ޢިއްޒުއްދީން ސްކޫލްގެ 3 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ޢަލީ ޙަސަން – ޢިއްޒުއްދީން ސްކޫލް

16/01/2023

ޢިއްޒުއްދީން ސްކޫލްގެ 3 ވަނަ އަހަރީ ދުވަސް މި ޖެނުއަރީ މަހުގެ 16 ވީ ހޯމަ ދުވަހު ފާހަގަކޮށްފި އެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ސްކޫލްގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ފާތިމަތު ނަޞީރެވެ. މީގެ އިތުރުން އެޖަލްސާގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދާއި އާއިޝަތު އާތިޔާ ނަޞީރާއި ޑެޕިޔުޓީ މިނިސްޓަރ ޝަރުމާ ނަޞީރާއި މުޙައްމަދު އިޙްސާން ބައިވެރިވެ ވަޑައިގަތެވެ.

ޢިއްޒުއްދީން ސްކޫލްގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ޖަލްސާގައި އެ ސްކޫލްގެ ޕްރިންސިޕަލް ނާދިރާ ޙަސަން އާއި ސީނިއަރ މެނޭޖްމެންޓާއި މުދައްރިސުންނާއި ބެލެނިވެރިންގެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި އަދި ސްކޫލްގެ ދަރިވަރުން ބައިވެރިވިއެވެ.

ހޯމަ ދުވަހުގެ ހެނދުނު 08:45 ގައި ކުރިއަށް ގެންދިޔަ މި ޖަލްސާގައި ޝަރަފުވެރި މެހެމާން މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ފާތިމަތު ނަޞީރު ދެއްކެވި ވާހަކަފުޅުގައި ޢިއްޒުއްދީން ސްކޫލް ފާއިތުވި 3 އަހަރު ހޯދާފައިވާ ކާމިޔާބުތަކުގެ މައްޗަށް އަލިއަޅުއްވައި ލެއްވެވިއެވެ. އަދި ވަށައި ޖެހޭ ތަޢުލީމެއް ފޯރުކޮށްދޭ އެއްދަންފަޅި ސްކޫލެއްގެ ގޮތުގައި ޢިއްޒުއްދީން ސްކޫލް ހުޅުވި މަޤުޞަދު ޙާޞިލުވަމުން އަންނަކަން އުފަލާއެކު ފާހަގަކުރެއްވި އެވެ.

ޢިއްޒުއްދީން ސްކޫލްގައި ބޭނުންކުރަމުން އަންނަ އޮޑިޓޯރިއަމް މި އަހަރުގެ އަހަރީ ދުވަހާ ގުޅުވައިގެން އަލުން ހުޅުވާފައިވަނީވެސް މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ފާތިމަތު ނަޞީރެވެ. މިއީ ރާއްޖޭގެ ސްކޫލެއްގައި މިހާތަނަށް އޮޑިޓޯރިއަމެއް ހުންނަ ފުރަތަމަ ސްކޫލެވެ.

ޢިއްޒުއްދީން ސްކޫލަށް 3 އަހަރު ފުރުނުއިރު އެ ސްކޫލްގައި ކިޔަވައިދެމުން އަންނަނީ ގްރޭޑް 1 ން 8 އަށެވެ.

މިއީ އެއްދަންފަޅި ސްކޫލެއްގެ ގޮތުގައި  12 ޖެނުއަރީ 2020 ގައި ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހުޅުއްވަވައި ދެއްވި ސްކޫލެކެވެ. ނަމަވެސް މިއަހަރު މި ދުވަސް ރަސްމީކޮށް ފާހަގަކުރެވިފައިވަނީ މި ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

ޢިއްޒުއްދީން ސްކޫލަށް 3 އަހަރު ފުރުނު އިރު އެ ސްކޫލްގައި ކިޔަވަމުން އަންނަނީ ޖުމުލަ 435 ދަރިވަރުންނެވެ.

 

 

 

 

 

 

Leave a Comment

Your email address will not be published.