ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕްގެ ފުރަތަމަ ބުރު ނިންމި ބައިވެރިންނަށް ޕްރިންސިޕަލްކަމުގެ މަސްއޫލިއްޔަތު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅު

 

ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ހެޔޮކަން މިންވަރުކުރެއްވި މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރަން!

ޢިލްމުގެ ނޫރުން ދުނިޔެ އަލިކުރެއްވި މާތް ޞާޙިބާ މުޙައްމަދުއް ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން!

އަދި މިޞަލަވާތުގައި އެކަލޭގެފާނުންގެ އާލު އަޞްޙާބުން ޝާމިލްކުރަން!

މި ހަފްލާގެ ޝަރަފުވެރި މެހްމާން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް،

ތަޢުލީމީ ވުޒާރާގެ އިސްވެރިން،

މަދަރުސާތަކުގެ ހިންގުންތެރި ނާޒިރުން،

ހާޒިރުވެ ތިއްބެވި އެންމެހާ ބޭފުޅުން،

އައްސަލާމް ޢަލައިކުމް!

އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އެހީތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ރޭވުންތެރި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްއެއް 2022ވަނަ އަހަރު މިވަނީ ފެށިފައި. މިރޭ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ އެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ދަސްވެނިން، ރާއްޖޭގައި ހިންގުނު އިންޑަކްޝަން ޕްރޮގްރާމް ފުރިހަމަކޮށް ސްކޫލުތައް ހިންގުމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާތީ.

އެހެންކަމުން މިރޭ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ ޕްރިންސިޕަލުން ތަމްރީންކުރުމަށް ޚާއްސަކޮށްގެން ހިންގި ސްކޮލަރޝިޕް ޕްރޮގްރާމާއި އިންޑަކްޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރި 17 ބޭފުޅުންނަށް ތަހްނިޔާ ދެންނެވުން.

މި ފުރުސަތުގައި ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދެއްވާ އިސްކަމަށްޓަކައި، ތަޢުލީމީ ދާއިރާގެ ހުރިހާ ފަރާތްތަކުގެ ނަމުގައި އެ މަނިކުފާނަށް ޚާއްސަ ޝުކުރެއް ދަންނަވަން.

އަދި، ހަމަ އެއާއެކު ތަޢުލީމީ ދާއިރާގެ ކޮންމެ ކަމެއްގައި ލަފައާއި އިރުޝާދު ދެއްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން.

ސްކޫލުތަކާ އަލަށް ގުޅިވަޑައިގަންނަވާ ނާޒިރުންނަށް މިރޭ އަޅުގަނޑު ދަންނަވާލަން އޮތީ، ތިޔަ ބޭފުޅުން ތިޔަ ހަވާލުވެވަޑައިގަތީ ވަރަށް ބޮޑު ޒިންމާއަކާއޭ. އެ ޒިންމާގެ ބޮޑުކަން އަބަދުވެސް ތިޔަ ބޭފުޅުންގެ ހަނދާނުގައި ބަހައްޓަވަންވާނެ.

މި ދަތުރުގައި ތިޔަބޭފުޅުންނަށް އެތައް ގޮންޖެހުންތަކަކާ ކުރިމަތިވާނެ. ނަމަވެސް، މި ޒިންމާ ރަނގަޅަށް އަދާކުރެވިއްޖެނަމަ،  އެއީ ދެމިހުންނަނިވި ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް. 

ސްކޫލްތަކުގެ ވެރިންނަކީ ދަރިވަރުންގެ ކިޔެވުމަށް ނުހަނު ފައިދާހުރި ބަދަލުތަކެއް ގެނެވިދާނޭ ފަރާތްތަކެއް. ކިލާހުގައި ކިޔަވައިދޭ މުދައްރިސް ފިޔަވައި، ދަރިވަރުންގެ ތަޢުލީމަށް އެންމެ ހެޔޮ ބަދަލެއް ގެނެވޭނީ  ސްކޫލް ހިންގަން ހުރި އިސް ވެރިއަކަށް.

ސްކޫލް ހިންގާ ވެރިއެއްގެ ހައިސިއްޔަތުން، ތިއިން ކޮންމެ ބޭފުޅަކީ ސްކޫލްގެ ކިޔަވައިދިނުމުގެ ޕްރޮގްރާމް ފަހިކޮށް ކުރިއަށް ގެންދެވޭނޭ ޙާލަތްތައް މެދުވެރިކުރުވާ ފަރާތަކަށް ވާންވާނެ. ތިޔައީ  ބެލެނިވެރިންނާއި އާއިލާތަކާ ގުޅުންތައް ޤާއިމްކޮށް ދަމަހައްޓާ ފަރާތަކަށް ވާންވާނެ.

ރަނގަޅު ހިންގުންތެރިން ހިންގަނީ ނަމޫނާ ދައްކައިގެން. ތިޔަބޭފުޅުން ވާންވާނީ ޕޮޒިޓިވް، އެންތޫސިއާސްޓިކް، ދުވަހީ މަސައްކަތްތަކުގައި ބައިވެރިވާ ބަޔަކަށް.

ހިންގުންތެރި ވެރިއަކަށްވެވޭނީ މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި ދަރިވަރުންނާއި މުޖްތަމަޢުގެ އެހެން ފަރާތްތަކަށް ފަސޭހަކަމާއެކު ބައްދަލުކުރެވި ވާހަކަ ދެކެވޭ ބަޔަކަށް ވެވިގެން.

އުނދަގޫ ޙާލަތްތަކުގައި ކެތްތެރިވާ ބަޔަކަށްވެވިގެން. ފިޔަވަޅު އެޅުމުގެ ކުރިން ވިސްނާ ބަޔަކަށް ވެވިގެން.  އަދި އަމިއްލަ ޒަރޫރީ ބޭނުންތަކުގެ ކުރިއަށް މަދަރުސާގެ ބޭނުންތައް އިސްކުރާ ބަޔަކަށް ވެވިގެން.  

އަޅުގަނޑުގެ އުއްމީދަކީ މިރޭ ޕްރިންސިޕަލްކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ މިދެންނެވި ފަދަ ބަޔަކަށް ވާނެކަން. ބަދީލީ ބަދަލުތަކަށް މަރްޚަބާ ކިޔާ ބަޔަކަށް ވާނެކަން.

އެވަގުތެއްގެ ޙާލަތާ އެއްގޮތަށް ކަންކަންކުރަން ކެރޭ ކުޅަދާނަ ބަޔަކަށް ވާނެކަން.

އީޖާދީ ވިސްނުމާއެކު ޙިކްމަތްތެރި ނިންމުންތައް ނިންމަންކެރޭ ބަޔަކަށް ވާނެކަން.   

އިތުބާރުކުރެވޭ ގުޅުންތައް ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި ރައްޔިތުންނާމެދު އުފައްދައި، އެ ގުޅުންތައް ހަންހާރަކުރާ ބަޔަކަށްވާނެކަން، އަދި  ވަކި ފަރާތަކަށް ޖެހުމުގެ ބަދަލުގައި، ޢަދުލާއި ހަމަހަމަ ކަމާ އެކު ހުރިހާ ފަރާތްތަކާ އެކު މުޢާމަލާތް ކުރާ ބަޔަކަށް ވާނެކަން.

އަދި އަޅުގަނޑު ތިޔަ ބޭފުޅުންގާތު ދަންނަވަން އޮތީ:

 ނަމަނަމާ ނުމެވާށެ ތަނުގައި ހުރި ތިމާ މައްސަލައަކަށް،

     ހަމައެކަނި ވާށޭ ތިމާ މައްސަލަތަކަށް ހުރި ޙައްލަކަށް.

 އަޅުގަނޑުގެ ދުޢާ އަކީ ތިޔަ ބޭފުޅުން ފެންވަރު ރަނގަޅު ހިންގުންތެރިންނަށް ވާން ތިޔަ ފަށާ ދަތުރުގައި މާތްﷲ ބަރަކާތްލެއްވުން. އާމީން

ވައްސަލާމް އަލައިކުމް.

09 މާރިޗު 2023

Leave a Comment

Your email address will not be published.