ދިވެހިރާއްޖޭގެ ޤައުމީ މަންހަޖަށް ނަޒަރެއް: ކުރުކޮށް ފޮނިކޮށް

ނިއުމާ މުހައްމަދު

5 ޖެނުއަރީ 2023

ދިވެހިރާއްޖޭގެ މަދުރަސީ ތައުލީމުގެ ޤައުމީ އާ މަންހަޖަކީ 21 ޤަރުނުގެ ދަރިވަރުންނަށް ވަރަށް ބޮޑަށް އަމާޒުކޮށްގެން ފަރުމާ ކުރެވިފައިވާ ވަރަށް ފުރިހަމަ ނަމޫނާ މަންހަޖެކެވެ. މި މަންހަޖުގެ މަޤްސަދަކީ ކޮންމެ ދަރިއަކީ އުނގެނުމާއި ހޯދާބެލުމަށް ޝައުޤުވެރިވާ، އިސްލާމީ ޢަޤީދާ ވަރުގަދަ، ދިވެހި ޤައުމިއްޔަތު ދަމަހައްޓާ، ޒިންމާދާރު، އުފެއްދުންތެރި އަދި ޤާބިލު ފަރުދަކަށް ހެދުމަށެވެ. އެންމެ މުހިންމު ގޮތެއްގައި ފާހަގަވަނީ މަންހަޖުގެ ތަސައްވުރެވެ. މަންހަޖުގެ އަމާޒަކީ ދިވެހިދަރިން ދިރިއުޅުމަށް ތައްޔާރު ކުރުމެވެ. މި މަންހަޖުގެ އުނގެނުން މިސްރާބުޖަހާ ތިން ދާއިރާއެއް ވެއެވެ. އެއީ އަގުތަކާއި ސިފަ، ހުނަރާއި، މައުލޫމާތު ދެނެގަތުމެވެ. މަންހަޖުގައި ބަޔާންކޮށްފައި ވާގޮތުން މަދަރުސީ ތައުލީމު ބެހިފައި ވަނީ ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތު، ފަށާ ތައުލީމު، ދަށު ސާނަވީ ތައުލީމާއި އަދި މަތީ ސާނަވީ ތައުލީމެވެ. އަދި މި މަރުހަލާތައް ވަނީ 6 ކީ ސްޓޭޖަށް ބަހާލެވިފައެވެ. އެއީ ފައުންޑޭޝަން ސްޓޭޖްއިން އިން ފެށިގެން ކީ ސްޓޭޖް 5 އަށެވެ. މިމަންހަޖު ތަންފީޒު ކުރުމުގައި ފައުންޑޭޝަން ސްޓޭޖްގައި ކިޔަވައިދެވޭނީ ދިވެހި ބަހުންނެވެ. އަދި ކީ ސްޓޭޖް 1  އިން ކީ ސްޓޭޖް 5 އަކާއި ހަމައަށް ކިޔަވައިދެވޭނީ އިނގިރޭސި ބަހުންނެވެ. (ދިވެހިރާއްޖޭގެ މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖު، 2014)

މި މަންހަޖަކީ ދިވެހި ދަރިންގެ ކުރިއެރުމަށް ހެދިފައިވާ މުހިންމު ޤައުމީ ސިޔާސަތެކެވެ.  އަދި މަންހަޖަކީ އުނގެނުމާއި އުނގަންނައިދިނުމުގެ އެންމެ މުހިންމު ތައުލީމީ އެއް ސިޔާސަތެވެ. މީގައި ދިވެހިރާއްޖޭގެ ސުކޫލުތަކުގައި އުނގެނުމާއި އުނގަންނައިދިނުން ރޭވިވިފައިވާ ގޮތްތައް ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. މިގޮތުން ހުރިހާ މަރުހަލާއެއްގައި ތައުލީމު ކުރިއަށް ގެންދަންވީ ގޮތުގެ މައުލޫމާތު ވެއެވެ. މަންހަޖުގެ ޒަރީއާއިން މައުލޫމާތު އުނގަންނައިދިނުމާއި ދެވޭ ތައުލީމުގެ ބޭނުން، ދިރިއުޅުމުގައި ހިފާނެގޮތުގެ ހުނަރުވެރިކަން ހޯދައިދިނުމަށް ދަރިވަރުންނަށް އެހީތެރިވެދޭނެއެވެ. މިސާލަކަށް، ތަފާތު ހުނަރުތައް އުނގެނުމުގެ ތެރެއިން ތަރައްޤީ ކުރުމަށް މަންހަޖު ބާރުއަޅައެވެ. އޭގެ އިތުރުންވެސް އުނގެނުމުގެ އަމަލީ ތަޖުރިބާތައް އުނގެނުމާއި އުނަގަންނައި ދިނުމުގެ ތެރޭގައި ކުރިއަށް ދާނެއެވެ (ދިވެހިރާއްޖޭގެ މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖު، 2014).

ޤައުމީ މަންހަޖު އެކުލަވާލައިފައި މިވަނީ މައިގަނޑު 8 އަސާސެއްގެ މައްޗަށެވެ. މި އަސާސްތަކަކީ (1) އިސްލާމް ދީން (2) ދިވެހި ވަންތަކަމާއި ސަގާފަތް (3) އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާއި އަދުލު އިންސާފު (4) ދަރިވަރުންގެ ޖުމުލަ ތަރައްގީ (5) ދަރިވަރުންގެ ގާބިލުކަންހުރި އެންމެ މަތީ ދަރަޖައަކަށް ދިއުމަށް މަގުފަހިކޮށްދިނުން (6) ހުރިހާ ކުދިން ޝާމިލުކުރުން (7) ދިރިއުޅުމަށް ތައްޔާރުކުރުން އަދި (8) އުނގެނޭ އެއްޗަކާ ދިރިއުޅުމާ ގުޅުވުން ހިމެނެއެވެ.

މިއަސާސްތަކުގެ އިތުރުން ދަރިވަރުންގެ ކިބައިގައި ހަރުލައްވަން ބޭނުންވާ 8 ޤާބިލިއްޔަތެއް ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވެއެވެ. އެ ޤާބިލިއްޔަތުތަކަކީ: (1) އިސްލާމްދީނާ އެއްގޮތަށް ޢަމަލުކުރުން (2) ނަފުސު ދެނެގަތުމާއި ތަންޒީމުކުރުން (3) ބިނާކުރަނިވި އަދި އުފެއްދުންތެރިގޮތެއްގައި ވިސްނުން (4) އެހެން މީހުންނާ ގުޅިގެން އުޅުން (5) ދޭހަވުމާއި ދޭހަކޮށްދިނުން (6) ދުޅަހެޔޮ ދިރިއުޅުމެއް އުޅުން (7) ދެމެހެއްޓެނިވި ތަރައްޤީއަށް ޢަމަލުކުރުން އަދި (8) ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން އެވެ. މި ޤާބިލިއްޔަތުތަކަކީ ކޮންމެ ދިވެހި ދަރިއަކަށްވެސް  ދިރިއުޅުމަށް ބޭނުންވާނެ މައުލޫމާތާއި ހުނަރާއި ސިފަ މަދަރުސީ ތައުލީމުގެ ނިޒާމުން ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށްޓަކައި ހިމަނާފައިވާ ޤައުމީ މަންހަޖުގެ ވަރަށް މުހިންމު ބައެކެވެ. މި ބައިތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުހަލާއާއި، ފަށާތައުލީމުގެ މަރުހަލާގައި އުނގަންނައިދިނުން ފަރުމާކޮށްފައިވާނީ އުނގަންނައިދިނުމުގެ ދާއިރާތައް ގުޅުވާލައިގެން މިބައިތަކާއެކު ލާމެހިގެން އުނގެނޭގޮތަށެވެ (ދިވެހިރާއްޖޭގެ މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖު، 2014).

މަންހަޖުގައި އުނގެނުން ބަހައިލެވިފައިވަނީ މައިގަނޑު 8 ދާއިރާއަކަށެވެ. މިދާއިރާތަކަކީ ޤައުމީ މަންހަޖުގެ އަމާޒު ކަމުގައިވާ ދަރިވަރުން ދިއުޅުމަށް ތައްޔާރު ކޮށްދިނުމަށް ވަރަށް މުހިންމު ދާއިރާތަކެކެވެ. މި ބައިތައް ކުރިއަށް ދާއިރު އަގުތަކާއި ސިފަ، ހުނަރާއި، މައުލޫމާތު ދާނީ މިބައިތަކުގެ ތެރޭގައި އެކުލެވިގެން ފޯރުކޮށްދެމުންނެވެ. މިއީ ވަށާޖެހޭ ތައުލީމެއްގައި ހުނަންޖެހޭ މުހިންމު ދާއިރާތަކެކެވެ. އެގޮތުން މިއީ ދަރިވަރެއްގެ މުޅި ޖުމުލަ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ދާއިރާތަކެކެވެ. މި ދާއިރާތަކަކީ (1) އިސްލާމްދީނާއި ރޫހާނިއްޔަތު (2) ބަހާއި މުއާސަލާތު (3) ހިސާބު އިލްމު (4) ތިމާވެށްޓާއި ސައިންސާއި ޓެކްނޮލޮޖީ (5) ސިއްހަތާއި ދުޅަހެޔޮކަން (6) އިޖުތިމާއީ އީލްމު (7) އުފެއްދުންތެރި ފަންނު އަދި (8) އޮންޓޮޕްރޮނިއަރޝިޕް އެވެ (ދިވެހިރާއްޖޭގެ މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖު، 2014).

މި މަންހަޖު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ބައިތަކެއް ބަޔާންކޮށްފައިވެއެވެ. އެއީ (1) އުނގެނުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުން (2) ދަރިވަރުންނަށް އެންމެ ބޭނުންވާ މާއްދާތައް އިހްތިޔާރު ކުރުން (3) މަދަރުސާގައި ކިޔަވައިދޭނެ ވަގުތު އިންތިޒާމް ކުރުން (4) ކުލާހާއި ކުލާހުން ބޭރުގައި އުނގެނުމަށް ފުރުސަތު ހޯދައިދިނުން (5) އުނގެނުމާއި އުނގަންނައިދިނުން ކުރިއަށްގެންދިއުން (6) އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް  ހިދުމަތް ދިނުން (7)  މާނަވީގޮތެއްގައި އިތުރު  ހަރަކާތްތައް ހިންގުން (8) ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭނެ ނިޒާމެއް ޤާއިމު ކުރުން (9) މުދައްރިސުންގެ ފަންނީ ތަމްރީން ދާއިމީ ގޮތެއްގައި ކުރިއަށްގެންދިއުމެވެ (ދިވެހިރާއްޖޭގެ މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖު، 2014).

މި މަންހަޖުގައި  ތައުލީމު ދިނުމުގެ ހުރިހާ މުހިންމު ބައިތަކާއި ދަރިވަރުން ހާސިލު ކުރަން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމައަށް ހިމެނިފައިވެއެވެ. އުނގެނުމާއި އުނގަންނައިދިނުން ރާވާލެވިފައިވާގޮތުގެ ތަފުސީލާއި، ދަރިވަރުން ފެންވަރުވަޒަން ކުރާނެ ގޮތްތަކުގެ ތަފްސީލްވެސް ހިމަނާފައިވެއެވެ. ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖު (2014) ގައި ބަޔާންކޮށްފައި ވާގޮތުން މުޅި ނާރެހަކީ ދަރިވަރުންނެވެ. މިގޮތުން މަންހަޖުގައި ބާރުއަޅައިފައި މިވަނީ ކޮންމެ ދަރިވަރަކަށް ވެސް އެދަރިވަރެއްގެ އުމުރާއި ފެންވަރާގުޅޭ އުނގެނުމުގެ ތަފާތު ކަންކަމުގައި ހަރަކާތްތެރިގޮތެއްގައި ބައިވެރިކުރުމަށެވެ. އަދި ހާއްސަ ސަމާލުކަމެއް ދީގެން އެދަރިވަރެއްގެ ކިބައިގައި ހުރި ނަފުސުގެ ޤާބިލުކަން ހޯދައި، އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި މުދައްރިސުން އުނގަންނައި ދިނުމުގައި ބޭނުންކުރަން ޖެހެއެވެ. އެއާއެކު ޝާމިލު ވެށްޓެއްގައި ދަރިވަރުން އިތުރަށް ތަރައްޤީ ކުރުމުގެ ފުރުސަތުތައް މި މަންހަޖުން ފަހިކޮށްދޭނެއެވެ.

މަންހަޖު ތަންފީޒު ކުރުމުގައި ވަށައިޖެހޭ ތައުލީމެއް ދިނުމަށްޓަކައި ދަރިވަރުންގެ ރޫހާނީ، ޖިސްމާނީ، އިޖުތިމާއީ އަދި އުފެއްދުންތެރިކަމާއި ވިސްނުމުގެ ތަރައްގީއަށް ހަމަހަމަ ގޮތެއްގައި ބާރު އަޅަންވާނެއެވެ. ކާމިޔާބު ކަމާއެކު ޤައުމީ މަންހަޖު ތަންފީޒު ކުރުމަށް މަދަރުސާތަކުގެ ވެރިންނާއި މުދައްރިސުންނާއި ބެލެނިވެރިން އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭރުން ޤައުމީ މަންހަޖުގެ ލަނޑުދަނޑިތަކަށް ފަސޭހަ ކަމާއެކު ވާސިލު ވެވޭނެއެވެ. ޤައުމީ މަންހަޖަކީ ހުރިހާ ރައްޔިތުން ޒިންމާދާރުވާން ޖެހޭ އެންމެންހާ ދިވެހިންގެ އެއްޗެކެވެ.

ރެފަރެންސް:

ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖު (2014)، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން މާލެ، ދިވެހިރާއްޖެ

Leave a Comment

Your email address will not be published.