މަންހަޖު ތަންފީޒު ކުރުމުގައި ޕްރިންސިޕަލާއި ލީޑިން ޓީޗަރުގެ މަސްއޫލިއްޔަތާއި ޒިންމާތަކަކީ ކޮބާ!

ލިޔުނީ: ނިއުމާ މުހައްމަދު

7 މާރޗް 2023

ޤައުމީ މަންހަޖަކީ ދިވެހި ރާއްޖޭގެ އެންމެ މުހިންމު ތައުލީމީ ސިޔާސަތެވެ. އުނގެނުމާއި އުނގަންނައިދިނުމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކުން، ޤައުމީ މަންހަޖު ތަންފީޒުކުރުމަށް މަސައްކަތްކުރުމަކީ އެންމެ މުހިންމު ޒިންމާއެވެ. ޤައުމީ މަންހަޖުގައި މިވަނީ މި މަންހަޖު ތަންފީޒުކުރުމުގައި ޒިންމާތައް ނަގަންޖެހޭ ފަރާތްތަކުގެ ދައުރާއި މަސްއޫލިއްޔަތު ވަރަށް ރަނގަޅަށް ކިޔައިދީފައެވެ. މިގޮތުން މި ސިޔާސަތުގެ ތެރޭގައި މިވަނީ ޕްރިންސިޕަލް، ލީޑިން ޓީޗަރުން، ޓީޗަރުން، ދަރިވަރުން، އަދި ބެލެނިވެރިންގެ ޒިންމާތައް ވަރަށް ރަނގަޅަށް އޮޅުންފިލުވައި ދީފައިވެއެވެ. މި ކަރުދާހުގައި މިބަލައިލަނީ ޤައުމީ މަންހަޖު ތަންފީޒު ކުރުމުގައި ޝާމިލުވާ ފަރާތްތަކުގެ ތެރެއިން ޕްރިންސިޕަލާއި ލީޑިން ޓީޗަރުގެ މަސްއޫލިއްޔަތާއި ޒިންމާތަކަށެވެ.

ޕްރިންސިޕަލްގެ ދައުރު

ޤައުމީ މަންހަޖު ތަންފީޒުކުރުމުގައި އެންމެ އިސް މޭސްތިރިއަކީ ޕްރިންސިޕަލެވެ. އަދި މިކަމުގެ އެންމެ ޒިންމާދާރު ފަރާތަކީ ވެސް ސްކޫލްގެ ޕްރިންސިޕަލެވެ. މިއާއެކު ޕްރިންސިޕަލްގެ އެންމެ އިސްދައުރަކަށް މިވާންޖެހެނީ ސްކޫލްގައި ލިބެންހުރި ވަސީލަތްތައް އެންމެ ރަނގަޅުގޮތުގައި ބޭނުންކޮށްގެން ޤައުމީ މަންހަޖު ތަންފީޒު ކުރެވޭތޯ މަސައްކަތްކުރުމެވެ. ޕްރިންސިޕަލްއަކީ އެހެން މުވައްޒަފުންނަށް މަގު ދައްކައިދީ، އިރުޝާދުދީ، ހަރުދަނާ ވެރިއެއްގެ ދައުރު އަދާކުރަންޖެހޭ ފަރާތެވެ. މިގޮތުން ދަރިވަރުންގެ ކިޔެވުމާއި އަޚްލާގާއި އުޅޭއުޅުމުގައި ދަރިވަރުންނަށް ޙާޞިލު ކޮށްދޭންޖެހޭ ކަންކަމުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވާން ޖެހެއެވެ. ޤައުމީ މަންހަޖުގައިވާ ތަފާތު ބައިތައް ތަންފީޒުކޮށް ޙާޞިލުކޮށްދިނުމަށް ޕްރިންސިޕަލް އިސް ރޯލެއް އަދާކުރަންޖެހެއެވެ. ޕްރިންސިޕަލް އަކަށް އުޅޭ ފަރާތް ޤައުމީ މަންހަޖަށް ވަރަށް ރަނަގަޅަށް ފަރިތަވެ ވަރަށް ފުރިހަމައަށް އަހުލުވެރިވެ އޭގެ ކޮންމެ ބައެއް ވެސް ފުރިހަމައަށް އެނގެންޖެހެއެވެ. އަދި އެފަރާތަކީ މުދައްރިސުންނަށް މިގޮތުން ނަމޫނާއަކަށްވެ ޤައުމީ މަންހަޖުގެ އެކި ކަންކަމުގައި މުދައްރިސުންނަށް މަގު ދައްކައިދޭ މީހާއަށް ވާންޖެހެއެވެ. މިއާއެކު ސްކޫލުގެ އެންމެހައި ކަންތައްތަކަށް ލޯހުޅުވި، ހުރިހާ މުވައްޒަފުންގެ މެދުގައި ރަނގަޅު ގުޅުމެއް ޤާއިމުކޮށް އެގުޅުން ދަމަހައްޓައިދޭ މީހަކަށް ވެސް ޕްރިންސިޕަލު ވާންޖެހޭނެއެވެ. ޕްރިންސިޕަލް އަބަދުވެސް މަސައްކުރަން ޖެހޭނީ ޤައުމީ މަންހަޖު ތަންފީޒުކުރެވޭތޯއެވެ. (ޤައުމީ މަންހަޖު، 2014).

ޤައުމީ މަންހަޖު ތަންފީޒު ކުރުމުގައި ޕްރިންސިޕަލުންގެ މަސްއޫލިއްޔަތުތައް:

  • ކާމިޔާބުކަމާއެކު މަންހަޖު ތަންފީޒު ކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި ޢަމަލު ކުރާނެގޮތްތައް ރޭވުން
  • މަންހަޖާ އެއްގޮތަށް ކިޔަވައިދިނުމާއި އިމްތިޙާނު ކުރުމަށް މުދައްރިސުންނަށް މަގު ދައްކައިދިނުން
  • ސްކޫލުން ލިބެންހުރި ވަސީލަތްތައް ވީހާވެސް ފައިދާހުރިގޮތެއްގައި ބޭނުންކުރުމާއި އެވަސީލަތްތައް ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
  • އުނގެނުމާއި އުނގަންނައިދިނުމުގެ ކަންކަން ރަނގަޅަށް ބަލައި، ދަރިވަރުންނާބެހޭ މަޢުލޫމާތުތައް ރަނގަޅަށް ބަލަހައްޓައި މިމަޢުލޫމާތުގެ މައްޗަށް ބިނާކޮށް ތަޢުލީމީ ޕްރޮގުރާމު ތައް ރޭވުމާއި ޕްރޮގުރާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  • ފެންވަރު ވަޒަންކުރުމުން ނުކުންނަ ނަތީޖާތައް މުރާޖަޢާކޮށް، ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ޢަމަލު ކުރަންޖެހޭ ކަންކަން ކަނޑައަޅައި، ދާއިމީގޮތެއްގައި މި މަސައްކަތް ކުރިއަށްގެންދިއުން
  • ދަރިވަރުން ކުރިއަރަމުންދާ މިންވަރާއި ދަރިވަރުން ޙާޞިލުކުރި ނަތީޖާ ޤަވާޢިދުން ބެލެނިވެރިންނަށް ޙިއްޞާ ކުރަމުންގެންދާނެ ނިޒާމެއް ޤާއިމު ކުރުން
  • ބެލެނިވެރިންނާއި ސްކޫލް މާޙައުލުގެ މުހިންމު ބައިވެރިންނަށް ބޭނުންވާނޭ މަޢުލޫމާތު ދެނެގަނެ، އެމަޢުލޫމާތު އެކަށޭނަ ވަޤުތުގައި ޙިއްޞާ ކުރުމާއެކު، ސްކޫލް ތަރައްޤީ ކުރުމުގައި މުޖުތަމަޢުގެ ބޭނުން ހިފުން
  • މުދައްރިސުންގެ ފަންނީ ކުރިއެރުމަށް މަގުފަހިކޮށްދީ، އެފަދަ ޙަރަކާތްތައް ރާވައި ހިންގުމާއި އެފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން (ޤައުމީ މަންހަޖު، 2014: ސފހ، 83).

ލީޑިން ޓީޗަރުންގެ ދައުރު

ލީޑިން ޓީޗަރުންނަކީ ޕްރިންސްޕަލްއާ އެކީގައި ސުކޫލުގެ ސީނިއަރ މެނޭޖްމަންޓްގައި މަސައްކަތްކުރާ ވަރަށް މުހިންމު ފަރާތެކެވެ. ޤައުމީ މަންހަޖު ތަންފީޒުކުރުމަށް ލީޑިންގ ޓީޗަރުން ކުރަންޖެހޭ މަސައްކަތް ގިނަވެފައި ޒިންމާތައް ވެސް ވަރަށް ބޮޑެވެ. އޭގެތެރޭގައި ތަފާތު ގިނަގުނަ މަސައކަތްތަކެއް އެކުލެވިފައި ވެއެވެ. މިގޮތުން އުނގެނުމާއި އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމާއި ދަރިވަރުންނަށް ޙާޞިލުވާ މިންވަރު މަތިކުރުން ހިމެނެއެވެ. ޤައުމީ މަންހަޖު ތަންފީޒު ކުރުމަށް ޕްރިންސިޕަލްއަށް އެހީތެރިވެ ދިނުމާއެކު ޓީޗަރުންގެ ކިޔަވައިދިނުމުގެ ހުނަރު ތަރައްޤީ ކުރުމުގެ މަސްއޫލިއްޔަތު ހިމެނެއެވެ. ސްކޫލުގެ ކިޔެވުމުގެ ފެންވަރާއި އުނގެނުމުގެ ގޮތްތައް ކުރިއަރުވަން މަސައްކަތްތަކެއް ކުރަންޖެހެއެވެ. އުނގަންނައިދިނުމުގެ އެންމެ ފަހުގެ ގޮތްތަކާއި ހުނަރުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ކަންކަން މުދައްރިސުން ކުރިއަށްގެންދޭތޯ މޮނީޓަރކޮށް ބަލަހައްޓަން ޖެހެއެވެ. ދަރިވަރުންނަށް ރާވައިގެން ގެންދާ އެކިއެކި ހަރަކާތްތައް ރާވައި ހިންގުމުގައިވެސް ޤައުމީ މަންހަޖުގެ ބައިތައް ހިމެނުމަކީ ވެސް ލީޑިން ޓީޗަރެއްގެ ވަރަށް ބޮޑު ޒިންމާއެކެވެ (ޤައުމީ މަންހަޖު، 2014).

ޤައުމީ މަންހަޖު ތަންފީޒު ކުރުމުގައި ލީޑިންގ ޓީޗަރުންގެ މަސްއޫލިއްޔަތުތައް:

  • މަންހަޖު ތަންފީޒު ކުރުމުގެ ކަންކަމުގައި އިސްނަގައި އެ ކަންކަން ރާވައި ހިންގުން
  • އުނގެނުމާއި އުނގަންނައިދިނުމުގައި ރަނގަޅު މިސާލުތައް ދެއްކުމާއެކު އުނގެނުމާއި އުނގަންނައިދިނުން ރަނގަޅު މިސްރާބަކަށް ގެންދިއުމަށް މަގު ދެއްކުން
  • ސްކޫލްގެ ބޭނުންތަކަށް އަމާޒުކޮށް ފަންނީ ކުރިއެރުމުގެ ޕްރޮގުރާމުތައް ރާވައި ހިންގުން
  • ކަރިކިއުލަމްގައި ހިމެނޭ އަގު ކުރުންތަކާއި ޤާބިލިއްޔަތުތަކާއި ހުނަރުތައް ފާހަގަކޮށް މި ކަންކަން ދަރިވަރުންނަށް ޙާޞިލު ވަމުންދާކަން ކަށަވަރުކުރުން
  • ދަރިވަރުންގެ މެދުގައިވާ އުނގެނުމުގެ ތަފާތުތަކަށް ރިޢާޔަތްކޮށް، އެންމެ އެކަށީގެންވާގޮތަށް ކިޔަވައިދިނުމުގެ އުޞޫލުތަކާއި ގޮތްތައް )ޕެޑަގޮޖީ( ބޭނުން ކުރުމަށް އެހީތެރިވެދިނުން
  • ދަރިވަރުންގެ ފެންވަރު ބެލުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އިސްނަގައި އެ ކަންކަން ތަންފީޒުކުރުން
  • އުނގަންނައިދިނުމަށް ބޭނުންވާ ވަސީލަތްތައް އުފެއްދުމުގައި އިސްނެގުމާއި އެކަމުގައި މުދައްރިސުންނަށް އެހީތެރިވެދިނުން (ޤައުމީ މަންހަޖު، 2014: ސފހ، 84).

ރެފަރެންސް:

ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖު (2014)، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން މާލެ، ދިވެހިރާއްޖެ

 

Leave a Comment

Your email address will not be published.