އައްޑޫ ސިޓީ ފޭދޫ ސްކޫލަށް 50 އަހަރު ފުރޭ މުނާސަބާއާގުޅިގެން ބާއްވާ ‘ފޭދޫ ސްކޫލްގެ ރަންޔޫބީލް ޖަލްސާ’ އެސްކޫލްގައި މިރޭ ބާއްވައިފިއެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ވާހަކަފުޅު ދެއްކެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފޭދޫ ސްކޫލްގެ ތާރީޚަށް ބައްލަވާލައްވައި އެސްކޫލަކީ 60 އެއްހައި އަހަރުގެ ދިގުމާޒީއެއް އޮތް ސްކޫލެއްކަން ފާހަގަ ކުރައްވައި އެރަށުގެ ރައްޔަތުން ތަޢުލީމަށްދެއްވާ ޚާއްޞަކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ފޭދޫ އައުސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރިޔަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ދެއްވާފައިވެއެވެ.
މިޖަލްސާގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅުގައި މިއަހަރުގެ ބަޖެޓްގައި ފޭދޫ އައު ސްކޫލްގެ އައު ޢިމާރާތް ހިމެނިފައިވާކަން ފާހަގަ ކުރައްވައި އައު ސްކޫލް ޢިމާރާތްވެގެންދާނީ ހުރިހާކަމެއް ފުރިހަމަ އެންމެ ޒަމާނީ އިމާރާތަކަށް ކަމުގައި ހާމަކުރައްވާފައިވެއެވެ. އެކަމަނާގެ ވާހަކަފުޅުގައި ފޭދޫ ސްކޫލްގެ ދަރިވަރުންގެ ކިބައިން 2 ކަމަކަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެ އެދެކަންތަކުގެ ތަފްސީލް ގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާ ވިދާޅުވީ މީގެ ތެރެއިން އެއްކަމަކީ މައިންބަފައިން އުއްމީދުކުރާފަދަ ކުދިންތަކަކަށް ދަރިވަރުންވެ މައިންބަފައިންގެ އުއްމީދުތައް ހާސިލުކުރުމަށް މަސައްކަތްކުރުމެވެ. ދެވަނަ ކަމަކީ އެހެންމީހުންނަށް އުފާވެރިކަން ގެނެސްދޭ ބަޔަކަށް ވާން ދަރިވަރުން މަސައްކަތްކުރުމެވެ. މިދެކަންތައް ފާހަގަކުރައްވައި ތަފްސީލީ ގޮތެއްގައި މިކަންކަމުގެ މައްޗަށް އަލިއަޅުއްވައި އެޑިޔުކޭޝަން މިނިސްޓަރވަނީ ވާހަކަ ފުޅު ދައްކަވާފައެވެ.
ފޭދޫ ސްކޫލްގެ ރަން ޔޫބީލް މިޖަލްސާގައި ރަންޔޫބީލްގެ ހަނދާނީ ފިލާ އެރުވުންވެސް އޮތެވެ. 10 އަހަރަށްވުރެން ގިނަދުވަހު ފޭދޫ ސްކޫލްއަށް ޚިދުމަތްކުރެއްވި ބޭފުޅުންނާ ރަންޔޫބީލް ފިލާ ޙަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޢަލީއެވެ. 15 އަހަރަށްވުރެން ގިނަދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނަށް ރަންޔޫބީލް ފިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
މިޖަލްސާގައި ސަރުކާރުގެ އިސްބޭފުޅުންނާއި އައްޑޫސިޓީގެ މޭޔަރާއި އެސިޓީގެ ތަފާތު ފަންތިތަކުގެ އިސްބޭފުޅުންނާއި ސްކޫލްގެ ޕްރިންސިޕަލް އަދި ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވެ.