ޕްރިންސިޕަލުންނަށް އަމާޒުކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގަވާ “އިންޑަކްޝަން ޕްރޮގްރާމް” ގެ ބައިވެރިންނަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން މަޢުލޫމާތު ދީފި       

ޕްރިންސިޕަލުންގެ މަގާމާ އަލަށް ހަވާލުވާ ބޭފުޅުންނަށް  އަމާޒުކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގަވާ “އިންޑަކްޝަން ޕްރޮގްރާމް” ގެ ބައިވެރިންނަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން މަޢުލޫމާތު ދީފިއެވެ. މި އިންޑަކްޝަން ޕްރޮގްރާމްގައި މިފަހަރު ބައިވެރިވަނީ މެލޭޝިޔާއިން ކިޔަވައިވިދާޅުވެގެން އެނބުރި ވަޑައިގެން މިވަގުތު މާލޭގައި ތިއްބެވި އަލަށް ސްކޫލްތަކާ ޙަވާލުވާ ބޭފުޅުންނަށެވެ.

އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ހޯލްގައި ކުރިޔަށް ގެންދެވި މިސެޝަންގައި މަޢުލޫމާތު ދެއްވީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ހިންގެވުމާއި ޙަވާލުވެހުންނެވި  މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަބްދުﷲ ރަޝީދު އަޙްމަދުއާއި އެން.އައި.އީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބުއާއި އެއިންސްޓިޓިޔުޓްގެ ސީނިޔަރ މެނޭޖްމަންޓް ޓީމް މެމްބަރުންނެވެ.

މިއަދު ހެނދުނުގެ ވަގުތުގައި ކުރިޔަށް ގެންދިޔަ މިސެޝަންގައި އެން. އައި. އީ. އިން މިހާރު ކުރިޔަށް ގެންދާ، ސްކޫލްތަކާ ގުޅުންހުރި މަސައްކަތްތަކާއި، ކަރިޔުލަމްއާގުޅޭ މަސައްކަތްތަކާއި، ޓީޗަރުންނަށްހުރި ތަފާތު ތަމްރީނުތަކުގެ މަސައްކަތްތަކާ ބެހޭގޮތުންނާއި ސްކޫލް ލީޑަރޝިޕްގެ ބޭފުޅުންނާގުޅޭ މަޢުލޫމާތު ދެވުނެވެ.

ސެޝަންގެ ފަހު ވަގުތުކޮޅު އޮތީ ޕްރިންސިޕަލުންގެ ފަރާތުން އޮޅުންފިލުވަން ބޭނުންވާ ކަންތައްތަކުގެ މައްޗަށް ޚާއްޞަކޮށްފައެވެ. މިވަގުތުކޮޅުގެ ތެރޭގައި ވަރަށް ގިނަ ޕްރިންސިޕަލުން އެކިކަންކަން އޮޅުންފިލުވުމަށާއި ކަންކަމުގައި އުފެދޭ ސުވާލުތައް ހުށަހެޅިއެވެ. ވަރަށް އެކުވެރި މާޙައުލެއްގައި ކުރިޔަށްގެންދިޔަ މިބައި ބަލަހައްޓަވައި ކުރިޔަށް ގެންގޮސްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަބްދުﷲ ރަޝީދު އަޙުމަދު އެވެ.

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.