ޢިއްޒުއްދީން ސްކޫލްގައި ރަސްމީކޮށް ހުޅުވުނު ސްކިލް ލެބްތަކާއި އެލެބްތަކުން ދަސްކޮށްދޭ ހުނަރުތައް

– ޢަލީ ޙަސަން – ޢިއްޒުއްދީން ސްކޫލް

އިއްޒުއްދީން ސްކޫލްގެ ދަރިވަރުންނަށް ކިޔަވައި ދިނުމުގެ ތެރެއިން ހުނަރު ދަސްކޮށްދޭން އެ ސްކޫލުގައި ހަތަރު ލެބެއް ހުޅުވައިފިއެވެ. މި ލެބްތައް ހުޅުވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޢަލީއެވެ.

ގުރޭޑް އަށަކާ ހަމައަށް މިހާރު ކިޔަވައި ދެމުން ގެންދާ އިއްޒުއްދީން ސްކޫލްގައި ގާއިމްކުރީ ގޭތެރޭގެ މަސައްކަތްތައް ދަސްކޮށްދިނުމަށް ހޯމް ސައިންސް ލެބަކާއި ފެހުމަށް ޚާއްޞަ ލެބަކާއި އިންޑޯ ގޭމްސްތަކަށް ޚާއްޞަ ގޭމްސް ލެބެއްގެ އިތުރުން ފަންނުވެރި މަސްކަތްތަކަށް ޚާއްޞަ އާރޓް އެންޑް ކްރާފްޓްސް ލެބެކެވެ.

ވަށައިޖެހޭ ތައުލީމުގެ މަންފާ އޭގެ އެންމެ މަތީ އަރުތައަށް ވާޞިލްކޮށްދިނުމަށްކުރަމުން އަންނަ މަސައްކަތުގައި އިތިރު އެހީތެރިކަމެއް ލިއްބައިދެވޭނޭ ގޮތަށް ފަރުމާކުރެވިފައިވާ މި ލެބްތަކުން ވަށައިޖެހޭ ތަޢުލީމުގެ އުޞޫލުތަކަށް ދަރިވަރުން ހޭނުވުމަށް މަގުފަހިވެގެންދާނެ އެވެ.

ޢިއްޒުއްދީން ސްކޫލްގައި ހުޅުވުނު ލެބްތަކާއި އެ ލެބްތަކުން ދަސްކޮށްދޭނޭ ހުނަރުތައް

ހޯމް ސައިންސް ލެބް – ޑެއިންޓީ ހޯމް

ހޯމް ސައިންސް ލެބް ތަރައްޤީކުރެވިފައި ވަނީ، ޤައުމީ މަންހަޖުގެ އެއް ކީކޮމްޕިޓެންސީކަމުގައިވާ، ދިރިއުޅުމަށް ތައްޔާރުކުރެވިފައިވާ ދަރިވަރެއް ބިނާކުރުމަށް ގެވެހި މަސައްކަތްތައް ދަސްކޮށްދިނުމަށެވެ. މި ލެބުން ދަރިވަރުންގެ އުމުރު ފުރާތަކާ ގުޅޭގޮތަށް، ދަރިވަރުންނަށް އެއްޗެހި އިސްތިރިކުރުމާއި، ފަތްޖެހުމާއި، އަންނައުނު ތަރުތީބުކޮށް ބަހައްޓާނެގޮތްތައް ދަސްކޮށްދެވޭނެއެވެ. އަދި އެނދު ތަންމަތި އެޅުމާއި، ސާފުތާހިރުކޮށް ކޮޓަރިތެރެއާއި، ގޭތެރޭގެ މާހައުލު ބަލަހައްޓާނެ އުކުޅުތަކާއި، ބަދިގެތެރެ ތަރުތީބުކުރުމާއި، ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާނެ ގޮތާއި، އެއްޗެހި ކޮށާނެ ގޮތްތަކާއި، ކެއްކުމާއި ގުޅޭ ގިނަ އުކުޅުތަކާއި ހުނަރުތައް ކުދިންނަށް ދަސްކޮށްދެވޭނެއެވެ. މިއީ، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ، ގޭތެރޭގެ މާހައުލުގައި ބޭނުންކުރާ ތަފާތު އެކިކަހަލަ އިލެކްޓްރޯނިކް ވަޞީލަތްތައް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ވަރަށް ހިތްގައިމު ލެބެކެވެ.

ފަހާ ލެބް – ޕާރޕަލް ސްޓިޗަސް

ފަހާ ލެބަކީވެސް އެކި އުމުރު ފުރާގެ ދަރިވަރުންނަށް، އުމުރާ ގުޅޭގޮތަށް ފެހުމާއި، މާޖެހުމާއި، ގޮށް ހަރުކުރުމާއި، ތިނޯހުގެ އެކި ކަހަލަ މަސައްކަތްތައް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ލެބެކެވެ. މި ލެބުން ދަރިވަރުންނަކީ އުފެއްދުންތެރި، ތަފާތު ގިނަ ހުނަރުތައް ދަސްކޮށްދެވޭނެ އެވެ.

ގޭމް ލެބް- ކްއިކް ވިޓް

ގޭމްސް ލެބަކީ، ދަރިވަރުންގެ ކުޅިވަރު ކުޅުމުގެ ހުނަތުރައް އިތުރަށް ތަރައްޤީކޮށްދީ، ވިސްނުމާއި، ތޫނުފިލިކަން އިތުރުކޮށްދީ، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރު އިތުރަށް ތަރަޤީކޮށްދިނުމުގެ މަޤްޞަދުގައި، ރާޒުވާއާއި، ކެރަމް ފަދަ ތަފާތު އެކި ކުޅިވަރުތައް ކުޅެވޭގޮތަށް ފަރުމާކުރެވިފައިވާ ލެބެކެވެ. މި ލެބްގައި އޮށްވަޅުގޮނޑިއާއި ވެންކާލާ ފަދަ ތަފާތު އިތުރު ކުޅިވަރުތައް ވެސް ކުޅެވޭނޭ އިންތިޒާމްތައް ހަމަޖެހިފައި ވެއެވެ.

އާރޓް އެންޑް ކްރާފްޓް ލެބް މޮޒައިކް ކޭވް

ފަންނުވެރި މަސައްކަތްތެރިކަމާއި ފަރުމާކުރުމަށް ދަރިވަރުންގެ ހިތުގައިވާ ޝައުޤު އިތުރަށް ފުރިހަމަކޮށްދިނުމަށް ހުޅުވި އާރޓް އެންޑް ކްރާފްޓް ލެބަކީ، ޒަމާނީ ފެންވަރަށް ޑިޖިޓަލައިޒް ކުރެވިފައިވާ ލެބެކެވެ. ތަފާތު އެކި ކަހަލަ ކުރެހުމާއި، އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ މި ލެބަކީ ދަރިވަރުންގެ ހުނަރުވެރިކަމާއި، ފަންނުވެރިކަމާއި، އުފެއްދުންތެރިކަން އިތުރުކޮށް ކުރިއަރުވައިދޭނެ ވަރަށް ހިތްގައިމު ލެބެކެވެ.

ކޮންމެ ހަފުތާއަކުވެސް ޓައިމްޓޭބަލުގައި ވާ ގޮތުގެ މަތިން ދަރިވަރުން ލެބްތަކަށް ގޮސް އެ ލެބްތަކުން ތަފާތު ހުނަރުތައް ދަސްކުރަމުން ގެންދާނެ އެވެ. އަދި ލެބްތަކަށް ތައްޔާރުކުރެވިފައިވާ ސްކީމާ އެއްގޮތަށް ދަރިވަރުންނަށް ޙާޞިލުކުރެވުނު މިންވަރު އަންގައިދޭ އިންޑިކޭޓާރތައް މެދުވެރިކޮށް ޗެކްލިސްޓްގައި ފާހަގަކުރަމުން ގެންދާނެ އެވެ.

ތިން މަސްދުވަހުގެ މަސައްކަތުން ލެބްތައް ހަދައި ނިންމައި ދަރިވަރުންނަށް ބޭނުންކުރެވޭ ފަންވަރަށް ގެނެވިފައިވަނީ ޢިއްޒުއްދީން ސްކޫލްގެ މެނޭޖްމަންޓްގެ ފަރާތުން ކުރި ބުރަ މަސައްކަތުގައި ބެލެނިވެރިންގެ ޖަމްޢިއްޔާގެ އެކްސްކޯގެ ބައެއް މެމްބަރުންނާއި އަދި ސްޕޮންސަރުން ވެދިން އެހީތެރިކަމާއި އެއްބާރުލެއްވުމާ އެކީގައެވެ. އަދި މިކަމުގައި ސްކޫލްގެ ބައެއް ބެލެނިވެރިންނާއި މުދައްރިސުން ގެ އެހީތެރިކަންވެސް އިޚްލާޞްތެރިކަމާއެކު ފާހަގަކުރެވެއެވެ.

Leave a Comment

Your email address will not be published.