ލިޔުނީ: ޢަލީ ޙަސަން – ޢިއްޒުއްދީން ސްކޫލް
14/01/2024
ޢިއްޒުއްދީން ސްކޫލްގެ 4 ވަނަ އަހަރީ ދުވަސް މި ޖެނުއަރީ މަހުގެ 14 ވީ އާދީއްތަ ދުވަހު އެ ސްކޫލްގައި ފާހަގަކޮށްފި އެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ސްކޫލްގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ އައިޝަތު ޞަފޫރާ އެވެ. އާދީއްތަ ދުވަހު ހެނދުނު 07:50 ގައި ކުރިއަށް ގެންދިޔަ މި ޖަލްސާގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މާލޭ ޒޯންގެ ކޯޑިނޭޓަރ، އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ޕްރޮފެޝަނަލް އަލްފާޟިލް އަޙްމަދު ނަސީމުގެ އިތުރުން އެ ސްކޫލްގެ ޕްރިންސިޕަލް ނާޒިރާ ޙަސަން އާއި ސީނިއަރ މެނޭޖްމެންޓާއި މުދައްރިސުންނާއި ބެލެނިވެރިންގެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި އަދި ސްކޫލްގެ ދަރިވަރުން ބައިވެރިވިއެވެ.
ޝަރަފުވެރި މެހެމާން މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އައިޝަތު ޞަފޫރާ ދެއްކެވި ވާހަކަފުޅުގައި ޢިއްޒުއްދީން ސްކޫލް ފާއިތުވި 4 އަހަރު ހޯދާފައިވާ ކާމިޔާބުތަކުގެ މައްޗަށް އަލިއަޅުއްވައި ލެއްވެވި އެވެ. އަދި ދަރިވަރުންނަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ނަސޭޙަތްތެރިވެ ވަޑައިގަތެވެ.
މި ޖަލްސާގައި ޢިއްޒުއްދީން ސްކޫލަށް 4 އަހަރު ފުރުމުގެ މުނާސަބާއާ ގުޅިގެން ކުރިއަށް ގެންދިޔަ ކުރެހުމާއި އަތްތެރިމަސައްކަތުގެ މައުރަޒުން ވަނަވަނައަށް އައި ފަރާތްތަކަށް އެކަމުގެ ހަނދާނީ ލިޔުމާއި ބެޖްދިނުންވެސް ކުރިއަށް ގެންދިޔަ އެވެ. ޢިއްޒުއްދީން ސްކޫލްގައި މިހާރު ތިބީ 527 ދަރިވަރުންނެވެ.