ލަކްޝަދްވީޕްގެ ރަށްތަކުގެ ތެރެއިން ދިވެހި ރާއްޖެއާއި ގުޅުން އޮތީ ކޮން ރަށެއްގަ؟

ލިޔުންތެރިޔާ: މުޙަންމަދު ނާޖިޙު
ލަކްޝަދީބު (Lakshadweep) ކިޔަނީ މަލިކަކަށް ނޫނެވެ. ލަކްޝަދީބަކީ މަލިކު ވެސް ހިމަނައިގެން، ދިވެހިރާއްޖޭގެ އުތުރުން ހުރި ހުރިހާ އަތޮޅު ޖަޒީރާތައް ހިމެނޭ، އިންޑިޔާގެ ޔޫނިއަން ޓެރިޓަރީއަށް ކިޔާ ނަމެކެވެ. މަލިކަކީ އެ ޓެރިޓަރީގެ އެންމެ ދުކުނުގައި އޮތް އަދި ޖޯގުރަފީގެ ގޮތުން ބަލާއިރު އެރަށްތަކަށް ވުރެ ދިވެހިރާއްޖެއާ ކައިރީގައި އޮންނަ ދެ ރަށުގެ މައްޗަށް އެކުލެވޭ ކުޑަކުޑަ އަތޮޅެކެވެ. މަލިކު އަތޮޅުގައި މަލިކާ އެކީ ދެން އޮންނަނީ ވިރިނގިއްޔޭ ކިޔާ ވަރަށް ކުޑަކުޑަ ފަޅު ރަށެކެވެ. ލަކްޝަދީބުގައި 12 އަތޮޅާއި، މީހުން ދިރިއުޅޭ 10 ރަށް އޮންނައިރު ދިވެހިރާއްޖެއާ ނަސްލީ، ސަގާފީ، ބަހަވީ އަދި ތާރީޚީ ގުޅުން އޮތީ މަލިކާއެވެ. މަލިކާ ރާއްޖޭގެ އެންމެ އުތުރާ ދެމެދު 70 މޭލު ހުންނައިރު، ލަކްޝަދީބުގެ އެންމެ ކައިރި ރަށާ މަލިކާ ދެމެދު 114 މޭލު ހުރެއެވެ. ލަކްޝަދީބުގެ އެ އަތޮޅުތަކުގައި ދިރިއުޅެނީ ނަސްލީ، ސަގާފީ އަދި ބަހަވީ ގޮތުން މަލާބާރުކަރަޔާ ގުޅުން ހުރި ބައެކެވެ.
މި ލިޔުންކޮޅު މިތަނުގައި އަލުން މި ހިއްސާކޮށްލަނީ މިފަހުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ކުރި ދަތުރާ ވިދިގެން އާއްމުކޮށްފައިވާ ބައެއް ފޮޓޯތަކާއި ލިޔުންތަކަށް ދިވެހީން ކޮށްފައި ހުންނަ ކޮމެންޓްތަކުގައި މުޅި ލަކްޝަދީބަކީ މަލިކު ކަމަށް ހީވެގެން ލިޔެފައި ހުންނާތީ، އެ އޮޅުން ފިލުވައިދިނުމުގެ މަގުޞަދުގައެވެ.

އަވަށްޓެރި ލަކްޝަދީބުގެ ރަށްތައް

ދިވެހިރާއްޖޭގެ އުތުރުން ދިވެހިރާއްޖެއާ އެއް އިންވެގެން އޮންނަ، އިންޑިޔާގެ ލަކްޝަދްވީޕްއޭ ކިޔުނު ޔޫނިއަން ޓެރިޓަރީގެ ވާހަކަ ގިނަވެފައި އޮތް މިދުވަސްވަރުގައި އަޅުނގަޑަށް ފާހަގަކުރެވުނު ކަމަކީ ވަރަށް ގިނަ ދިވެހީންނަށް ލަކްޝަދީބަކީ ކޮބައިކަން ނޭނގޭ ކަމެވެ. މިގޮތުން ދިވެހި ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ލަކްޝަދީބަކީ މަލިކުކަމަށެވެ. ދިވެހި ބައެއް ނޫސްތަކުގައި ވެސް އެހެން ދޭހަވާ ގޮތަށް ލިޔެފައި ހުއްޓަ ދުށީމެވެ.
އާދެ، ލަކްޝަދީބޭ ކިޔަނީ ޖޯގުރަފީގެ ގޮތުން 12 އަތޮޅާއި 3 ފަރާއި 5 ތިލައިގެ މައްޗަށް އެކުލެވޭ ތަނަކަށެވެ. ބިމުގެ ބޮޑުމިނަކީ 32 އަކަކިލޯމީޓަރެވެ. މިތަނުގައި 39 ވަރަކަށް ރަށް އޮންނައިރު މީހުން އުޅެނީ ޖުމުލަ 10 ރަށުގައެވެ. އެ ރަށްތަކަކީ މަލިކު، ކަލްޕޭނި، އަންދުރޯތު، ކަވަރައްތި، އަގައްތި، އަމިނި، ކަޑުމައްތު، ކިލްތާން، ޗޭތުލާތު އަދި ބިއްތުރައެވެ. ވެރިރަށަކީ ކަވަރައްތިއެވެ. ޖުމްލަ އާބާދީއަކީ 64429 އެވެ. މިއީ 2011 ގެ ބޯހިމެނި ހިސާބުތަކުން ދައްކާ އަދަދެވެ. މިހާރު 70000 އަށް އަރާފާނެއެވެ. މި 10 ރަށުގެ ދިވެހި ނަސްލާއި ދިވެހި ބަހާއި ސަގާފަތް އޮންނަނީ ހަމައެކަނި މަލިކުގައެވެ. ދެން ހުރި ހުރިހާ ރަށެއްގެ ނަސްލާއި ބަހާއި ސަގާފަތް ގުޅެނީ އިންޑިޔާގެ އަވަށްޓެރި ކެރަލާގެ މަލާބާރު ސަރަހައްދާއެވެ. އެހެންކަމުން ލަކްޝަދީބުގެ ނިސްބަތުން ދިވެހި ނަސްލާއި، ދިވެހި ބަހަކީ “މައިނޯރިޓީ” އެކެވެ.
ޖޯގުރަފީގެ ގޮތުން ބަލާއިރުވެސް މަލިކުއަތޮޅު އޮންނަނީ ދިވެހިރާއްޖޭގެ އަތޮޅުތައް ހިކިފައި އޮތް ކަނޑުއަޑީގެ އަށީގެ އެންމެ އުތުރުގައެވެ. މަލިކާ ލަކްޝަދީބުގެ އެހެން އަތޮޅުތަކާ ދޭތެރޭގައި މިފަދަ އައްޓެއްނެތެވެ. މަލިކު އަތޮޅަކީ ދިވެހިރާއްޖޭގެ ގުދުރަތީ އަތޮޅުތަކުގެ ތެރެއިން ގާތްގަނޑަކަށް މާމަކުނުދޫ އަތޮޅާ އެއް ބައްޓަމަކަށް އޮތް އަތޮޅެކެވެ. ތަފާތަކީ ފަރުގެ ދިގުމިނަށް ބޮޑު ރަށެއް އުފެދިފައި އޮތް ކަމެވެ. މަލިކުގެ ދިގުމިން 11 ކިލޯމީޓަރާ ގާތްކުރެއެވެ. އެހެންނަމަވެސް ރަށަކީ އެހާ ފުޅާ ރަށެއް ނޫނެވެ. 11 ކިލޯމީޓަރު ދިގު ރަށަކާ އަޅާބަލާއިރު ބިމުގެ ބޮޑުމިނަކީ 4.80 އަކަކިލޯމީޓަރެވެ. ދިގުމިނާ ބޮޑުމިނަށް ބަލާއިރު އެންމެ ވައްތަރީ އައްޑުއަތޮޅު ހިތަދޫއާއެވެ. އަތޮޅުގައި ވިރިނގިއްޔޭ ކިޔާ ކުޑަކުޑަ ރަށެއް ވެސް އޮވެއެވެ. އަދި ހިކިދިޔައިގައި ހިކިފައި އޮންނަ ރަށްގަނޑޭ ކިޔާ ކުޑަކުޑަ ހުރާގަނޑެއްވެސް އޮވެއެވެ. ދެން ލަކްޝަދީބުގެ ވަކިވަކި ރަށްރަށަށް ބަލައިލާނަމެވެ.

މަލިކު
ބޮޑުމިން: 4.80 އަކަކިލޯމީޓަރު
އާބާދީ: 10447 (2011 ގެ ބޯހިމެނުން)
ބަސް: ދިވެހި (މަލިކުބަސް/ރަސްމީ އިދާރާތަކުން: މަހަލް)
ނަސްލާއި ސަގާފަތް: ދިވެހި
ދީން: އިސްލާމް
ދިވެހިރާއްޖެއިން އެންމެ ކައިރި ރަށާ ހުރި ދުރުމިން: 130 ކިލޯމީޓަރު
ލަކްޝަދީބުން އެންމެ ކައިރި ރަށާ ހުރި ދުރުމިން: 200 ކިލޯމީޓަރު
މާލެއާ ހުރި ދުރުމިން: 457 ކިލޯމީޓަރު (ނޯޓު: މާލެއާ އައްޑުއާ ދޭތެރޭގައި 528 ކިލޯމީޓަރު ހުރޭ)
ކަވަރައްތިއާ ހުރި ދުރުމިން: 250 ކިލޯމީޓަރު

ކަލްޕޭނި
ބޮޑުމިން: 2.28 އަކަކިލޯމީޓަރު
އާބާދީ: 4419 (2011 ގެ ބޯހިމެނުން)
ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)
ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް
ދީން: އިސްލާމް

އަންދުރޯތު
ބޮޑުމިން: 4.90 އަކަކިލޯމީޓަރު
އާބާދީ: 11191 (2011 ގެ ބޯހިމެނުން)
ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)
ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް
ދީން: އިސްލާމް

ކަވަރައްތި
ބޮޑުމިން: 4.22 އަކަކިލޯމީޓަރު
އާބާދީ: 11221 (2011 ގެ ބޯހިމެނުން)
ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)
ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް
ދީން: އިސްލާމް

އަގައްތި
ބޮޑުމިން: 3.84 އަކަކިލޯމީޓަރު
އާބާދީ: 7560 (2011 ގެ ބޯހިމެނުން)
ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)
ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް
ދީން: އިސްލާމް

އަމިނި
ބޮޑުމިން: 2.60 އަކަކިލޯމީޓަރު
އާބާދީ: 7656 (2011 ގެ ބޯހިމެނުން)
ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)
ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް
ދީން: އިސްލާމް

ކަޑުމައްތު                        ބޮޑުމިން: 3.20 އަކަކިލޯމީޓަރު
އާބާދީ: 5389 (2011 ގެ ބޯހިމެނުން)
ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)
ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް
ދީން: އިސްލާމް

ކިލްތާން
ބޮޑުމިން: 2.20 އަކަކިލޯމީޓަރު
އާބާދީ: 3946 (2011 ގެ ބޯހިމެނުން)
ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)
ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް
ދީން: އިސްލާމް

ޗޭތުލާތު
ބޮޑުމިން: 1.40 އަކަކިލޯމީޓަރު
އާބާދީ: 2345 (2011 ގެ ބޯހިމެނުން)
ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)
ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް
ދީން: އިސްލާމް

ބިއްތުރަ
ބޮޑުމިން: 0.10 އަކަކިލޯމީޓަރު
އާބާދީ: 271 (2011 ގެ ބޯހިމެނުން)
ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)
ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް
ދީން: އިސްލާމް

ނޯޓު: ރަށްރަށުގެ ބޮޑުމިން ލިޔެފައި ހުރީ ލަކްޝަދީބުގެ ވެރިކަންކުރާ އިދާރާގެ ރަސްމީ ވެބްސައިޓުން ބަލައިގެންނެވެ. މި ޕޯސްޓަށް ލާފައި ހުރި ފޮޓޯގައި ލިޔެފައި ހުރި މިންތަކާ އެމިންތައް ތަފާތެވެ.

 

 

 

 

 

Leave a Comment

Your email address will not be published.