ކުލާސް ކޮންޓްރޯލުކުރުމުގެ މުހިންމުކަން: ބޭނުން ކުރެވިދާނެ އުކުޅެއް

ނިއުމާ މުހައްމަދު

19 ޖެނުއަރީ 2023

ކުލާސް ކޮންޓްރޯލު ކުރުމަކީ ކޮންމެ މުދައްރިސެއްގެ ކިބައިގައި ހުންނަން ޖެހޭ ޤާބިލްކަމެކެވެ. މިއީ މުދައްރިސުކަމުގެ ތަމްރީން ވުމުގެ ތެރޭގައި ދަސްކުރަންޖެހޭ މުހިންމު ހުނަރެކެވެ. ދަރިވަރުން ކޮންޓްރޯލު ނުވެއްޖެނަމަ އުނގަންނައި ދިނުން މުދައްރިސުންނަށް ކާމިޔާބު ނުކުރެވޭނެއެވެ. އެއީ މުދައްރިސުން ފިލާވަޅަށް ތައްޔާރުވެ ކޮންމެ ދުވަހެއްގައި ވެސް ދަރިވަރުންނާއި ބައްދަލުކުރަނީ ވަކި މަޤްސަދުތަކެއް ހާސިލުކުރާށެވެ.

ނަމަވެސް ދަރިވަރުން ކޮންޓްރޯލްކޮށް މުދައްރިސު ތައްޔާރުވިގޮތަށް ފިލާވަޅު ނުގެންދެވޭ ފަހަރު ވަރަށް ގިނައިން ދިމާވެއެވެ. ބައެއް ފިލާވަޅުތައް ނާކާބިޔާބުވަނީ ކުލާސް އަޑުގަދަވެ ކުލާސް ކޮންޓްރޯލުނުވުމުގެ ސަބަބުންނެވެ. ހާއްސަކޮށް ދަސްކުރާ މުދައްރިސުންނަށް “ޓީޗިން ޕްރެކްޓިސް” ގައި މިފަދަ ހާދިސާތަކާ ވަރަށް ގިނައިން ދިމާވެއެވެ. ގިނަ ފަހަރަށް މުދައްރިސުން ދަރިވަރުންނާ ދިމާއަށް “އަޑުމަޑުކުރޭ” މިހެން އަބަދުހެން ބުނަން ޖެހެއެވެ. ނޫނީ ކޮޅަށް ތެދުކޮށް އަތްމައްޗަށް ނެގުންފަދަ ކަންތައްތައް ކުރަންޖެހެއެވެ.

ދަރިވަރުން މިފަދައިން އަޑުގަދަކޮށް އުޅުމަކީ މުދައްރިސުން ހާސްވެ ފިކުރުބޮޑުވާން ދިމާވާ އެއް ސަބަބެވެ. އަދި މިކަމުގެ ސަބަބުން ރޭވިގޮތަށް ފިލާވަޅު ކުރިއަށް ނުގެންދެވެއެވެ. ވުމާއެކު މިފަދައިން ކަންތައްތައް ދިމާ ނުވާނެ ފަދަ އުސޫލުތަކާއި އެއްބަސްވުންތައް ފިލާވަޅު ފެށުމުގެ ކުރިން ދަރިވަރުންނަށް ހަނދާންކޮށްދޭން ޖެހެއެވެ. މިފަދަ އުސޫލުތަކުގެ ސަބަބުން މުދައްރިސުންނަށް އިހްތިރާމް ކުރުމާއި މުދައްރިސުންދޭ އިރުޝާދުތަކަށް ސަމާލުކަންދިނުން އިތުރުވެގެންދާނެއެވެ. އަދި ވަގުތަށް ހުރުމަތްތެރިކޮށް ހިތުމަށް ދަރިވަރުންނަށް ދަސްކޮށްދެވި އަދި ވަގުތަށް ކަމޭހިތުމަކީ ކިހާ މުހިންމުކަމެއްކަން ދަރިވަރުންނަށް އިހްސާސްވާނެއެވެ. އަދި ދަރިވަރުންގެ ކިބައިގައި ހުންނަ ނޭދެވޭ އެހެނިހެން ސިފަތަކާއި ދުރުހެލިވާން ވެސް މީގެ ސަބަބުން ފަސޭހަ ވެގެންދާނެއެވެ.

މިއީ އުނގެނުމުގެ ތެރެއިން ކުރިއަށް ގެންދަންޖެހޭ ވަރަށް މުހިންމު ބައެކެވެ. މުދައްރިސާއި ދަރިވަރުންނާ ދެމެދު ހިނގާ މިފަދަ އެއްބަސްވުންތަކާއި ޤަވާއިދުތަކަށް ދަރިވަރުން ކަމޭހިތަން ދަސްކޮށްދޭން ޖެހެއެވެ. މިގޮތަށް މުދައްރިސުން ފިލާވަޅު ފެށުމުގެ ކުރިން ކަންތައްތައް ރާވައިގެން ކުރިއަށް ގެންދިއުމުން ދަރިވަރުންނަށް އަމިއްލަ ދިރިއުޅުމުގެ މައިދާނުގައި ވެސް މިފަދަ ކަންތައްތަކާއި ކުރިމަތިލާން އޭރުން ފަސޭހަވެގެންދާނެއެވެ. އަދި ޤައުމީ މަންހަޖުގައިވާ މައިގަޑު ޤަބިލިއްޔަތުގެ ބައެއް ޤާބިލިއްޔަތުތައްވެސް މިގޮތަށް ކަންތައްކުރުމުން ހާސިލުވެގެންދާނެއެވެ.

މިގޮތުން މިބަލައިލަނީ މިފަދަ ބޭނުމުގައި ގެންގުޅެވިދާނެ އުކުޅަކަށެވެ. އެއީ “އަޑުގެ މިންގަޑު” ނުވަތަ “ވޮއިސް ލެވެލް” ގެ އުސޫލެއް ކުލާހުގައި ބޭނުންކުރުމެވެ. މިގޮތުން “އަޑުގެ މިންގަޑު” ދައްކައިދޭ ޕޯސްޓަރެއް ކުލާހުގައި ބެހެއްޓި ދާނެއެވެ. އަދި ފިލާވަޅު ފެށުމުގެކުރިން އަޑު ހުންނަންވީ މިންގަޑު ދަރިވަރުންނަށް ފާހަގަކޮށް ދެވިދާނެއެވެ. މިސާލަކަށް،  ތަފާތު ހަރަކާތްތައް އޮޅުން ފިލުވައި ދިނުމަށްފަހު އަޑުގެންގުޅެންވީ މިންވަރު ދަރިވަރުންނަށް ހަނދާންކޮށް ދެމުން ގެންދިއުމުން މުދައްރިސަށް “ކުލާސް ކޮންޓްރޯލް” ކުރުމަށް ފަސޭހަވެގެން ދާނެއެވެ. އެގޮތުން މިފަދަ ބަސްތައް ބޭނުން ކުރެވިދާނެއެވެ. އަދި ދެވި ފައިވާ މިސާލުތަކުގައިވާ ތަސްވީރުތައް ގޮތަށް ޕޯސްޓަރު ތައްޔާރު ކޮށްލެވިދާނެއެވެ.

1) ހަމަ ހިމޭން / އަޑު ވަރަށް މަޑު/ ވައި އަޑު

2) ދޭދޭ ކުދިންގެ ވާހަކަ ދެއްކުން / ޕާރޓްނަރ އާއެކަނި

3) ގްރޫޕް މަޝްވަރާ / ހަމަ އެކަނި ގްރޫޕް ކުދިންނާ އެކަނި

4) ބޭރުތެރޭ އަޑު / ވަރަށް އަޑު ގަދަ / ވަރަށް ބާރަށް ވާހަކަ ދެއްކޭނެ / ޕްރެޒެންޓަރ ގެ އަޑު / މުޅި ކުލާސް އެއްފަހަރާ

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.