ބޮޑެތި މީހުންގެ ތަޢުލީމާއި ޖަމާޢަތުގެ ތަރައްޤީއާ ދެމެދު އޮތް ގުޅުން

ލިޔުނީ: މަރިޔަމް ނިހާޒު އަދި އަޙްމަދު މުޙައްމަދު

ތަޢުލީމަކީ ތަރައްޤީއަށް ވަރަށް މުހިންމު ވަސީލަތެކެވެ. ހަމައެއާއެކު ތަރައްޤީވެ ކުރިއަރައި ދިއުމަށް މުޖުތަމައުގައި ދިރިއުޅޭ އެންމެންނަށް ލިޔަންކިޔަން އެނގުމަކީ އޭގެ އެންމެ ވަރުގަދަ ހަތިޔާރެވެ. އެގޮތުން ބޮޑެތި މީހުންގެ ތަޢުލީމަކީ ކޮންމެ މުޖުތަމައެއްގައިވެސް ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

ބޮޑެތި މީހުންގެ ތަޢުލީމަކީ މުޖުތަމަޢުގެ ތަރައްޤީގެ މުހިންމު ބައެއްގެ ގޮތުގައި ސިފަކުރެވެނީ، މުޖުތަމަޢުގައި ދިރިއުޅުމަށްޓަކައި އެއިން ކޮންމެ މީހަކަށްވެސް ދީނީ، އިޖުތިމާއީ އަދި ޘަޤާފީ އެތައް މަޢުލޫމާތަކާއި ކަންތައްތަކެއް އެނގި ދަސްވެގެން ދާނެތީއެވެ. މުޖުތަމަޢު ކުރިއަރައި ދިއުމަށް ވަށައިޖެހޭ ބޮޑެތި މީހުންގެ ތައުލީމީ ޕްރޮގްރާމުތައް ކުރިއަށް ގެންދަން ޖެހެއެވެ. އެގޮތުން ލިޔަންކިޔަން ދަސްކޮށްދިނުމަކީ އިންސާނަކު ތަރައްޤީ ކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. އެ ފިޔަވަޅުމަތިން އެމީހަކު އުނގެނި އަމިއްލަ ދިރިއުޅުމާއި މުޖުތަމަޢުގެ ކަންކަން ތަރައްޤީކުރުމުގައި ޝާމިލުވެ އުޅެއެވެ. އޭގެ ތެރޭގައި އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ކަންކަން ކުރިއެރުވުމުގައި އަމަލީ ގޮތުން ބައިވެރިވެއެވެ.

ތިރީގައި ބަލާލެވިފައި އެވަނީ ނުރަސްމީ ތަޢުލީމުގެ ތެރެއިން ބޮޑެތި މީހުންނަށް އުނގަންނައި ދިނުމުގެ ސަބަބުން ނުވަތަ އެފަދަ ފުރުޞަތުތައް ފަހިކޮށްދިނުމުން މުޖުތަމަޢުގެ ތަރައްޤީއަށް އޮތް ފައިދާތަކުގެ މައްޗަށެވެ.

ފަރުދުންގެ އަޚްލާޤަށް އަންނަ ބަދަލު
ބޮޑެތި މީހުންގެ ތައުލީމަކީ މުޖުތަމައުގައި އުޅޭ މީހުންގެ އަމަލުތައް އެތައް ގޮތަކުން ބަދަލުކުރުމަށް އެހީތެރިވެދޭ، ބަދަލުގެ ވަސީލަތެކެވެ. އެއީ ކަންކަމާމެދު ދެކޭގޮތް ހަރުދަނާ ވިސްނުމަކުން ވިސްނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި މީހުންގެ އަމަލުތައް އުފެއްދުންތެރިކަމަށް ބަދަލުކޮށްލުމުގައި ބޮޑެތިމީހުންގެ ތައުލީމަކީ އެކިއެކި ފަންނުތަކުގެ އިލްމަށް އަދި ހުނަރު ހޯދުމަށް މަގުކޮށައިދޭ އެއްޗެކެވެ. އެކަމުގެ ސަބަބުން އެކަކު އަނެކަކާ ދެމެދު އޮންނަންޖެހޭ ގުޅުމާއި އިޙްތިރާމް އުފެދި، ފަރުދުންގެ އަޚްލާޤީ ފެންވަރު މުޖުތަމަޢުން ބަލައިގަންނަ ފެންވަރަށް ބަދަލުކޮށްދެއެވެ. ތަންދޮރުނުދަތުމާއި ނުކިޔަމަންތެރިކަމުގެ ސަބަބުން ފަރުދުންގެ ފަރާތުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށާއި ޖިނާއީ ޢަމަލުތައް މަދުކުރުމަށް އެހީތެރިވެދެއެވެ. އަދި ފަރުދުންގެ އުފެއްދުންތެރިކަމާއި މިނިވަން ދިރިއުޅުން ކުރިއެރުވުމަށް އެހީތެރިވެދެއެވެ. އޭގެ ސަބަބުން މުޖުތަމަޢުގެ ހަމަތަކާއި އިންސާފުގެ ތެރެއިން މުޖުތަމައު ބަލައިގަންނަ މެމްބަރަކަށް ވުމަށް މަގުފަހިކޮށްދެއެވެ.

މުޖުތަމަޢުގައި އިޤްތިޞާދީ ޙަރަކާތްތައް ކުރިއެރުން
ބައެއް މުޖުތަމަޢުތަކުގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގައި އެފަދަ ހަރަކާތްތައް ކާމިޔާބު ކުރުމަށްޓަކައި ވަކި މިންވަރެއްގެ ޢިލްމާއި ހުނަރު ބޭނުންވެއެވެ. އަދި އިތުރަށް ތަރައްޤީކުރުމަށްޓަކައި އިތުރަށް އުނގެނެންޖެއެވެ. މުޖުތަމަޢެއްގައި ހިންގަމުން ގެންދާ އިޤްތިޞާދީ ގިނަ ގުނަ ޙަރަކާތްތަކުގައި، ވަކިވަކި ފަރުދުންގެ ދިރިއުޅުމަށްޓަކައި މުއްސަނދިކަން ހޯދުމުގެ ތަފާތު ހުނަރުވެރި ވަޒީފާތައް ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ގޮތަށް ހިނގާ ކަންކަމެވެ. އެއީ މުދަލާއި ޚިދުމަތްތައް އެއް މުޖުތަމައުން އަނެއް މުޖުތަމައުއަށް (އެއްރަށުން އަނެއް ރަށަށް) ގެންދިއުމާއި ދިރިއުޅުން ދެމެހެއްޓުމަށް މުދަލާއި ޚިދުމަތުގެ ބަދަލުގައި އެއް މުޖުތަމައުން އަނެއް މުޖުތަމައަށް މީހުން ދަތުރުކުރުމެވެ. މިގޮތަށް ދެކޮޅަށް ދެބައެއްގެ ދެމެދުގައި މިމުއާމަލާތް ހިނގާއިރު، ކަސްޓަމަރުންގެ ބޭނުންތައް ސާފުކޮށް ދެނެގަތުމާއި، ތަކެތީގެ އަގު ކަނޑައެޅުމާއި، ފައިދާ ހޯދުމުގެ ހަރުދަނާ އުކުޅުތައް ދެނެގަތުމާއި، މުޖުތަމައުގެ އާދަކާދަތަކާއި ސަގާފަތް ދެނެގަތުން ހިމެނެއެވެ. މިދެންނެވި ކަންކަން ދެނެގަތުމަށާއި ކާމިޔާބު ހޯދައި ގާބިލު މީހަކަށްވުމަށް ބޮޑެތިމީހުންނަށް ދެވޭ ތައުލީމުން އެހީވެދެވެއެވެ. އަދި އޭގެ ސަބަބުން މުޖުތަމަޢުގައި ހިންގާ އިޤްތިޞާދީ ޙަރަކާތްތަތަކަށް ދިރުން ލިބިގެންދެއެވެ.

މުޖުތަމަޢަށް އަސަރުކުރާ ސިޔާސީ އަދި އިޤްތިޞާދީ ކަންކަމުގައި ހަރުދަނާ ގޮތެއްގައި ބައިވެރިވުން
އިޖުތިމާޢީ އިލްމުވެރިއެއް ކަމުގައިވާ އޮރެހް (2001) ލިޔުއްވާގޮތުގައި ތައުލީމީ މީހުންގެ ވިސްނުމާއި ގަބޫލުކުރާގޮތާއި، އިސްނެގުމާއި، އިޤްތިޞާދީ އަދި ސިޔާސީ ކަންކަމުގައި ނިންމުންތައް ނިންމުމުގައި ގެންގުޅޭ ހުނަރުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނީ އެމީހެއްގެ މުޖުތަމައަށެވެ. ކޮންމެ މީހަކަށްމެ އަމިއްލަ އިޤްތިޞާދު މެނޭޖްކޮށް، މުޖުތަމަޢުގެ މަންފާއަށް އެހެން މީހުންގެ ވިސްނުމާއި ޢަމަލުތައް ސީދާ ކުރުމަށް އެހީތެރިވެދިނުމުގެ ޤާބިލުކަން ލިބެންޖެހޭނެއެވެ. އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ލިބޭ މަންފާތައް ރޭވުމުގައި މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން އޭނާގެ ފަރާތުން ލިބެންޖެހޭނެއެވެ. ބޮޑެތި މީހުންގެ ތަޢުލީމަކީ އެހެން މީހުންގެ އިޤްތިޞާދީ ބޭނުންތަކަށް އިޙްސާންތެރިވެ، ތިމާ ދިރިއުޅޭ ތިމާވެށްޓަށް އަޅާލައި ފަޤީރުކަން ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ޤާބިލުކަން ލިބިފައިވާ މީހަކަށް ތިމާ ހަދައިދޭ ވަސީލަތަކަށް ވާންޖެހެއެވެ.

Leave a Comment

Your email address will not be published.