ލިޔުނީ: ހަސަން ޒަރީރު އިބްރާހީމް
ތަޢުރީފް
މާތްﷲ އަޅުގަނޑުމެން އިންސާނުންނަށް ދެއްވި އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ ހިދާޔަތެވެ. އަދި އަޅުގަނޑުމެންގެ ކޮންމެ މުޖުތަމަޢެއްގެ ވަޙުދަތުގެ އަސާސަކީ ނުވަތަ ބިންގަލަކީ އިސްލާމްދީނެވެ. ދީނުގެ މުހިންމު ބައިތަކުގެ އެންމެ މުހިންމު އެއްބަޔަކީ ޢަޤީދާގެ ބައެވެ. އަދި ޢަޤީދާގެ މުހިންމު ބައިތަކުތެރެއިން އެންމެ މުހިންމު ބަޔަކީ ތައުޙީދެވެ. އެއީ ހުރިހާ ހެޔޮކަމެއްގެ އަދި ހުރިހާ ދިރުމެއްގެ އަސްލުކަމުގައިވާ ﷲ ސުބޫޙާނަހޫ ވަތަޢާލަށް ފުރިހަމައަށް އީމާންވުމުގެ ބައެވެ. މިއީ އިސްލާމްދީން ޙިމާޔަތްކުރުމުގެ މަސައްކަތުގެ އެންމެ ފުރަތަމަ މަރުޙަލާއެވެ. ދީން ޙިމާޔަތް ކުރުމަކީ އެންމެންގެ ޒިންމާއެކެވެ. ޝައްކެއްނެތް ގޮތުގައި މާތްﷲ އަޅުގަނޑުމެންގެ ގާތަށް ރަސޫލަކު ފޮނުއްވާފައިވަނީ އެކަލޭގެފާނަށް ތަބާވުމަށެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެކަލޭގެފާނަކީ ނަމޫނާއެއްކަމުގައި ބެލުމަށެވެ. ދުނިޔެމަތީގައި އިންސާނަކަށް ލިބޭނޭ އެންމެ މަތިވެރި ނިޢުމަތަކީ އޭނާ ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުން ޙާޞިލްވުމެވެ. މިމަތިވެރި ނިޢުމަތް ޙާޞިލްވާނީވެސް އެކަލާނގެ ފޮނުއްވި ރަސޫލާއަށް ފުރިހަމައަށް ތަބާވެގެންކަން އެގެއެވެ. ކީރިތި ރަސޫލާގެ ސުންނަތަކީވެސް ކީރިތިޤުރްއާން ފަދައިން އެއަށް ޢަމަލުކުރަންޖެހޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުން ހާމަވެގެން ދެއެވެ.
ޤުރްއާނާއި ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މައިގަނޑު ދެމަސްދަރެވެ. ޝަރުޢީ ޙުކުމްތަކުގެ ދަލީލު، ޤުރްއާނުން ސާބިތު ކުރެވޭފަދައިން ސުންނަތުންވެސް އެފަދަ ޙުކުމްތައް ސާބިތުވާތީއެވެ. ކަމަކާއިމެދު ވަކިގޮތަކަށް ޙުކުމެއް ޤުރްއާނުގައި އައިސްފައިނެތަސް އެކަމުގެ ޙުކުމް ސުންނަތުން ސާބިތުވެއްޖެނަމަ އެއީވެސް އިސްލާމްދީނުގެ ޙުކުމެއްކަމަށް ޤަބޫލުކުރަން ޖެހޭނެއެވެ. ވީއިރު އަޅުގަނޑުމެންނަށް ދެދުނިޔޭގައިވެސް ކާމިޔާބު ލިބުންވަނީ އިތުރުއެކަލޭގެފާނުގެ މާތްސުންނަތުގައި ހިފައިގެންނެވެ. ﷲ ގެ ޙަޟްރަތުން އިތުރުއެކަލޭގެފާނާއި ޙަވާލު ކުރެއްވުނު މަތިވެރި އަމާނާތް، އުއްމަތަށް ފޯރުކޮށްދެއްވުމަށްފަހު ސުވަރުގެ ވަޑައިގަތުމުގެ ކުރިން އެކަލޭގެފާނު އުއްމަތަށް ކުރެއްވި އެންމެފަހުގެ ވަޞިއްޔަތަކީ ކޮބައިތޯއެވެ. “ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދެއެއްޗެއް ދޫކުރައްވަމެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާ ހިނދަކު، ތިޔަބައިމީހުން މަގުފުރެދިގެން ނުދާހުއްޓެވެ. އެދެއެއްޗަކީ ﷲގެ ފޮތާއި ތިމަންކަލޭގެ ފާނުގެ ސުންނަތެވެ.” ވީއިރު، ﷲގެ ފޮތާއި ރަސޫލާގެ ސުންނަތަށް ތަބާވެގެން އުޅޭ ކޮންމެ މީހަކަށްވެސް އުޅެވޭނީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ އިމުގެ ތެރޭގައިކަން ޤަބޫލު ކުރަން ޖެހޭނެއެވެ. ވީއިރު އުފެދޭ ސުވާލަކީ ﷲ ގެ ފޮތަށާއި އިތުރުއެކަލޭގެފާނު އުޅުއްވިގޮތަށް ތަބަޢަވެގެން އުޅޭ މީހަކަށް އެއުޅެވެނީ އިސްލާމީ ނަޒަރުން ބަލާއިރު މެދުމިނެއްގައިހެއްޔެވެ؟ ނުވަތަ އެގޮތަށް އުޅުން އެއީ ހައްދު ފަހަނައަޅައި ދިއުންހެއްޔެވެ؟ މިފަދަ ސުވާލުތަކުގެ ޖަވާބު ހޯދުމަކީ މިލިއުމުގެ އެންމެ މުހިންމު ބޭނުމެވެ.
“އިސްލާމީ ނަޒަރުން މެދުމިން ވުމާއި ހައްދު ފަހަނައަޅައި ދިއުން” މިމައުޟޫޢަށް ލިޔާ މި ސިލްސިލާގައި މައިގަނޑުގޮތެއްގައި ބަލައިލާނީ، އިސްލާމްދީނަކީ މެދުމިނުގެ ދީނެއްކަމަށް ވީއިރު، އިސްލާމީ ނަޒަރުން މެދުމިން ވުމާއި، އަދި އިސްލާމީ ނަޒަރުން ޙައްދު ފަހަނައަޅައިދިއުމަކީ ކޮބައިކަން ދެނެގަތުމުގެ މައްޗަށެވެ. މި ލިއުމުގައި “މެދުމިންވުމާއި،ޙައްދުފަހަނައަޅައިދިއުމުގެ” ލުޣަވީމާނައާއި އިޞްޠިލާޙީމާނަ ބަޔާންކޮށްދެވޭނެއެވެ. އަދި މެދުމިންވުމާއި ޙައްދުފަހަނައަޅައިދިއުމުގައި އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގެ މިއަދުގެ ޙާލަތުގެ މައްޗަށް ވެސް ބަލައިލެވޭނެއެވެ. އަދި މި ލިއުމުގެ މައިގަނޑު ބަޙުޘާއިމެދު ލިޔުންތެރިޔާ ދެކޭގޮތް ބަޔާންކުރުމާއިއެކު މައްސަލައިގެ ޚުލާޞާ ނިންމުމެއްވެސް ހިމަނާލެވޭނެއެވެ.
މި ލިއުމުގެ މައިގަނޑު މަޤްޞަދަކީ ތައުޙީދުގެ މަތިވެރި ކަލިމަފުޅުގައިވާ ފަދައިން ﷲނޫން އެހެން އެއްވެސް އިލާހަކުނުވާކަމަށް ހިތުގެއަޑިން ޤަބޫލުކުރާޙާލު، ﷲގެ މަތިވެރި ދީނުގައި ޘާބިތުވެ ދެމިތިބުގައި މީސްތަކުންގެ ޢަމަލުތައް ބަހައްޓަންވީ ކިހިނެއްކަން ކުޑަގޮތަކަށް ނަމަވެސް ބަޔާން ކޮށްދިނުމަށް މަސައްކަތް ކުރުމެވެ. އަދި ހަމައެހެންމެ ދީނުގެ ކަންކަމާއިމެދު މީސްތަކުންގެ މެދުގައި ޚިޔާލުތަފާތުވެ، މުޖުތަމަޢުގެ ހަމަނުޖެހުން އުފެދިގެން ދިއުމަކީ ދީނީގޮތުން ކިހާވަރެއްގެކަމެއް ކަމާއި، ދީނުގައި ކަނޑައެޅިފައިވަނީ ހުރިހާ ކަމެއްގައިވެސް މެދުމިންވުންކަމާއި އަދި އެއްވެސް ކަމެއްގައި ޙައްދުފަހަނައަޅައި ދިއުމެއް ނުވާކަން ބަޔާން ކޮށްދިނުމެވެ.
މެދުމިންވުން
މެދުމިންވުމަކީ ކޮބައިތޯއެވެ؟ ދިވެހިބަހުގެ ރަދީފު ފޮތުގައި “މެދުމިންވުން” މިބަހުގެ މާނަ ކޮށްދީފައެއް ނުވެއެވެ. ނަމަވެސް ” މެދުމިން ” މިބަހުގެ މާނައިގެ ގޮތުގައި 3 މާނައެއް ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި ” ދޭތެރެ މެދު، އާދައިގެވަރު، މެދުފަންތި ” ހިމެނެއެވެ. އަދި ދިވެހިބަސްފޮތުގައިވާ ގޮތުން ” މެދުމިންވަރު” މިބަހުގެ 2 މާނައެއް ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި “އާދައިގެ މިންވަރު، މެދުފަންތި” މި ދެމާނަ ފާހަގަ ކުރެވެއެވެ. ޢަރަބި ބަހުގައި މެދުމިން އައިސްފައިވަނީ وَسَطًا މިބަހުގެ ގޮތުގައެވެ. އަދި އިސްލާމީ ޝަރީޢަތުގައި “މެދުމިން” މިބަސް މާނަކޮށްފައިވަނީ ކަންކަމުގައި ހައްދު ފަހަނައަޅައި ނުދިއުމުގެ މާނައިގައިކަން ސޫރަތުލް ބަޤަރާގެ 143 ވަނަ އާޔަތުގެ މާނައިން ދޭހަވެއެވެ.
وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا ﴿١٤٣﴾ މިއާޔަތުގެ މާނައަކީ “އަދި ހަމަ އެފަދައިން، މެދުމިން أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (قيامة ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ.” ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙުމާނު. (2009) އިސްލާމީޝަރީޢަތާއި ފިޤުހުގެ ތާރީޚު. މި ފޮތުގައި ބަޔާންކުރައްވާފައިވަނީ، ކުރީގެ ޝަރީޢަތްތަކާއި އަޅާބަލާއިރު، އިސްލާމީ ޝަރީޢަތުގައި ޙުކުމްތައް ގެނެސްދީފައިވަނީ މެދުމިނަކަށްކަން އެނގި ހާމަވާކަމުގައެވެ. އެއްމިސާލެއް ދަންނަވާނަމަ، ޤުރްއާނުގެ ޙުކުމްތައް އެހާގިނަނުވެފައި އަދި އުނދަގޫވާކަހަލަ ތަފްޞީލްތައް އައިސްފައި ނުވުމުން އެކަމުންވެސް އިސްލާމީ ޝަރީޢަތަކީ މެދުމިނުގެ ޝަރީޢަތެއްކަން ޝައްކެއް ނެތްމިންވަރަށް ހާމަވާކަމުގައެވެ.” 2013 ވަނަ އަހަރު ޖެނުއަރީ 10 ން 12 އަށް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ޢިލްމުވެރިންގެ 2 ވަނަ މަހާސިންތާގައި ނިންމުނު ކަންތަކުގެ ތެރޭގައި އިސްލާމް ދީނަކީ މެދުމިނުގެދީނޭ ބުނެވޭ ބަހުގެ މާނަ ވަރަށްވެސް ފުރިހަމަކޮށް ގެނެސްދީ ފައިވެއެވެ. އެގޮތުން މެދުމިނުގެ ދީނޭ ބުނެވޭ ބަހުގެ މާނައަކީ އިސްލާމްދީނަކީ އެންމެ ހެޔޮ އެންމެ ޢަދުލުވެރި ދީނެވެ. އަދި ކީރިތި ޤުރްއާނާއި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައިވާ ގޮތުގެ މަތިން އިސްލާމްދީނުގެ ޙުކުމްތަކަށް އުނިއިތުރެއް ނުގެނެސް ބަލައިގަތުމަކީ ޙަޤީޤީ މެދުމިންކަމެވެ. ބަޔާންވެދިޔަ މާނައިން ދޭހަވާ ގޮތުގައި އިސްލާމީ ނަޒަރުން ބަލާއިރު މެދުމިންވުމަކީ އިސްލާމްދީނުގެ ޙުކުމްތަކަށް އުނިއިތުރެއް ނުގެނެސް ޙުކުމްތަކާއި އެއްގޮތަށް އިސްލާމްދީން ބަލައިގަތުން ކަމަށް ދޭހަވެގެންދާކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަނެއެވެ.
(ނުނިމޭ)