“ޓޯކިންގ ޕާޓްނަރ” ލާރނިންގ ސްޓްރެޓެޖީ

ލިޔުނީ: ނިއުމާ މުހައްމަދު

“ޓޯކިންގ ޕާޓްނަރ” ސްޓްރެޓެޖީއަކީ ދަރިވަރުންގެ މުވާސަލާތްކުރުމުގެ ހުނަރާއި އަދި ގުޅިގެން އުޅުން ބަދަހި ކޮށްދިނުމަށް ކުރިއަށް ގެންދެވިދާނެ މުހިންމު ހަރަކާތެކެވެ. އުނގެނުމުގައި ދަރިވަރުންގެ ބައިވެރިވުން ފުޅާގޮތަކަށް މިހަރަކާތުގެ ސަބަބުން ގެންދެވޭނެއެވެ. މިފަދަ ހަރަކާތްތައް ބޭނުންކުރުމުން ދަރިވަރުން އެކި ކަންކަމާ ބެހޭގޮތުން ވިސްނުމަށް ބާރުއަޅައި ފާޅުކުރަން ބޭނުންވާ ޚިޔާލުތައް ހިއްސާކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ. އަދި އެސުރުޚީއަށް އެހެން ކުދިން ފާޅުކުރާ ހިޔާލުތައް އަޑުއެހުމަށާއި އިހްތިރާމްކުރުމަށް އާދަކުރުވޭނެއެވެ.

“ޓޯކިންގ ޕާޓްނަރ” ލާރނިންގ ސްޓްރެޓެޖީ ފިލާވަޅުގައި ކުރިއަށް ގެންދިއުމުން ވަރަށް ފަސޭހަކަމާއެކު ދެވިފައިވާ ސުރުޚީއަށް ދެކުދިންގެ މެދުގައި ވާހަކަ ދައްކާލެވި އަނެކާ ދައްކާ ވާހަކަތައް ކަނުލައި އަޑުއަހަން ދަސްކޮށްދެވޭނެއެވެ. ވާހަކަ ދެއްކުމުގެ ތެރޭގައި ދަރިވަރުންނަށް އެމީހުންގެ ޚިޔާލުތައް ފާޅުކުރުމާއި، ޚިޔާލުތައް ހިއްސާކުރުމާއި، ބަހުގެ މުއާމަލާތުގެ ހުނަރުތައް ތަރައްޤީކުރުމަށް ފުރުސަތުތައް ފަހިކޮށްދެއެވެ. މި ސްޓްރެޓެޖީއަކީ ހާއްސަކޮށް ލަދުރަކި ނުވަތަ ކުލާސް މަޝްވަރާތަކުގައި ބައިވެރިވުމަށް ޝައުގުވެރިކަން ކުޑަ، އުނގުމާއި ދުރު ދަރިވަރުންނަށް ފައިދާހުރި، އެކުދިންގެ ބައިވެރިވުން ފުރިހަމައަށް ލިބިގެންދާނެ އުނގެނުމުގެ ސްޓްރެޓެޖީއެކެވެ.

ބަސް އުނގެނުމުގައި “ޓޯކިންގ ޕާޓްނަރ” ސްޓްރެޓެޖީ ބޭނުންކުރުމުން ވަރަށް ފައިދާކުރާނެއެވެ. ވާހަކަ ދެއްކުމުގެ ފަންނުވެރިކަން ކުރިއަށް ގެންދިއުމަށް މިހަރަކާތް ވަރަށް އެހީތެރިވާނެއެވެ. ދަރިވަރަށް އޭނާގެ ބައިވެރިޔާ އާއެކު މާދަރީބަހުން ވާހަކަ ދެއްކުން ފަރިތަ ކުރެވޭއިރު، އެކަކު އަނެކަކަށް އެހީތެރިވެދީގެން އަޑުއެހުމުގެ ހުނަރު ކުރިއަށް ގެންދެވޭނެއެވެ. ބަސްމަގު ރަނގަޅުކުރުމަށް އެހީތެރިވެދީ، ބަހުގެ ހުނަރު ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މި ސްޓްރެޓެޖީގެ ސަބަބުން ދަރިވަރުންނަށް އެމީހުންގެ އުނގެނުމުގެ ޒިންމާ އަމިއްލައަށް ނެގުމަށް ބާރު ލިބިގެންދެއެވެ. އަދި އޭނާއަށް އޭނާގެ އެކުވެރިޔާގެ އުނގެނުން ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދެވެއެވެ.

ބަސްކިޔަވައިދިނުމުގެ ތެރެއިން “ޓޯކިންގ ޕާޓްނަރސް” ސްޓްރެޓެޖީ ކުރިއަށް ގެންދިއުމުގެ އަނެއް މިސާލަކީ އަދަބީ ފާޑުކިޔުމުގެ މަޝްވަރާއެއް ކުރިއަށް ގެންދިއުމުގެ ފިލާވަޅެއެވެ. ދަރިވަރުންނަށް ދުރާލައި “ޕެއަރ” ކޮށްގެން (ނާވީލެއް) ފޮތްކިޔަން ހަވާލުކޮށް އެފޮތަކާ ބެހޭ ދިރާސާއެއް ކޮށްލަން ހަވާލު ކުރެވިދާނެއެވެ. ދަރިވަރުން އެފޮތެއް ކިޔައި ނިމުމުން، ފާހަގަވި ނުކުތާތައް މުދައްރިސުގެ ރޭވުންތެރިކަމާއެކު އެކަކު އަނެކަކާއި ކުލާހުގައި ހިއްސާކުރާނީއެވެ. އަދަބީ ފާޑުކިޔުމަކީ އަދަބީ އުފެއްދުމަކަށް ނިންމާގޮތްތަކެއް ކަނޑައެޅުމެވެ. އެ ލިޔުމަށް ނިޔާއެއް ކަނޑައަޅައި އޭގެ މޮޅުދެރަކަން އެއްކުއްޖަކު ދެކޭގޮތްތަކާއި ޚިޔާލުތައް އަނެއްކުއްޖަކަށް ހިއްސާކުރެވިދާނެއެވެ. މިސާލަކަށް އެވާހަކައިގެ ޝަޚުސިއްޔަތުތަކާއި، ތީމްތަކާއި، އަދަބީ ބައިތަކާއި ބެހޭގޮތުން ވާހަކަ ދައްކާލެވިދާނެއެވެ. މިފަދަ ހަރަކާތުގެ ސަބަބުން، ކިޔައި ބަލައި ހަދާ އެއްޗަކާ ދެމެދުގައިވާ ގުޅުން ރަނގަޅަށް ދެނެގަނެވި، ތަފާތު ޓެކްސްޓު ރޭވިފައި ހުންނަ ގޮތާއި އެފަދަ ތަކެތި މަސައްކަތްކުރާ ގޮތްވެސް އޭރުން ދެނެގަންނަން ދަރިވަރުންނަށް ފަސޭހަވާނެއެވެ. މިއީ ދަރިވަރުންނަށް މާއްދާއާ މެދު ތަފާތު ނަޒަރިއްޔާތުތައް ހޯދުމަށް މަގުފަހިކޮށްދޭނެ ހަރަކާތެކެވެ. އަދި މީގެ ސަބަބުން ދަރިވަރުން މާއްދާ ކިޔަވަން އިތުރަށް ޝައުގުވެރިވެގެން ދާނެއެވެ.

ޓޯކިންގ ޕާޓްނަރސް ސްޓްރެޓެޖީގެ އަނެއް މިސާލަކީ، “ސައިންސް އެކްސްޕެރިމެންޓް ސެޓިން” އެއްގައި މި ސްޓްރެޓެޖީ ބޭނުންކުރުމެވެ. ސައިންސް ފަދަ މާއްދާތަކުގައި ކުރިއަށް ގެންދެވޭ، މައްސަލަ ހައްލުކުރުމުގެ ހަރަކާތްތަކުގައި “ޓޯކިންގ ޕާޓްނަރ” ސްޓްރެޓެޖީ ބޭނުންކުރެވިދާނެއެވެ. ދަރިވަރުންނަށް އެކަކު އަނެކަކަށް އެއްބާރުލުންދީގެން އުނދަގޫ މައްސަލަތައް ހައްލުކޮށް، އެމީހުންގެ ވިސްނުން އެކަކު އަނެކަކާ ހިއްސާކޮށް، ކިޔައިދީ، މިފިލާވަޅުގެ ތެރެއިން ދަރިވަރުންގެ އެކުވެރިކަމާއި ގުޅުން އިތުރަށް ބަދަހި ކުރެވިގެންދާނެއެވެ. އަދި ދަރިވަރުން “ޕެއަރ” ކޮށްގެން ތަހުގީގުތައް ކުރިއަށް ގެންދެވިދާނެއެވެ. މިސާލަކަށް، އެ ސައިންސް އެކްސްޕެރިމެންޓް “އޮބްޒާރވް ކޮށްފައި” އެފާހަގަވި ބަދަލުތައް ނުވަތަ ދަރިވަރުންގެ “ހައިޕޮތެސިސްތަކާއި” ނިންމުންތައް އެކަކު އަނެކަކަށް ކިޔައިދެވިދާނެއެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމުން ދަރިވަރުން ޚިޔާލުތައް ފާޅުކޮށް އަދި ފާޅުކުރާ ޚިޔާލު ދިފާއުކުރުމުގެ ޤާބިލުކަން ވެސް އާލާކޮށްދޭނެއެވެ. “ޓޯކިންގ ޕާޓްނަރ” ސްޓްރެޓެޖީއަކީ ސައިންސް މާއްދާގެ ތަފާތު “އެކްސްޕެރިމަންޓް”ތައް އުނގެނުމުގައި “ވޭރިއޭބަލް” ތަކާ ބެހޭގޮތުން މަޝްވަރާކުރުމާ އަދި “ޑޭޓާ” ތަހުލީލުކުރުމަށް ހިތްވަރުދޭ ސްޓްރެޓެޖީއެކެވެ.

ތާރީޚު ކިޔަވައިދިނުމުގައި ވެސް “ޓޯކިންގ ޕާޓްނަރސް” ސްޓްރެޓެޖީ ބޭނުންކުރެވިދާނެއެވެ. މިސާލަކަށް، ވަކި ތާރީޚީ ދުވަސްވަރަކަށް ނުވަތަ ހާދިސާއަކަށް ފޯކަސްކުރާ ޔުނިޓެއްގައި ދަރިވަރުން “ޕެއަރ” ކޮށްގެން ތަފާތު ކަންތައްތައް ނުވަތަ ނަޒަރިއްޔާތުތައް ހޯދިދާނެއެވެ. މިގޮތުން މުހިންމު ތާރީޚީ ޝަޚުސިއްޔަތެއް ދިރާސާކުރާނަމަ، ކޮންމެ “ޕެއަރ” އަކަށްވެސް އެޝަޚުސިއްޔަތެއްގެ ދިރިއުޅުމުގެ ތަފާތު ކަންކަމާއި އޭނާގެ ޤައުމަށް ކޮށްދިން ފައިދާހުރި ކަންތައްތައް ދިރާސާކުރުމަށް ހަވާލުކުރެވިދާނެއެވެ. އެއަށްފަހު ފާހަގަވި ނުކުތާތައް ދެބައިވެރިންގެ ދެމެދުގައި މަޝްވަރާކޮށް ނިމުމުން، އެ ހޯދި ހޯދުންތައް މުޅިކުލާހަށް ހުށަހެޅިދާނެއެވެ. “ޓޯކިންގ ޕާޓްނަރސް ސްޓްރެޓެޖީ” މިގޮތަށް އުނގެނުމުގައި ބޭނުންކުރުމުން ދަރިވަރުންނަށް ތާރީޚީ މައުލޫމާތުތަކަށް ފުންކޮށް ވަނުމަށް ހިތްވަރުލިބި މިމާއްދާ އުނގެނުމަށް އެކުދިންގެ އެއްބާރުލުން ފުރިހަމައަށް ލިބިގެންދެއެވެ.

ޓޯކިންގ ޕާޓްނަރސް ސްޓްރެޓެޖީ ކުރިއަށް ގެންދިއުމުގެ ގޮތުން “ޓާރން އެންޑް ޓޯކް” ކުރިއަށް ގެންދެވިދާނެއެވެ.

 ހަރަކާތް ފެށުމުގެ ކުރިން ތަފްސީލުކޮށް އިރުޝާދުތައް ދިނުން

 މުދައްރިސު މިހަރަކާތް ކުރިއަށް ގެންދަންވީގޮތް ކުލާހުގައި ނަމޫނާ ދެއްކުން

 މަޝްވަރާއަށް ބޭނުންވާ މައުޟޫޢު ނުވަތަ ސުވާލު ސާފުކޮށް ކިޔައިދިނުން

 ވާހަކަ ދައްކާނެ ވަގުތު ކަނޑައެޅުން

 އެކުއްޖަކަށް ފުރުސަތު ލިބެންވާއިރަށް ވާހަކަ ދައްކަން ތައްޔާރަށް ހުރުން

 ބައިވެރިޔާއަށް ރީތިކޮށް އަޑުއިވޭ ގޮތަށް ވާހަކަދެއްކުން

 ބައިވެރިޔާ ވާހަކަދައްކާއިރު އެފާޅުކުރާ ޚިޔާލުތަކަށް ސަމާލުކަމާއެކު ކަނުލައި އަޑުއެހުން

 ބައިވެރިޔާގެ ނަޒަރިއްޔާތަށް އިޙްތިރާމްކުރުން

 ނިމުމުން، މުދައްރިސާއި ދިމާއަށް އެނބުރި އަޑުމަޑުކޮށްގެން ތިބުން

މިފަދައިން މަޝްވަރާކުރުމުގެ ހަރަކާތްތައް އުނގަންނައި ދިނުމުގައި ކުރިއަށް ގެންދިއުމުން ދަރިވަރުން، ދިރިއުޅުމަށް ތައްޔާރުކޮށް ދެވެއެވެ. ވާހަކަދައްކަން ފަރިތަވެ ދަރިވަރުންނަކީ ވިސްނާ ފިކުރުކުރާ ބައަކަށް ހަދަން މަގުފަހިކޮށް ދެވެއެވެ. އަނެކާ ދައްކާ ވާހަކައަށް ސަމާލުކަން ދިނުމާއި ކަނުލައި އަޑުއެހުމަކީ ވެސް ދިރިއުޅުމުގެ ވަރަށް މުހިންމު ހުނަރެކެވެ. އަނެކާގެ ޚިޔާލުތަކަށް އިހުތިރާމު ކުރަން ވެސް މި ސްޓްރެޖީއިން ދަސްވެގެންދާނެއެވެ.

 

 

 

 

 

 

 

Leave a Comment

Your email address will not be published.