ސްކޫލް ބޮޑުޗުއްޓީއަށް ސްކޫލްތައް ބަންދުވުމަށްފަހު މާލެސަރަހައްދާއި ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ ސްކޫލް މަދަރުސާތަކުގެ ޓީޗަރުން އެނބުރި ސްކޫލްތަކަށް މިއަދު ނުކުމެއްޖެއެވެ. 2023 – 2024 އަށް ފެށޭ ދިރާސީ އައުއަހަރު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.
މިފެށޭ ދިރާސީ އަހަރަށް ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ޓީޗަރުން ރަސްމީކޮށް ސްކޫލްތަކަށް ނުކުތުމާގުޅިގެން ޓީޗަރުންނަށް ސްކޫލްތަކުންވަނީ ވަރަށް ފުރިހަމަ މަރުޙަބާއެއްކިޔާފައެވެ.
މާލެ ސަރަޙައްދުގައި މިއަހަރު އަލަށް ކިޔެވުން ފެށޭ ޞަލާޙުއްދީން ސްކޫލްގެ ޓީޗަރުންވެސް ވަނީ ސްކޫލަށް ނުކުމެފައެވެ. ޞަލާޙުއްދީނުން ޓީޗަރުންނަށް މަރުޙަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޕާމަނަންޓް ސެކެޓެރީ އަޙުމަދު ޢަލީ ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ވަނީ ފުވައްމުލައް ސިޓީގެ ބައެއް ސްކޫލްތަކަށް މިއަދު ޒިޔާރަތްކުރައްވައި އެސްކޫލްތަކުގެ ޓީޗަރުންނާ ބައްދަލުކުރައްވާފައެވެ.