ލިޔުނީ: ޙަސަން ޒަރީރު އިބްރާހީމް
(ތިންވަނަބައި)
3. އިސްލާމީނަޒަރުން ބަލާއިރު ހައްދުފަހަނައަޅައި ދިއުން މާނަކުރަނީ ކިހިނެއްތޯ؟
އެކި އެކި ލިޔުއްވުންތެރިންގެ ނަޒަރުގައި ހައްދުފަހަނައަޅައި ދިއުމަކީ ކޮބައިކަން ބަޔާން ކޮށްދެއްވުމުގައި ތަފާތު ޢިބާރާތްތައް ބޭނުންކޮށްފައި ވީނަމަވެސް ދޭހަވާ މާނައިގައި ތަފާތުތަކެއް ހުރިކަމަށް ފާހަގައެއް ނުރެވެއެވެ. އެގޮތުން ބައެއް ބޭފުޅުންގެ ނަޒަރުގައި ހައްދުފަހަނައަޅައި ދިއުމަކީ އެކަމެއްކުރުމުގައި ކަނޑައެޅިފައިވާ އިމުން ބޭރުވެގެން ދިއުމެވެ. ހަމައެފަދައިން ކޮންމެ ކަމެއް ކުރުމުގައިވެސް ކަނޑައެޅިފައިވާ އުޞޫލުތަކާއި ޚިލާފުވެ ކަނޑައެޅިފައިވާ ޙުދޫދުގެ ތެރެއިން ބޭރުމަކީވެސް ހައްދުފަހަނައަޅައި ދިއުން ކަމުގައި ބަޔާން ކުރައްވާފައި ވެއެވެ. އަދި ބައެއް ލިޔުންތެރިން ސިފަކުރާ ގޮތުގައި ހައްދުފަނަޅާފައިވާ މީހުންނަކީ، އެމީހުންގެ ފިކުރާއި ފަލްސަފާ ޤަބޫލުނުކުރާ ކޮންމެ މީހަކަށް ބިރުދައްކައި އެހެން މީހުންނަށް ނުރައްކާކުރާ މީހުންނެވެ. މިކަންކަން މިހެން ހުރުމުން ހައްދު ފަހަނައަޅައި ދިއުމަކީ އާދައިގެ ކަމެއް ނޫންކަން ހާމަވެއެވެ. އަލް ޢައްލާމާ ޑޮކްޓަރ ޔޫސުފުލް ޤަރަޟާވީ ބަޔާންކުރައްވާ ގޮތުގައި، ހައްދުން ފަހަނައަޅައިދިއުމަކީ ޙަރާމް ކަމެކެވެ. އަދި މިކަން ޙަރާން ކަމެއްކަމުގައިވުމުގެ ޙިކުމަތްތަކުގެ ގޮތުގައި ބަޔާން ކޮށްދެއްވާފައިވާ ކަންކަމުގެ ތެރެއިން ފާހަގަ ކުރެވުނު ބައެއް ކަންކަން މި ފުރުޞަތުގައި ހާމަ ކޮށްލާނަމެވެ.
ޝައިޚުލް އުސްތާޛު ހާމަކުރައްވާގޮތުގައި ޙައްދު ފަހަނައަޅާ ދިއުމަކީ މީސްތަކުން ނަފްރަތު ކުރާކަމެއް ކަމަށާއި އަދި ކަންކަމުގައި ޙައްދުފަހަނައަޅައިދިއުމަކީ އާދައިގެ ޢާއްމު އިންސާނުންގެ ޠަބީޢަތާއި ގުޅޭ ކަންކަމެއްނޫންކަން އެގެއެވެ. މިފަދަ ކަންކަމުގައި މީސްތަކުންކުރެ މަދުބަޔަކު އެފަދަ ކަންކަމަށް ކެތްތެރިވިޔަސް ގިނަ ބަޔަކަށް އެފަދަ ކަންކަމަކަށް ކެތްތެރިއެއް ނުވެވޭނެއެވެ. އޭގެ އެންމެ ބޮޑު ސަބަބެއްކަމަށް ވެފައިވަނީ، ޝަރީޢަތަކީ ވަކިމީހަކަށް ނުވަތަ ވަކިޚާއްޞަ ބަޔަކަށް އޮތް އެއްޗަކަށް ނުވާތީއެވެ. އަދި އެއާއި ޚިލާފަށް ޝަރީޢަތަކީ އެންމެހާ މީސްތަކުންނާ މުޚާޠަބު ކުރާ އެއްޗެކެވެ. “ކީރިތިރަސޫލާ އެކަލޭގެފާނުގެ އަޞްހާބުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ، މުޢާޛު ބުނު ޖަބަލު މީސްތަކުންނާއިގެން އިމާމުވެ ދިގުކޮށް ނަމާދުކުރައްވާތީ އެކަމުގެ ޝަކުވާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި އެތަނުން މީހަކު ކުރެއްވުމުން އެކަލޭގެފާނު މުޢާޛު ބުނު ޖަބަލަށް މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. ( أَفَتَّانُ أنتَ يَا مُعَاذ؟ )) و كررها ثلاثاً ) މާނައީ، އޭ މުޢާޛެވެ! ކަލޭގެފާނު މީސްތަކުން ފިތުނަވެރި ކުރައްވަނީތޯއެވެ؟ މިގޮތަށް ތިންފަހަރު ތަކުރާރު ކުރެއްވިއެވެ. ” .” މިޙާދިޘާއިންވެސް އިސްލަމްދީނުގައި މީސްތަކުންނަށް ލުއިފަސޭހަ ކޮށްދެއްވުމަށް އިސްކަން ދެއްވާފައިމިނަވްރު ހާމަވެގެން ދެއެވެ.
މުޢާޛު ބުނު ޖަބަލާއި އަބޫ މޫސަލްއަޝްޢަރީ ޔަމަނުކަރައަށް ފޮނުއްވަމުން އެދެބޭކަލުންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިކަމަށް ޔޫސުފުލް ޤަރަޟާވީ ލިޔުއްވާފައިވެއެވެ. “ތިޔައިގެ ދެބޭކަލުން މީސްތަކުންނަށް ލުއިފަސޭހަކޮށް ދެއްވާށެވެ. އަދި ދީނުގެ ކަންކަން އުދަނގޫ ނުކުރައްވާށެވެ. އަދި ދީނުގެ ކަންކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ. އަދި ތިޔައިގެ ދެބޭކަލުން ﷲގެ އަމުރުފުޅު ތަކަށް ކިޔަމަންވާށެވެ! އަދި ކަންކަމުގައި އިޚްތިލާފު ނުވާށެވެ.” ބަޔާންވެ ދިޔަ ޙާދިޘާތަކަށް ބަލާއިރު، ކޮންމެ ކަމެއްވެސް ކުރުމުގައި މާއިތުރު ނުކުރުމާއި މާ މަދުނުކުރުމަށް އިސްލާމް ދީނުގައި (މެދުމިން) އިސްކަންދީފައިވާކަން ހާމަވެއެވެ. އަދި އެފަދަ ކޮންމެ ކަމެއްގައިވެސް އެކަމެއްގެ މެދުމިން އިޚުތިޔާރު ކުރުމުގެ ބަދަލުގައި މާބޮޑަށް އުނިކުރިމާއި އިތުރުކުރުމަކީ، އިސްލާމީ ނަޒަރުން ބަލާއިރު ހައްދުފަހަނައަޅައި ދިއުންކަންވެސް ހާމަވެގެން ދެއެވެ.
އިންސާނުންނަކީ ކަންކަން ކުރުމުގެ ޤާބިލްކަން ލިބިފައިވާ ނުހަނު ކުޅަދާނަ ބައެކެވެ. ނަމަވެސް އިންސާނާގެ ކިބައިގައިވާ ކަންކަން ކުރުމުގެ ޤާބިލުކަމާއި ކުޅަދާނަކަމަކީ ވަކިމިންވަރެއްގެ މަތީގައިވާ ކަމެކެވެ. ފަހަރެއްގައި ކަމެއްގައި ހަރުކަށިވެ އުދަގޫ އުފުލުމުގައި ކެތްތެރިވި ނަމަވެސް އެއުދަގުލުގައި ގިނަދުވަހު ދެމިހުރުމަކީ ބުއްދީގެ ހަމަތަކުންބަލާއިރުވެސް ފަސޭހަ ކަމަކަށް ނުވާނެކަން އެންމެ އާދައިގެ މީހަކަށްވެސް ޤަބޫލު ކުރެވެއެވެ. މިކަމުގެ ތެދުކަން އެގިގެން ދަނީ ކީރިތި ރަސޫލާގެ ބަސްފުޅުންނެވެ. ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ” ( إِنَّ الْمُنْبَتَّ لاَ أَرْضًا قَطع وَلاَ ظَهْرًا أَبْقَى ) މާނައަކީ: އޯގާތެރިކަން ދޫކޮށް ހަރުކަށިވާ ފަރާތަކަށް އޭނާގެ މަންޒިލަކަށް ނުދެވޭނެއެވެ. އަދި އޭނާގެ ސަވާރީ ދެމިއެއްވެސް ނޮއޮންނާނެއެވެ.” މިއުޞޫލަށް ބަލާއިރު އަޅުގަނޑުމެންނަށް އެގިހާމަވަނީ މިކަންކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުހަނު ބޮޑަށްބާރުއަޅުއްވާފައިވާ ކަމެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. ” ( يا أيها الناس عليكم من الأعمال ما تُطيقون ، فإن الله لا يمل حتي تملوا، وإن أحب الأعمال إلى الله ما دوم عليه وإن قل ) މާނައަކީ: އޭމީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ކުޅަދާނަ މިންވަރަކުން ޢަމަލުތަކުގައި ހިފަހައްޓާށެވެ! ފަހެ ތިޔަބައިމީހުން ފޫހިވެގެންދާ ފަދައިން ﷲ ތަޢާލާ ފޫހިވެ ވޮޑިނުގަންނަވައެވެ. އަދި ހަމަކަށަވަރުން ﷲ ލޯބިވެ ވޮޑިގަންނަވަނީ ތިޔަބައިމީހުން ކުރާ ޢަމަލުތައް އެއީ ކިތަންމެ ކުޑަޢަމަލެއް ކަމުގައިވިޔަސް ދާއިމީގޮތެއްގައި އެކަންކުރުމަށެވެ.” އިސްވެދިޔަ ދަލީލުތަކަށް ބަލާއިރު ޙައްދުފަހަނައަޅައިދިއުމަކީ ކަމެއް ދެމިހުންނަނިވި ގޮތަކަށް އަބަދުމެ ކުރެވޭކަމެއްގެ ގޮތުގައި ކުރެވޭ ވަރަށްވުރެ އުދަގޫވާވަރަށް އިތުރުކޮށް ، ގިނަކޮށް ނުވަތަ އިސްރާފަކަށް ވެދާފަދަ ގޮތަކަށް ނުވަތަ އެކަމެއް ކުރުމުގައި ގިނަބަޔަކަށް އުދަނގޫވާކަމަކަށް ވެދާފަދަ ގޮތަކަށް ކަންކަން ނުކުރުންކަން ހާމަވެއެވެ. ނުވަތަ ކަންކަމުގައި އެގޮތަށް މީހާގެ ވިސްނުމާއި ފިކުރުހިންގާ އުޅުންކަމަށް ޤަބޫލުކުރެވެއެވެ. މިކަމަކީ ނުހަނު ނުބައިކަން ބޮޑުކަމެއް ކަމަށްވުމުން މިކަމުން ދުރުވުމަށްއޮތް ސާފުމަގަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި މީހާ ޘާބިތުވެހުރުމެވެ. މިހުރިހާކަމަކުން އެގިގެންދަނީ އިސްލާމްދީނަކީ އެއްވެސް ކަމެއް ނުކުރެވޭވަރަށް، އުދަގޫދީނެއް ނޫންކަމާއި އަދި ދީނުގައި ބާރު އަޅުއްވާފައިވަނީ ހުރިހާ ކަމެއްގައިވެސްމެދުމިން ހިފެހެއްޓުމާއިއެކު ޙައްދުފަހަނައަޅައި ނުދިއުން ކަމަށްވާތީ، މާތް ﷲ ވަޙީކުރައްވާފައިވަނީ، وَأَنفِقُوا فِي سَبِيلِ اللَّهِ وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ ﴿١٩٥﴾ މާނައީ، ” اللَّه ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفس ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ! އަދި إحسان ތެރިވާށެވެ! ހަމަކަށަވަރުން، إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.” އެއްވެސް ކަމަކާއިމެދު ތިމާގެ އަމިއްލަ ނަފްސު އަމިއްލައިން ހަލާކުގެ ތެރެއަށް އެއްލާލުން މާތް ﷲ ގެ މަތިވެރި އަމުރުފުޅުން މަނާކުރައްވާފައިވާއިރު، އިސްލާމީ އުޞޫލުތަކާއި ޚިލާފުވެ ކަންކަން ނުކުރެވޭ މިންވަރުގެ އުދަގޫތަކާއި ކުރިމަތިލުމަކީ އިސްލާމީ ނަޒަރުންބަލާއިރު ހައްދުފަހަނައަޅައި ދިއުންކަމަށް ޤަބޫލުކޮށް އެއްބަސްވާން ނުޖެހޭތޯއެވެ.
(ނުނިމޭ)