ދަރިވަރުން ޖަމާޢަތަށް ޚިދުމަތްކުރުން މުހިންމުވަނީ ކީއްވެ؟

ލިޔުނީ: އަޙްމަދު މުޙައްމަދު، ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް/ އެން.އައި.އީ

ފެންނަންހުރި ހެކިތަކަށް ބަލާއިރު ޖަމާޢަތުގެ އެކިއެކި ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވެ ހިލޭސާބަހަށް ޚިދުމަތްކުރުމަކީ އެކުދިން އުނގެނުމުގައި ކުރިއަށް ދިއުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު ފައިދާކުރާ ކަމެކެވެ. މިގޮތުން ދުނިޔޭގެ ބައެއް މަދަރުސާތަކުގައި ފަސްވަނަ ގްރޭޑުން މަތީގެ ދަރިވަރުން ބައިވެރިކޮށްގެން ހިލޭސާބަހަށް މަސައްކަތްކުރުވުމުގެ ސެޝަންތައް ކުރިއަށްގެންދެއެވެ.

މިފެންވަރުގައި ޖަމާއަތަށް ޚިދުމަތްކުރުމުގެ ޕްރޮގްރާމްތައް ފަށައިގެން ކުރިއަށް ގެންދިއުމުން، މެދުމަދަރުސީ މަރުހަލާގައާއި ސާނަވީ މަރުހަލާގައި، ދިރިއުޅުމަށް ކޮންމެހެން އެނގެންޖެހޭ ހުނަރުތައް ދަރިވަރުންނަށް އެނގި ދަސްވެ ފުރިހަމަވުމަށް ބާރަކަށް ވެއެވެ. އެގޮތުން ދަރިވަރުންގެ ކިބައިގައި އަށަގަންނަ ހުނަރުތަކުގެ ތެރޭގައި:-

  • އަމިއްލައަށް އިސްނަގަން ކެރުން
  • މައްސަލަ ހައްލުކުރަން ދަސްވުން
  • އެހެންމީހުންނާއެކު އޮންނަންޖެހޭ ގުޅުންތައް އެނގުން
  • ވަގުތު ރަނގަޅު ގޮތުގައި ބޭނުންހިފަން ދަސްވުން
  • ރަނގަޅު ގޮތުގައި މުޢާމަލާތް ކުރަން އެނގުން

ފާހަގަކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، ދަރިވަރުންކުރާ މަސައްކަތުގެ ސަބަބުން ޖަމާޢަތަށް އަދި ދުނިޔެއަށް އެކަމުގެ ރަނގަޅު އަސަރު ފޯރާނެކަން ކުދިންނަށް އެނގި ދަސްވާނެތީއެވެ. ޅައުމުރުގައި ދަރިވަރުން ޖަމާޢަތުގެ ޚިދުމަތުގައި ބައިވެރިކުރުމުގެ ސަބަބުން އަންނަނިވި ކަންތައްތައްވެސް ދަސްވެގެން ދެއެވެ.

  1. ދިރިއުޅެމުންދާ ދުނިޔެއާމެދު ހެޔޮ ވިސްނުމަކުން ވިސްނަން ދަސްވުން.

ބަވަނަވެފައިވާ ދުނިޔެއާ މެދު ޒިންމާދާރު ނަޒަރަކުން ވިސްނަން އެނގި ކޮންމެ ދަރިވަރަކީވެސް ޖަމާޢަތަށްޓަކައި މަސްއޫލިއްޔަތުތަކެއް އޮތް މުވާތިނެއްކަން އަންގައިދިނުމަށްޓަކައި ހިލޭސާބަހަށް މަސައްކަތްކުރަން ދަރިވަރުން ތައްޔާރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިވަރުންގެ ފަރާތުން ޖަމާޢަތަށްޓަކައި ކުރެވޭ މަސައްކަތުގެ ސަބަބުން މިކުރެވެނީ ކިހާވަރެއްގެ ޚިދުމަތެއްކަން އެކުދިން އަމިއްލައަށް ވަޒަންކުރެވެމުން ދާނެއެވެ. އަދި އެކަމުގެ ސަބަބުން ޖަމާޢަތަށް ލިބެމުންދާ ފައިދާގެ މައްޗަށް އަމިއްލައަށް ނަޒަރު ހިންގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ހިލޭސާބަހަށް ކޮށްދެވިދާނެ ކަންކަމުގެ ތެރޭގައި ޖަމާޢަތުގައި ދިރިރުޅޭ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ބަލައި އެމީހުންގެ ހާލަތު ދެނެގަނެވިދާނެއެވެ. އެއަށްފަހު އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެކިސިފަސިފައިގައި އެހީތެރިކަން ފޯރުވިދާނެއެވެ. މިސާލަކަށް ފޮތް ހަދިޔާކުރުން، ސާފުކުރުމުގެ  މަސައްކަތް ފަދަ ހަރަކާތްތައް ހިންގިދާނެއެވެ.

  1. ސްކޫލުގައި ދަސްކުރާ އެއްޗަކާ ޙަޤީޤީ ދިރިއުޅުމާ ގުޅުވާލުން.

ހިލޭސާބަހަށް ޚިދުމަތް ކުރުމުގެ ސަބަބުން ދަރިވަރުންނަށް އެނގި ދަސްވެފައިވާ ފިލާވަޅުތަކުން ޙަޤީޤީ ދިރިއުޅުމާ ގުޅުވާލަން ދަސްވެގެންދެއެވެ. މިސާލަކަށް ރިސައިކަލްކުރެވޭ ތަކެތި އުކާލާފައި ބެހެއްޓުމުގެ ބަދަލުގައި އެތަކެތި އެއްކޮށް ރިސައިކަލްކުރާ ބަޔަކަށް ފޯރުކޮށްދެވިދާނެއެވެ. ނުވަތަ ގަންނަ ބަޔަކު އުޅޭނަމަ އެބަޔަކަށް ވިއްކާލެވިދާނެ އެވެ. މިކަހަލަ ހަރަކާތްތަކުގެ  ސަބަބުން ތިމާދިރިއުޅެމުންދާ މާހައުލާމެދު އިތުރަށް ވިސްނަށް އެނގި އެތައް ކަންތައްތަކެއް ދަސްވެގެން ދެއެވެ.

އެނގި ފާޅުވާ ކަމަކީ ސްކޫލުން ދަސްކުރާ ފިލާވަޅުތަކުގެ ސަބަބުން ދަރިވަރުންގެ ޙަޤީޤީ ދިރިއުޅުމަށް އަސަރުކުރާކަމެވެ. އަދި އިތުރަށް މަޢުލޫމާތު ހޯދާ ދަސްކުރަން ބޭނުންވާކަމެވެ.  ހޯދުންތަކުން ފެންނަންހުރި ޙަޤީޤަތަކީ ޖަމާޢަތުގެ ހަރަކާތްތަކުގައި ބައިވެރިވެ އުޅޭދަރިވަރުން ސްކޫލުގައި މާ ރަނގަޅު ނަތީޖާ ހޯދާކަމެވެ. ޚާއްޞަކޮށް ހިސާބު އަދި ލިޔެކިޔުން ފަދަ މާއްދާތަކުގައެވެ. މީގެ އިތުރުން ޖަމާޢަތުގެ ޚިދުމަތްތަކުގައ ބައިވެރިވާ ދަރިވަރުން ސާނަވީ މަރުހަލާ ފަހަނައަޅައި  މަތީ ތަޢުލީމަށްދާ މިންވަރުވެސް މަތިކަމަށް ބެލެވެއެވެ.

  1. ޚިދުމަތަށް ޒިންމާދާރުވުން

ދަރިވަރުން ލައްވާ ޖަމާޢަތަށް ޚިދުމަތް ކުރުވުމުން ހަމައެކަނި އެހެން މީހުންނަށް އެހީތެރި ވެވެނީކީ ނޫނެވެ. އޭގެއިތުރުން މުޖުތަމަޢަށާއި ދުނިޔެއަށް އެމީހުންގެ ލޯހުޅުވި ކަންކަމުގައި ޒިންމާދާރުވެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީ ކުރެވިގެންދެއެވެ. އަދި އެމީހުންގެ މަސައްކަތުގެ ސަބަބުން ރަނގަޅު ބަދަލެއް ގެނެވިދާނެ ކަމުގެ ވިސްނުން އަށަގަނެއެވެ. އަދި ކުރެވުނު ތަޖުރިބާގެ އަލީގައި ކްލާސްރޫމަށް ވަދެ ޙަޤީޤީ ދިރިއުޅުމުގައި އޭގެ ބޭނުންހިފާނެ ގޮތްތައް އިތުރަށް ދަސްކުރަން ބޭނުންވެއެވެ. ދަރިވަރުންނަށް ޖަމާޢަތަށް ޚިދުމަތްކުރުމުގެ ފުރުޞަތު ދިނުން މުހިންމުވަނީ މިދެންނެވި ސަބަބުތަކާހެދިކަން ގަބޫލުކުރަން ޖެހެއެވެ. އެއީ ހަމައެކަނި ޖަމާޢަތަށް ކަމެއް ކޮށްދިނުމުން އޭގެ އެދެވޭ އަސަރު ފޯރާނެތީކީ ނޫނެވެ. އޭގެ އިތުރުން ދަރިވަރުންގެ އަޚްލާގަށްވެސް ހެޔޮބަދަލުތަކެއް އައިސް އެހެންމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިފަ އަށަގަންނާނެތީއެވެ.

މައުލޫމާތު:

https://www.whitbyschool.org/passionforlearning/why-is-community-service-important

Leave a Comment

Your email address will not be published.