކާއި ތަފާތު ޚިޔާލުތައް ދަރިވަރާއި ހިއްސާކުރަންވާނެއެވެ.
“ފީޑްބެކް” ދެމުންދާއިރު ދަރިވަރުގެ މަސައްކަތް މުދައްރިސު އަގު ކުރާކަން މުއާމަލާތްކުރާއިރު ދަރިވަރަށް އިހްސާސްވާންވާނެއެވެ. ދަރިވަރު ކުރިއަރުވަން މުދައްރިސް ބޭނުންވާކަން އަޑާއި ރާގުންވެސް އެދަރިވަރަށް އިހްސާސްވުމުން އޭނާ އެލިބޭ “ފީޑްބެކް” ތައް ބަލައިގަންނާއެވެ. މިސާލަކަށް، ދަރިވަރަށް އުނގެނެން ފަހިވާގޮތަށް ވާހަކަދެއްކުން ކުރިއަށްގެންދަން ވާނެއެވެ. ދަރިވަރު މިހާރުކޮށްފައި ހުރި މަސައްކަތްތައް ބަލައިގަނެ އެކަމަށް ހިތްވަރުދޭން ވާނެއެވެ. ފާޑުކިޔުމުގައި ވެސް ބިނާ ކުރުވަނިވި ފާޑުކިޔުމަކަށް ވާންވާނެއެވެ. އެކިއެކި ކަންތައްތައް ކުރާނޭގޮތުގެ ޚިޔާލުތައް ދިނުމަށްފަހު ދަރިވަރަށް އެކަމެއް ރަނގަޅުކޮށް ފުރިހަމަކުރުމަށް ވަގުތު ދޭންވާނެއެވެ. ދަރިވަރަށް ފައިދާ ކުރާނީ ކޮން ގޮތަކަށް ކަންތައްތައް ކުރުމުންކަން ދަރިވަރަށް އިހްސާސް ކޮށްދިނުމަކީވެސް ވަރަށް މުހިންމުކަމެކެވެ.
ފީޑްބެކްގެ ބައެއް މުހިންމު ސިފަތައް
ކުރިއަށްދާންވީ ދިމާތައް ދަރިވަރަށް ރަނގަޅަށް އޮޅުންފިލައި މުދައްރިސު ދޭ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމުން ކުރިއަށްދެވޭނޭކަން ދަރިވަރަށް އަމިއްލައަށް ޤަބޫލުކުރެވެންވާނެއެވެ. ކާމިޔާބު ވާނެކަން ދަރިވަރަށް ވިސްނި އަމިއްލައަށް ޔަޤީންކަން ކަށަވަރުވާން ވާނެއެވެ. އަނގަބަހުން “ފީޑްބެކް” ދިނުމުގައި ދަރިވަރަށް ވާހަކަ ދައްކަން ފުރުސަތުދީ އޭނާގެ ވާހަކަތައް ވެސް މުދައްރިސް އަޑުއަހައިލަން ވާނެއެވެ. ލިޔެފައިވާ “ފީޑްބެކް” އެއް ނަމަ ފަސޭހަ ކަމާއެކު ކިޔާލެވޭ ސީދާސާދާ ލިޔުމަކަށްވުމާއި ދަރިވަރު ބޭނުންވާ ކޮންމެ ވަގުތެއްގައި ދަރިވަރަށް އެފެންނާނެ އެއްޗަކަށްވުން ވަރަށް މުހިންމެވެ. ރަގަޅު ފައިދާ ކުރަނިވި ފީޑްބެކް ހުންނާނީ ދަރިވަރު ކުރިއަރާނޭ ކަހަލަ ގޮތަށް ބައްޓަންކޮށް ވަރަށް ތަފްސީލްކޮށެވެ. އަދި އެމައުލޫމާތު ދަރިވަރަށް ޚާއްސަވެ ދަރިވަރުގެ މަސައްކަތާއި ގުޅުން ހުންނާނެއެވެ.
ދަރިވަރުންނާއި ބެލެނިވެރިންނާއި ބައްދަލުކޮށް “ފީޑްބެކް” ގެ މުހިންމުކަމާއި ބެހޭގޮތުން ވާހަކަ ދައްކައި ކުރިއަށް އޮތް ތަނުގައި މުދައްރިސް ޤަވާއިދުން “ފީޑްބެކް” ދޭނެކަމާއި، އެދެވޭނީ ކޮން ގޮތްގޮތަކަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަކީ ވަރަށް މުހިންމުކަމެކެވެ. “ފީޑްބެކް” ބައްޓަން ވެގެން ދާނީ ހަވާލު ކުރެވޭ ހަރަކާތާއި މަސައްކަތުގެ ޒާތުންނާއި އެމަސައްކަތުގައި އެކުލެވިގެންވާ އުނގެނުމުގެ ބައިތަކުގެ މައްޗަށެވެ. އުނގެނި ދަސްކުރުމުގެ ބައެއް ހާލަތްތަކުގައި އެކަމަކާ ބެހޭގޮތުން ދަރިވަރުންނާއި އަބަދުވެސް ދާއިމީ ގޮތެއްގައި ވާހަކަ ދެކެވެމުންދާންޖެހޭނެއެވެ. “ފީޑްބެކް” ދިނުމުގެ މުހިންމުކަން ދަރިވަރަށް ރަނގަޅަށް އެނގި ސާފުވާންވާނެއެވެ. އުފާވެރި މާހައުލެއްގައި “ފީޑްބެކް” ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ދަރިވަރުގެ އަމިއްލަ ނަފްސަށް އިތުބާރު ލިބޭގޮތްގޮތަށް މުދައްރިސުގެ ވާހަކަ ދެއްކުންވެސް ބަހައްޓަންވާނެއެވެ.