އަންހެނުންގެ ޙައްޤުތައް، ފުރިހަމަޔަށް ލިބިދީފައިވަނީ ހަމައެކަނި އިސްލާމް ދީނުގައި ނޫންހެއްޔެވެ؟

ލިޔުނީ: ޙަސަން ޒަރީރު އިބްރާހީމް

(ދެވަނަ ބައި)

ރޫމީންގެ މެދުގައި އަންހެނުންގެ ޙައްޤުތައް ދެވިފައިވާގޮތް.

ދުނިޔޭގެ ބާރުގަދަ ބަޔެއްގެ ގޮތުގައި ތާރީޚު ލިޔެވިފައިވާ ރޫމީން ނުވަތަ ރޯމަނުންނަކީ، ޔޫރަޕް ގެނަމުން މަޝްހޫރުވެފައިވާ ބައްރުގައި ޤަދީމީ ވަރުގަދަ ޙަޟާރަތެކެވެ. އަދި އެމީހުންނަކީ މިއަދުގެ ދުނިޔޭގައި އިންސާނީ ޙައްޤު ތަކުގެ ވާހަކަޔާއި އަދި ވަކިންޚާއްޞަކޮށް އަންހެނުންގެ ޙައްޤުގެ ވާހަކަ ދައްކާމީހުންނެވެ. ނަމަވެސް ރޯމަނުން އަންހެނުންގެ ޙައްޤުތައް އަދާކޮށްފައިވާގޮތް ތާރީޚުން ފެންނަންއޮތް ގޮތުގައި، އެމީހުން އަންހެނުންނާއިމެދު ދެކެނީ ވަރަށް ދަށުދަރަޖައިގެ ބަޔެއްގެ ގޮތުގައެވެ. އެމީހުން ބުނަނީ “އަންހެނުންނަކީ ފުރާނަހުރި ބަޔެއްނޫންކަމުގައެވެ. އަންހެނުންނަށް އަދަބު ދިނުމަށް، ތެޔޮ ކައްކާފައި އެބައިމީހުންގެ ގަޔަށް އަޅައެވެ. ނުވަތަ އަސްތަކުގައި އައްސައިގެން ދަމައެވެ. ” ރޯމަނުން ބަލައިގަންނަމުން ދިޔައީ އަންހެނުންނަކީ ފިރިހެނުންގެ އަޅުންގެ ގޮތުގައެވެ. ” އަންހެނަކު ކައިވެނި ކޮށްފިނަމަ، ފިރިމީހާއަށް އަޅުވެތިވުން ޝަރުޠުކޮށް ޤަރާރެއްގައި ސޮއިކުރުމަށް އެއްބަސްވާން ޖެހޭއެވެ. އަނބިމީހާއަށް ފިރިމީހާ ނުރުހޭނެ އެއްވެސް ކަމެއްގެ ތުހުމަތެއް ކުރެވިއްޖެނަމަ، އަނބިމީހާ ޤަތުލުކުރުމުގެ ބާރު ފިރިމީހާއަށް އޮވެއެވެ.” ބައްޕަ ބޭނުންވެއްޖެނަމަ، އަންހެން ދަރިފުޅު ވިއްކާލުމާއި ކުއްޔަށް ދިނުމުގެ ޙައްޤުވެސް ލިބިދީފައި އޮވެއެވެ.

ސުމިތު ބޯނީ، (2008). ބަޔާންކުރައްވާ ގޮތުގައި އެތެންސްގެ ޤާނޫނުތަކާއި ހަމަ އެއްގޮތަށް ރޯމުގެ ޤާނޫނުތައް ހަދާފައިވަނީވެސް ފިރިހެނުންގެ ޙައްޤުތައް އެކަނި އޮންނަ ގޮތަށް އަންހެނުންނަށް އެއްވެސް ޙައްޤެއް ނުލިބޭ ގޮތަށެވެ. ރޫމީންގެ މެދުގައި އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ ފެށިގެންދިޔައީ ފުރަތަމަ ޤަރުނާއި ހަތަރުވަނަ ޤަރުނާއި ދެމެދުގައެވެ. އެޒަމާނުގައި ރޯމަނުންގެ މުޖުތަމަޢުގައި އަންހެނުން ބެލެހެއްޓުމަށް އަބަދުވެސް ފިރިހެނަކު ހުންނާނެއެވެ. ފަހުން މިކަން ބަދަލުވެގެން އައިސް އަންހެނުންނަށް މުދާލިބިގަތުމުގެ ޙައްޤު ލިބުމާއެކު، އަންހެނުން މުދަލުގެ މައްޗަށް ބާރުހިންގުން ފެށިގެން ގޮސްފައިވާކަމުގައި ސުމިތު ބޯނީ ހާމަކުރައްވާފައިވެއެވެ.
އަންހެނުންނާއިމެދު ޤަދީމީ ރޫމީންގެ ޙަޟާރަތުގައި އަންހެނުންނަކީ ފުރާނަ ހުރިއެއްޗެއްތޯ ސުވާލު އުފެއްދުމުން އެމީހުންގެ މެދުގައި އަންހެނުންގެ ޙައްޤުތަކެއް ނެތްކަމުގައި ޤަބޫލުކުރާ މިންވަރާއި އަދި ދަރަޖަވެސް ނުކުރާކަން ހާމަވެގެންދެއެވެ.

ހިންދީންގެ މެދުގައި އަންހެނުންގެ ޙައްޤުތައް ދެވިފައިވާގޮތް.

އިންޑިޔާގައި ހިންދީޢަޤީދާގެ މީހުންދެކޭގޮތުގައި އަންހެނުންނަކީ ފާފަވެރިންނެވެ. އަންހެނުން މުޅިޢުމުރު ހޭދަކުރަން ޖެހޭނީ ގޭތެރޭގައެވެ. އަދި ފިރިމީހާ މަރުވާއިރު އަނބިމީހާ ދުނިޔޭގައި ހުރިނަމަ އޭނާގެ ފިރިމީހާއާއި އެކު އެމީހާ އަންދާލަން ޖެހޭނެއެވެ. “ހިންދީންގެ ބައެއްމަޒުހަބުތަކުގައި މީހުން ޤަބޫލުކުރާގޮތުގައި، ޙައިޟުގެ މުއްދަތަށްފަހު ޠާހިރުކަންމަތީ އިނދެ އަންހެނާގެ ރަޙިމުގައި ބިސް އުފެދޭ ދުވަސްވަރު ފިރިމީހާ އޭނާގެ ގާތުގައި ނެތްނަމަ އެ އަންހެނާ ޒިނޭ ކުރާނެއެވެ.” އަދި، “ހިންދީންގެ މުޤައްދަސް ފޮތް މަނޫ ޝާސްތަރު ގައި ބުނާގޮތުގައި ފިރިމީހާމަރުވުމުން އޭނާގެ ހަށިގަނޑާއިއެކު އޭނާގެ އަނބިމީހާ އަންދާލަންވާނެއެވެ. އަންހެންމީހާ އެތަނުން ފިލައިފިނަމަ އޭނާއަށް ފުރައްސާރައާއި މަލާމާތް ލިބޭނެއެވެ.” ހަމައެހެންމެ އެޒަމާނުގައި އެމީހުން ދުށްކަމުގައިވަނީ، އަންހެނުންނަކީ މަރުވުމާއި، ނަރަކަޔާއި، އަދި އަލިފާނަށްވުރެންވެސް ނުބައި ނުރައްކާތެރި އެއްޗެއްގެ ގޮތުގައެވެ.
އާރިޔަނުން އިންޑިޔާގައި ދިރިއުޅެން ފެށިޒަމާނުގައި އެބައިމީހުންގެ މެދުގައި ފިރިހެނުންނާއި އެއްހަމައެއްގައި އަންހެނުންނަށްވެސް ޙައްޤުތައް ލިބިގެންވާކަމަށާއި، މިއީ ވެޑިކްޕީރިއަޑް (1500 ބީ.ސީ)ގައި އަންހެނުންނަށް ފުރަތަމަޔަށް ތަޢުލީމު ދޭން ފަށައިގަނެވުނު ހިސާބުކަމުގައި، ޕަޓަންޖަލީ އާއި ކަޓިޔާ އާއި މިދެ ޢިލްމުވެރިން ބުނެފައިވެއެވެ. މި ދެބޭކަލުން އިންޑިޔާގެ ދީނީ ފޮތެއްކަމުގައިވާ “ރިގްދެވިކް” ގައި ބުނެފައިވާ ގޮތުގައި އަންހެނަކު ކައިވެނިކުރާ ޢުމުރަށް އެރުމަށްފަހު، އެމީހެއްގެ އަމިއްލަ އިޚުތިޔާރުގެ މަތިން ބޭނުންމީހަކާއި ކައިވެނި ކުރުމުގެ ޙައްޤު އެމީހަކަށް ލިބިގެންވެއެވެ. މިކަން ކަނޑައެޅުމަށް އެފޮތުގައި ދީފައިވާ ނަމަކީ “ސްލޭމްވަރު” ކަމުގައިވެސް ބަޔާންކޮއްފައިވެއެވެ. މިކަންކަމުން ފެނިގެންދަނީ ހިންދީންގެ މެދުގައި އަންހެނުންގެ ޙައްޤުތަކަށް އިހުމާލުވެފައިވާ މިންވަރުގެ ބޮޑުކަން ނޫންތޯއެވެ.

ޖާހިލިއްޔަ ޒަމާނުގައި ޢަރަބީންގެ މެދުގައި އަންހެނުންގެ ޙައްޤުތައް ދެވިފައިވާގޮތް.

އިސްލާމްދީން އައުމުގެ ކުރީގައި ހިފާގެންގުޅޭ ތަކެއްޗާއި، އެއްފަދައަކުން އަންހެނުންނާއިމެދު އަރަބިން ދެކެވެމުންދެއެވެ. އެމީހެއްގެ މުދަލާއެކު އެމީހެއްގެ އަނބިންނާއި ބެލެނިވެރިކަމުގެ ދަށުގައިވާ އަންހެނުންވެސް ވާރުތަވެގެންދެއެވެ. އަދި ހަމައެހެންމެ، އަންހެން ދަރިއަކު ލިބުމުން އެމީހުންގެ މޫނުގެ ކުލަ ތަޣައްޔަރުވެގެންދެއެވެ. ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ފާޅުވެގެން ދެއެވެ. އެހެންކަމުން މި ހިތްހަމަނުޖެހުމުގެ ނަތީޖާއަކަށްވަނީ އެއިންމީހަކަށް އަންހެންދަރިއަކު ލިބިގެން ވިހައިފިނަމަ އެކުއްޖާ ދިރިހުއްޓާ ވަޅުލުމެވެ. ނުވަތަ ނެފެންނަ ކޮންމެވެސް ހިސާބަކަށް އެއްލާލައެވެ. އޭރު އެމީހުންގެ ޙާލަތު ކީރިތި ޤުރުޢާނުގައި މާތްﷲ މިފަދައިން ބަޔާންކުރައްވައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (ސޫރަތުއްނަހުލުގެ 58 ވަނަ އާޔަތް) وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ މާނައީ: “އެއިން މީހަކަށް ލިބޭ އަންހެން ދަރިއެއްގެ ވާހަކައިން އުފާވެރި ޚަބަރުދެވިއްޖެނަމަ އެމީހެއްގެ މޫނު ކަޅުވެ އަނދިރިވެގެންދެއެވެ. އެކަމުގެ ހިތާމަ ލިބިގެންވާ ޙާލުގައެވެ.” މިއާއިއެކު އަންހެނުންނާއިމެދު އެބައިމީހުން ގެންގުޅުނު އަނިޔާވެރިކަމާއި، ނިކަމެތިކޮށް ހިތުމުގެ ގޮތުން ގެންގުޅުނު އާދަކާދައިގެ ތެރޭގައި، އެއް އަންހެނެއްގެ ގާތަށް ގިނަ ޢަދަދެއްގެ ފިރިހެނުން ދިޔުމާއި، ދިހައަކަށްވުރެ މަދުނޫން ޢަދަދެއްގެ ފިރިހެނުން (އަންހެންމީހާގެ ރުހުމަކަށް އަނިޔާއަކަށް ބެލުމެއްނެތި) އެއް އަންހެނަކާ ޖިމާޢުވަމުން ގެންދިއުމާއި، އަނބިމީހާ ބަދަލުކުރުމާއި، ތިމާގެ އަނބިމީހާ ވަކި މީހެއްގެ ގާތަށް ޖިމާޢުވުމަށް ފޮނުވޭގޮތަށް ކައިވެނިކުރުމަކީވެސް ޖާހިލިއްޔަ ޒަމާނުގައި ޢަރަބިންގެ ތެރޭގައި ހުއްދަކުރެވިފައިވާ ކަންކަމެވެ. އަދި ނަމަވެސް އިސްލާމްދީން އައުމަށްފަހު މިހުރިހާ ބާވަތެއްގެ ގުޅުންތަކާއި ކައިވެނިތައްވެސް ޙަރާމްކުރެވުނެވެ. ހަމައެހެންމެ، ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް އަނިޔާވެރިވުމުގެ ގޮތުން ތަފާތު ގޮތްގޮތަށް ވަރިކުރުންވެސް ގެންގުޅެފައިވެއެވެ. މީގެތެރޭގައި އީލާއު ކުރުމާއި، ޡިހާރުކުރުންވެސް ހިމެނެއެވެ. އަދި އަންހެނުންނަށް ވާރުތަ މުދަލުންވެސް އެދުވަސްވަރު އެއްވެސް އެއްޗެއް ނުލިބެއެވެ. ޢަރަބި ޖާހިލިއްޔަ ޒަމާނުގައި އެމީހުން އަންހެނުންނާއިމެދު ކަންކަން ކޮށްފައިވާ ގޮތުން އަންހެނުންގެ ޙައްޤުތައް ހިފަހައްޓައި ހުރަސްއަޅާފައިވާކަމާއި އެކަންގެންގުޅުނު ނުރައްކާތެރި ދަރަޖަ ސާފުކޮށް ފެނިގެން ދެއެވެ.

ޔަހޫދީންގެ މެދުގައި އަންހެނުންގެ ޙައްޤުތައް ދެވިފައިވާގޮތް.
ޔަހޫދީންގެ ދެކޭގޮތުގައި އަންހެނުންނަކީ ލަޢުނަތް ލެއްވިގެންވާބަޔެކެވެ. މީގެ ސަބަބެއްކަމުގައި އެމީހުން ބުނަނީ އާދަމް ޢަލައިހިއްސަލާމްއަށް މަކަރުހަދައި އޮޅުވައިލީ އަންހެނެއްކަމުގައިވުމެވެ. އަދި އަންހެނުންނަކީ ފިތުނައާއި ކުށްކުރުމަށް މެދުވެރިވާ ސަބަބެއް ކަމުގައި އެމީނުން ދެކެއެވެ. މި ސަބަބާއިހެދި އަންހެނުން ޙައިޟުގެ ދުވަސްވަރުގައި ނަޖިސް ބައެއްކަމުގައި އެމީހުން ދެކެއެވެ. އަދި އެ އަންހެނުންނަށް ޙައިޟުގެ ދުވަސްވަރު އައުމުން ދިރިއުޅެމުންދާ ގެއިން ނެރެ ބޭރުކޮށްލައެވެ. ޙައިޟުގެ ދުވަސްވަރު ތެލި ތަށީގައި ބީހުމާއި، މީހުންނާއި ވާހަކަދެއްކުން ވެސް އެމީހުންނަށް މަނާކުރެވިފައިވެއެވެ. ބައެއް ޔަހޫދީ އަންހެނުން ޙައިޟުވުމުން ގެއިންނެރެ، ގޭދޮރުމަތިގައި ފޭލިގެޔެއް (ޓެންޓް) ޖަހައި، އެތާގައި އަންހެންމީހާ ބައިންދައެވެ. ގަޑިން ގަޑިޔަށް ރޮށްޓާއި ފެން އަންހެންމީހާ ކެއުމަށްޓަކައި ފޭލިގޭގެ ދޮރުމަތީ ބަހައްޓައެވެ. ޙައިޟުން ޠާހިރުވުމުން އެނބުރި ގެޔަށްއައުމުގެ ހުއްދަ ދެވެއެވެ. ކޮންމެ ނަޒަރަކުން ބެލިނަމަވެސް ލަޢުނަތް ލިބިގެންވާ ބަޔަކަށް ދެން ދެވޭނެ އިތުރު ޙައްޤެއް ނޯންނާނެކަން އެބައިމީހުންވަނީ ކަނޑައަޅާފައެވެ. މިކަންކަމުން ޔަހޫދީން އަންހެނުންގެ ޙައްޤުތައް ދީފައިވާގޮތާއި، އެ ކަނބަލުންނަށް ހިތާފައިވާ އިހާނާތްތެރި ނުލަފާ ނިކަމެތި ގޮތްތައް ހާމަވެގެން ނުދޭތޯއެވެ.

ނަޞާރާއިން (ކްރިސްޓިއަނުން) ގެ މެދުގައި އަންހެނުންގެ ޙައްޤުތައް ދެވިފައިވާގޮތް.
ކްރިސްޓިއަނުންގެ ތެރެއިން ފަރަންސޭސީން، މީލާދީން 569 ގައި ބޭއްވި (މަހާސިންތާއެއްގައި) ބައްދަލުވުމެއްގައި ހުޅުވާލި ބަހުސަކީ އަންހެނުންނަކީ އިންސާނުންތޯ؟ ނުވަތަ ނޫންތޯ؟ އާއި، އަންހެނާގެ ފުރާނަ ޥާނަމަ އެއީ އިންސާނުންގެ ފުރާނައެއްތޯ؟ ނުވަތަ ޖަނަވާރެއްގެ ފުރާނައެއްތޯއާއި، އަދި އެއީ އިންސާނީ ފުރާނައެއްނަމަ އެއީ ފިރިހެނުންގެ ފުރަނައާއި އެއްވަރުގެ ނުވަތަ އެއަށްވުރެން ދަށްފެންވަރެއްގެ ފުރާނައެއްތޯ؟ ސުވާލު އުފައްދައި ބަޙުސްކޮށް މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި އަންހެނުންގެ ދަރަޖައާއި ޙައްޤުތައް ވަރަށް ދަށުދަރަޖަޔަކަށް ތިރިކޮށްލާފައިވެއެވެ. ވަރަށް ދިގު ބަޙުޘަކަށްފަހު އެއްމެ ފަހުން އެމީހުން ކަނޑައެޅީ އަންހެނުންނަކީވެސް އިންސާނުން ކަމަށެވެ. ނަމަވެސް އޭނާ (އަންހެނާ) ހެއްދެވިފައިވަނީ ފިރިހެނުންނަށް ޚިދުމަތް ކުރުމަށްޓަކާ ޚާދިމެއްގެ ގޮތުގައި ކަމަށެވެ. އަދި ހަމައެއާއިއެކު ނަޞާރާއިން ދެކޭގޮތުގައި އަންހެނުންނަކީ ޝައިޠާނާގެ ވާގިވެރިންނެވެ. މި ސަބަބަށްޓަކައި މީލާދީން 1567 ވަނައަހަރުގައި ސޮކޮޓްލޭންޑްގައި އެއްވެސް ޙައްޤަކާއި މިނިވަންކަމެއް އަންހެނުންނަށް ދިނުން މަނާކުރިއެވެ. އިނގިރޭސި ވިލާތުގެ އެއިރުގެ ރަސްގެފާނު ހެންރީ 6 ގެ ރަސްކަމުގައި އިންޖީލުގައި އަންހެނުން ބީހިއުޅުންވެސް ވަނީ މަނާކުރެވިފައެވެ. ނަޞާރާއިން މިވަނީ ހަމަ ރޫމީންވެސް އުފެއްދި ސުވާލު އަންހެނުންނާއި މެދު އުފައްދައި އެމީހުންގެ މުޖުތަމަޢުގައި އަންހެނުން ބާކީކޮށް ޙައްޤުތަކުން މަޙުރޫމު ކޮށްފައެވެ.

 

Leave a Comment

Your email address will not be published.