30 ޖުލައި 2023،
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލް ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލް ހުޅުއްވައި ދެއްވީ، އެމަނިކުފާނު މިއަދު ފުވައްމުލައް ސިޓީއަށް ކުރެއްވި ޒިޔާރަތުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމުގެ މަޝްރޫޢުކުރިޔަށް ގެންގޮސްފައި ވަނީ، އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިގެންނެވެ. ދިރާސީ އައު އަހަރު ފެށޭއިރު މިޢިމާރާތް ބޭނުން ކުރަން ފެށޭނެއެވެ.
ރާއްޖޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލުހޯދައި ދެއްވުމަށާއި، ދަރިވަރުންގެ އިތުރު ޙަރަކާތްތަކަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށް، ކިޔަވައިދިނުމުގެ ފެންވަރުމަތިކުރުމަށް މިސަރުކާރުން ވަނީ މުޅި ރާއްޖޭގެ ސްކޫލުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ. /ފޮޓޯ އަދި މައުލޫމާތު: ރައީސް އޮފީސް