2023-2024 ވަނަ ދިރާސީ އަހަރު ފެށުމުގެ މުނާސަބަތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ފޮނުއްވި ޚިޠާބު

`

الحمد لله رب العالمين والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين

މިއަދަކީ އަޅުގަނޑަށް ވަރަށްވެސް އުފާވެރި ދުވަހެއް. ހިނިތުން ކުރުވާ ދުވަހެއް. ނަފުސު ތަޒާވާ ދުވަހެއް. ސަބަބަކީ، މިއަދަކީ ބޮޑު ބަންދަކަށްފަހު، އަލުން އައު ދިރާސީ އަހަރެއް ފެށޭ ދުވަސް ކަމަށް ވާތީ. އެތަކެއް ހާސް ދަރިވަރުންނާއި ބެލެނިވެރީންނާއި މުދައްރިސުންގެ އިންތިޒާރު ނިމި އަލުން، އާ ފެށުމަކުން، އާ ރޫޙެއްގައި، ޖޯޝާއި ފޯރިއާއެކު އުނގެނުމުގެ ހަރަކާތްތައް ފެށޭ ދުވަހަށް ވާތީ. ނިމި ދިޔަ ބަންދުގައި ވެވުނު ތައްޔާރީތަކުގެ އަޖުމަ ބެލި ވަކަރަށް ޖަހާލެވޭ ދުވަސްކަމަށް ވާތީ. އަޅުގަނޑެކޭ އެއްފަދައިން، މުޅި ދިވެހި މުޖުތަމަޢުވެސް މިއަދުގެ މި އުފާ އަންނަނީ ޙިއްޞާކުރަމުން. މި ދިރާސީ ޢީދުގައި އަންނަނީ ބައިވެރި ވަމުން.

އެހެންކަމުން، ލޮބުވެތި ދަރިވަރުންނަށާއި ހީވާގި މުދައްރިސުންނަށް، ސުކޫލުތަކުގެ ހިންގުންތެރީންނަށާއި ލޭފަވެތި ބެލެނިވެރީންނަށް އަދި ތަޢުލީމީ ދާއިރާގެ އެންމެހާ މަސްލަހަތުވެރީންނަށް، މި ފެށޭ އައު ދިރާސީ އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ، އިޚުލާޞްތެރި ކަމާއެކު ދަންނަވަން.

ސުކޫލެއްގެ ކާމިޔާބީ ވަޒަންކުރުމުގައި، ޘާނަވީ މަރުޙަލާތަކުގެ ނަތީޖާއަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އިހުއްސުރެ ގެންގުޅޭ މިންގަނޑެއް. ނަމަވެސް، އަޅުގަނޑުމެން ޤަބޫލު ކުރާން ޖެހޭ ހަޤީގަތަކީ، ސުކޫލުގެވެސް، އަދި ތަޢުލީމީ ނިޒާމުގެވެސް، އެންމެ މަތީ އަރުތަ މިންކުރެވޭނޭ މައިގަނޑު އަސާސަކީ މި ރާއްޖޭގެ ޤައުމީ މަންހަޖުކަން. އެމަންހަޖުގެ ތަސައްވުރުކަން. އޭގެ މުހިންމަތްކަން. އާދެ، އެ ތަސައްވުރަކީ، ކޮންމެ ދަރިވަރަކީވެސް ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުން. ހަރުދަނާ ރައްޔިތެއް ބިނާކުރުން. ޒިންމާދާރު މުވާތިނެއް އުފެއްދުން.

އެހެންކަމުން މިކަން ހާސިލުކުރުމަށްޓަކައި، މި ރާއްޖޭގެ ތަޢުލީމީ ބިނާރު ހަރުދަނާ ކުރާން ޖެހޭ. އިތުރަށް ބިނާކުރާން ޖެހޭ. ކިލާސްރޫމުތައް އިތުރުކުރާންޖެހޭ. ވަޞީލަތްތައް ގާއިމުކުރާން ޖެހޭ. ސުކޫލުތަކުގެ އެތެރެވެއްޓާއި ބޭރުވެށީގައި، ތަފާތު ކުޅިވަރު ކުޅެވޭނޭ އިންތިޒާމުތައް އެކަށައަޅާން ޖެހޭ.

މެދުކެނޑުމެއްނެތި، އަޅުގަނޑުމެން ކުރަމުން މިއަންނަނީ އެ މަސައްކަތް. ނަތީޖާއަކީ، މި ހިނގާ ދިޔަ ފަސްއަހަރެއްހާ ދުވަސް ތެރޭ އެތައް ސުކޫލެއް، އެއް ދަންފަޅިއަށް ބަދަލުކުރެވިގެން ދިޔުން. ތަޢުލީމުގެ ފަސް ފަހަތުން ގޮސް، މޯހިރުން ދަތުރުކޮށް، ތަފާތު ވެށިތަކަށް، އެކިއެކި ރަށްރަށަށް، ބީރައްޓެހި ކަރަކަރައަށް، ހިޖުރަ ކުރާން ޖެހުނު ކިތަންމެ ރަށެއްގައި، އެރަށުގެ އަހުލުން ޤާއިމުވެ ތިބެ، އުނގެނެވޭނޭ ގޮތް ވެގެން ދިޔުން. ދަރިވަރުންގެ ވަށާޖެހޭ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ވަޞީލަތްތައް ސުކޫލުތަކުން ލިބިގެން ދިޔުން.

މިފަދަ ހުރިހާ ވަޞީލަތެއް ސުކޫލުތަކުގައި ގާއިމުކުރެވެނީ ހުރިހާ ކުދީން ޝާމިލު ކޮށްގެން ތަޢުލީމު ފޯރުކޮށްދެވޭ ގޮތަށް. އެކި ގޮތްގޮތުން އުނގެނުމުގެ އެހީތެރިކަން ބޭނުންވާ، ވަރަށް ގިނަ ކުދިބަޔަކު އަޅުގަނޑުމެންގެ ތެރޭގައިވާކަން އެއީ އަޅުގަނޑުމެންގެ ހަނދާނުގައި އަބަދުވެސް ހުންނަ ހަޤީގަތެއް. އެހެންކަމުން، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އިރުޝާދާއެކު، ޝާމިލު ވެށި ބިނާކުރެވި، ދަރިވަރުންނަށް އެކަމުގެ ފައިދާ ކުރާނޭފަދަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. ނަތީޖާއެއްގެ ގޮތުން، އެތަކެއް ދަރިވަރުންނަށް އޭގެ މަންފާ ވަނީ ލިބިފައި. އަދި ކުރިޔަށް އޮތް ތާގައިވެސް، އިރާދަކުރެއްވިއްޔާ އެކަމުގެ ތާސީރު، ޖީލުތަކަށް ލިބިގެން ދާނެ. އެކަމުގެ ރާހަތު ދަރިދަރިކޮޅަށް ފޯރާނެ. އެކަމުގެ ހެޔޮ އަސަރު މި ދިވެހި މުޖުތަމަޢުން ފެންނާނެ.

އާދެ، ޒިންމާދާރު، ހަރުދަނާ ރައްޔިތެއް ބިނާކުރެވޭނީ، ދެވޭ ތަޢުލީމު، ވަށާ ޖެހިގެން. ދަރިވަރުންގެ ކިބައިގައި ތަފާތު ހުނަރުތައް އަށަގަންނުވައިގެން. އެ ކުދީންނަކީ މަސައްކަތުގެ މާހައުލާ ރައްޓެހި ބަޔަކަށް ހެދިގެން. އެހެންކަމުން، އަޅުގަނޑުމެން މިއަންނަނީ، ކުރިއަށް އޮތް ތަނުގައި ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން، ސުކޫލު ތަކުގައި މަސައްކަތުގެ ތަޢުލީމު، އުންގަންނައިދޭން ފެށުމަށް ތައްޔާރު ވަމުން. ހަމަ އެއާއެކު، 21 ވަނަ ގަރުނުގެ މައިގަނޑު ހުނަރުތައް އަޅުގަނޑުމެންގެ ދަރިވަރުންނަށް ލިބިދިނުމަށްޓަކައި، ސްޓެމް އެޑިޔުކޭޝަންވެސް ސުކޫލުތަކުގައި ފެށުމަށް މިއަންނަނީ ތައްޔާރީތައް ވަމުން. އެހެންކަމުން، މި ދެންނެވި ކަންކަމަށް ބޭނުންވާ ބިނާރު، އިރާދަކުރެއްވިއްޔާ ސުކޫލުތަކުގައި ޤާއިމު ކުރެވިގެން ދާނެ. ވަޞީލަތްތައް ފޯރުކޮށްދެވޭނެ. ތަމުރީނުތައް ދެވޭނެ.

ލޭފަވެތި ދަރިވަރުން،

ތިޔައީ މިރާއްޖޭގެ ކުރިމަގު. އަޅުގަނޑުމެންގެ އުންމީދު. މުޖުތަމަޢުގެ ދިރުން. އެހެންކަމުން ތިޔައިން ކޮންމެ ދަރިވަރަކީވެސް، ކާމިޔާބު ކުއްޖަކަށް ވުމަށް ހިންމަތް ކުރާންވާނެ. އެކި ކުދީންނަށް ކުރިއެރުން ލިބޭނީ އެކި ރޮނގުން. ތިޔައިން ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް. އެހެންކަމުން، ތިޔަކުދީންގެ ކިބައިގައި ހުންނަ ހުނަރުވެސް ތަފާތުވާނެ. ތަޢުލީމު ހާސިލުކުރާ ދާއިރާވެސް ތަފާތުވާނެ. ވިސްނާ ވިސްނުންވެސް ތަފާތުވާނެ. ޖަމާއަތެއް މުޖުތަމަޢަކަށް ވަނީ، މިދެންނެވި ސިންދަފާތުކަމުގެ ސަބަބުން. އެހެންވީމާ، ކާމިޔާބަކީ އެކުއްޖަކު ޝައުގުވެރިވާ، އެކުއްޖަކާ ގުޅޭ، އެކުއްޖަކު ގަޔާވާ ރޮނގަކުން ކުރިޔަށް ގޮސްގެން ލިބޭނޭ އެއްޗެއްކަން ގަބޫލުކުރާން ވާނެ.

ހީވާގި މުދައްރިސުން،

ޣާޒީ ބަންޑާރައިން ވިދާޅުވެފައި ވޭ ‘މީހުން މީހުންނަށް ވާނީ މީހުން މީހުންނަށް ހެދީމައޭ’. މިއަދު އެ ޒިންމާ އެޅިފައިވަނީ ތިޔަ ހުނަރުވެރީންގެ ކޮޑުފުޅު ތަކުގައި.

އަޅުގަނޑުމެންގެ ކިޔަވާކުދީންގެ ކުރިމަގަކީ، މި 21 ވަނަ ގަރުނުގައި، ފުންމިން ނޭނގޭ ކަނޑެއް ފަދަ އެއްޗެއް. އެ ކަނޑުން އިންތިހާއަށް ބޭނުންތެރި ވަޞީލަތްތަކާއި ތަފާތު ފުރުޞަތުތައް ލިބޭއިރު، ދިރިއުޅުން ބަނގުރޫޓު ވާފަދަ ހިރާސްވެސް އެހާމެ ގިނަ. އެހެންކަމުން، އަޅުގަނޑުމެންގެ ދަރީންނަކީ ޖެހިލުމެއްނެތި، ފަސޭހަކަމާއި ކުޅަދާނަ ކަމާއެކު، މިފަދަ ކަނޑެއްގައި ފަތާން އެނގޭނޭ ވިސްނުމާއި ހުނަރާއި ޢިލްމު ލިބިފައިވާ ބަޔަކަށް ހެދުމަކީ ތިޔަ ލޮބުވެތި މުދައްރިސުންގެ މަސްއޫލިއްޔަތު. ތިޔަ ބޭފުޅުންގެ މަސައްކަތުގެ އަމާޒު. ތިޔައިން ކޮންމެ ބޭފުޅެއްގެ ލަނޑުދަނޑި. އެހެންކަމުން މިދެންނެވި މަގަށް މަސައްކަތް ކޮށްދެއްވާނޭ ކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަން.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި، އިހު އެވޭލާ ޒަމާނުއްސުރެ، މުދައްރިސުންނާ ދޭތެރޭ ދެކެމުން އައީ ވަރަށް ރަނގަޅަށް. އަޅުގަނޑުމެންގެ ކުދި ރަށްރަށުގައި، އެދުރުންނަކީ، ވަރަށް ޤަދަރުވެރި ބައެއް. އިޙުތިރާމު ލިބިގެންވީ ބައެއް. ރަށުގެ އެންމެންގެ ލޯބި ލިބިފައިވީ ބައެއް.

ނަމަވެސް، ފާއިތުވީ 3 ދަހަރު އަޅުގަނޑުމެންނަށް ފެނުނީ އެދުރުންގެ މުހިންމުކަމާމެދު، ނޭނގި ނަމަވެސް އިހުމާލު ވެވުނުތަން. ނަތީޖާއަކީ، އަޅުގަނޑުމެންގެ މުދައްރިސުންގެ މަގާމާއި ހައިބަތު، މުޖުތަމަޢުގައި ނަގަހައްޓާން އަޅުގަނޑުމެންނަށް އިތުރު މަސައްކަތްތަކެއް ކުރާން ޖެހުން. އެހެންކަމުން އަޅުގަނޑުމެންގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މުދައްރިސުންނަށް އެމީހުންގެ ހައްޤު މަގާމާއި ޤަދަރު، މުޖުތަމަޢުގައި ނުލިބޭހާ ހިނދަކު، އިޖުތިމާއީ ފޭރާމުގައި ވީދި ކަފާސްވެފައި ހުރި ބާގަނޑުތައް ބެއްދޭނޭ ގޮތެއް ނޯންނާނެޔޭ. އެޔާއެކު، އެމަނިކުފާނު ނިންމެވީ، އަބުރުވެރި ދިރިއުޅުމެއް އުޅެވޭފަދަ އުޖޫރައެއް މުދައްރިސުންނަށް އެރުވުމަށް. އާދެ، އެމަނިކުފާނު މި ވަނީ، މުދައްރިސުންނަކީ އަސްލުގައިވެސް ޤައުމީ ބިނާވެރީންކަން ޢަމަލީގޮތުން ދައްކުވައިދެއްވާފައި. ނަންވެ، ކަންވެސް ވާ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ދައްކުވައިދެއްވާފައި. އެހެންކަމުން އަޅުގަނޑުގެ އެދުމަކީ، ކޮންމެ ބޭފުޅަކީވެސް މުދައްރިސުންނަށް ޙައްޤު އިޙުތިރާމު އަދާކުރައްވާ، ޤަދަރު ދެއްވާ، ކަމޭހިއްތަވާ ބޭފުޅަކަށް ވުން. ހަމަ އެގޮތަށް، އެދުރުންނަކީ މުޖުތަމަޢު ބަލައިގަންނަ، އިޙުތިރާމުކުރާ، ޤަދަރުވެރި ބައެއްގެ ގޮތުގައި ވުން.

ކޮންމެއަކަސް، ތިޔަ ހިންމަތްތެރި މުދައްރިސުންގެ ކަންކަން، މުސާރަ ބޮޑުކޮށްލާފައި، ނިންމާލާކަށް އަޅުގަނޑުމެން ގަސްދެއް ނުކުރަން. ސަބަބަކީ، އަޅުގަނޑުމެންގެ ޤައުމީ މަންހަޖުގެ ތަސަވުރު ހާސިލުކުރެވޭނީ، އޭގެ އަރައިހުރި ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނުވޭނީ، އެ މަންހަޖު ރަނގަޅަށް ސުކޫލުތަކުގައި ތަންފީޒު ކުރެވޭނީ، ތިޔަ މުރާލި މުދައްރިސުންނަށް، އެކަށީގެންވާ ފަހި، އުފާވެރި މަސައްކަތުގެ މާޙައުލެއް ޤާއިމުކޮށްދެވިގެންކަން އަޅުގަނޑުމެން ހިތުގެ އަޑީން ޤަބޫލު ކުރާތީ. އެހެންކަމުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ފަށަނީ އެމަސައްކަތް. މާތް ﷲގެ އިރާދަފުޅާއެކު، ދުރު ނޫން ކުރިމަގެއްގައި، ތިޔަ ބޭފުޅުންނަށް އެކަމުގެ އުފާވެރިކަން ލިބިގެން ދާނެ.

ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމަޢުތަކުގައި މުދައްރިސުންނަށް އެބޭފުޅުންގެ ޙައްޤު، މަތިވެރި ދަރަޖަ މުޖުތަމަޢުގައި ގާއިމުވެފައި އޮތުމަށްޓަކައި، މުދައްރިސުންނަކީ، އުންގަންނައިދިނުމުގެ ވަކި ލައިސެންސެއް އޮންނަ ބަޔެއްކަމަށް ކަނޑައަޅާފައި ހުރޭ. އަޅުގަނޑުމެންވެސް، އިރާދަކުރެއްވިއްޔާ މި ދަތުރުކުރަނީ އެމަގުން. ބޭނުމަކީ، ތިޔަ ލޮބުވެތި މުދައްރިސުންނަކީ ޤަދަރުވެރި، މުޖުތަމަޢު ޤަބޫލުކުރާ އަޚުލާޤީ ރިވެތި ސިފަތައް އަށަގަނެފައިވާ ބައެއް ކަމުގައި ހެދުމަށް މަގުފަހިކުރުމަށާ، ތިޔަ ބޭފުޅުންނަކީ ފަންނީގޮތުން ކުރިއަރަމުންދާ ބަޔަކަށް ހެދުން. ތިޔައީ މުޖުތަމަޢުގައި ޤަދަރުވެރި، ހައިބަވެތި، މުރުއްވަތްތެރި ބަޔަކަށް ހެދުން. އެކަމަށްޓަކައި، ތިޔަ މުދައްރިސުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ތަޢުލީމުގެ ޤާނޫނުގައި ކަނޑައަޅައިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަމާއި ހުނަރާއި މަސައްކަތުގެ އަޚުލާޤު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް. އެހެންކަމުން، އުނގަންނައި ދިނުމުގެ ލައިސަންސް ލިބުމަކީ ތިޔަ ބޭފުޅުންނަށް އެރުވޭ ޝަރަފެއް.

ލޮބުވެތި ބެލެނިވެރީން،

ޒިންމާދާރު، މަސްއޫލިއްޔަތު އަދާކުރާ، ދުނިޔެއަށް ލޯ ހުޅުވިފައިވާ ބަޔަކަށް އަޅުގަނޑުމެންގެ ލޮލުގެ ކޮއެ ފަދަ ދަރީން ވާނީ، އެކުދީންނަށް ޒިންމާ އުފުލާން ދަސްކޮށްދީގެން. މަސްއޫލިއްޔަތު ޙަވާލުކޮށްގެން. ގޭތެރޭގެ މާޙައުލާ، ދިރިއުޅުމުގެ ހާލަތްތަކާ، ކުރިމަތިވާ ކަންކަމުން އިބުރަތް ހާސިލުކުރާނޭ ފުރުޞަތު، އެކުދީންނަށް ދީގެން. އެހެންކަމުން، އެކުދީންގެ ޢަމަލުތަކުގެ ޒިންމާ އެކުދީން އުފުލާން ޖެހޭނޭކަން ވިސްނައިދެއްވާންވާނެ. އެއިން އެއްވެސް ކުއްޖަކު ކުރާ ކަމަކަށް، ބުނާ ބަހަކަށް، އުޅޭ އުޅުމަކަށް، ޒިންމާވާން ޖެހޭ ދެވަނަ އެހެން މީހަކު ނުހުންނާނޭކަން އެކުދީންނަށް ބުނެދެއްވާންވާނެ.

ކޮންމެއަކަސް، ތިމާގެ ދަރި ތިމާއަށް ދޮންފުތު ވާނޭކަން އަޅުގަނޑު ޤަބޫލުކުރަން. އެއީ އިންސާނީ ޠަބީޢަތް. އެކަމަކު، އެއީ އެހެން ކުދީންނަށް ގަނާކުރާން ބާރުލިބޭ ކަމަކަށް ވެގެން ނުވާނެ. ކޮންމެ ކުއްޖަކީވެސް ނަފުސުގެ ހުރުމަތް ލިބިގެންވާ ކުއްޖެއް.

ތަޢުލީމުގެ ފުރިހަމަ ފައިދާ ދަރިވަރުންނަށް ކުރާނީ، ރަނގަޅު ތަރުބިއްޔަތެއް ދެވިގެން. ތަރުބިއްޔަތާ ނުލައި ދެވޭ ތަޢުލީމަކީ، ފޫނެއް ފަޔަކަށް ފެން ފުރުން ފަދަ ކަމެއް. އެހެންކަމުން، ކުދީން ބަރާބަރަށް، ސުކޫލަށް ފޮނުވުމާއެކު، އެކުދީންނަށް، ރިވެތި ނަމޫނާ ދައްކަވާ ބަޔަކަށް ތިޔަބޭފުޅުން ވެލެއްވުން އެދެން. މުޖުތަމަޢު އުންމީދުކުރާފަދަ ބަޔަކަށް އެ ކުދީން ހެދުމަށް ގަދައަޅައި މަސައްކަތް ކުރަށްވުން އެދެން. އެ ދަރީންގެ ފަޚުރު ކަމުގައި ތިޔަ ބޭފުޅުން ވެލެއްވުން އެދެން.

ކޮންމެއަކަސް، މިއަދު މި ފެށެނީ އަނެއްކާވެސް މުޅިން އައު ބާބެއް. ކުރިޔަށް ހުރީ ތަފާތު އާހިތަތަކެއް. ތަޖުރިބާތަކެއް. އަޅުގަނޑުގެ ދުޢާއަކީ، މިދެންނެވި ތަޖުރިބާތަކާއި އާހިތަތަކަކީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީންނަށް މަންފާހުރި ކަންކަން ކަމުގައި މިންވަރުކޮށްދެއްވުން. މިއަދު މިފެށޭ ދިރާސީ އަހަރަކީވެސް، އެންމެހާ ދަރިވަރުންނަށާއި މުދައްރިސުންނަށް، ބެލެނިވެރީންނަށާއި ތަޢުލީމީ ދާއިރާގެ އެންމެހައި މަސްލަހަތުވެރީންނަށް ފާގަތި، އަރުތަވެރި، ކާމިޔާބު އަހަރެއް ކަމުގައި ލެއްވުން.

ވައްސަލާމް ޢަލައިކުމް.

19 މުޙައްރަމް 1445

6 އޮގަސްޓް 2023

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.