މަންހަޖުގައި ޤައުމިއްޔަތު މާއްދާ އެކުލެވިފައިވާ ގޮތުގެ މަޢުލޫމާތު ދިނުމަށް އިންޑަކްޝަން ސެޝަނެއް ބާއްވައިފި- އަންނަ އާދީއްތަ ދުވަހު ޕައިލެޓްކުރަން ފަށަންވަނީ ނިންމާފައި

މަންހަޖުގައި ޤައުމިއްޔަތު މާއްދާ އެކުލެވިފައިވާ ގޮތުގެ މަޢުލޫމާތު ސްކޫލްތަކަށް ދިނުމަށް މިއަދު އިންޑަކްޝަން ސެޝަނެއް ބާއްވައިފިއެވެ. މިސެޝަން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 11:00އިން 12:00 އަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައި އޮންލައިންކޮށެވެ.

އިންޑަކްޝަން ސެޝަންގައި މިއަދު ބައިވެރިވެފައިވަނީ މިޕްރޮގްރާމް ފުރަތަމަ ޕައިލެޓްކުރަން ހަމަޖެހިފައިވާ ބައެއް ސްކޫލްތަކެވެ. މިގޮތުން 11 ސްކޫލަކުން ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ފޯކަލް ޕޮއިންޓުން މިސެޝަންގައި ބައިވެރިވިއެވެ.

މިސެޝަންގައި ޤައުމިއްޔަތު މާއްދާގެ ތަޢާރަފްއާއި މަންހަޖުގައި މާއްދާ އެކުލަވާލެވިފައިވާ ގޮތާއި ކިޔަވައިދޭނެ ގޮތުގެ މައުލޫމާތު ޙިއްޞާކޮށްދެއްވީ ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ ސީނިޔަރ ކަރިކިޔުލަމް ޑިވެލޮޕްމެންޓް އެނެލިސްޓުން ކަމުގައިވާ ޢައިޝަތު ސަމިއްޔާއާއި ފާތިމަތު އައިރީން އަދި ޝިޔާމާ އަބޫބަކުރުއެވެ.

މި ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނައިބް ޑރ. ފާތިމަތު ނިޝާން ވެސް ވާހަކަ ދެއްކެވިއެވެ. ޑރ ނިޝާންގެ ވާހަކައިގައި ޤައުމިއްޔަތު މާއްދާ ކިޔަވައިދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެއްކަމަށާއި ޤައުމިއްޔަތު، މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުގެ ބޭނުމަކީ ޤައުމީ ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން ކަމުގައި ވިދާޅުވިއެވެ.

ޤައުމިއްޔަތު މާއްދާގެ ތަޢާރަފްގައި މިއިންޑަކްޝަން ޕްރޮގްރާމްގައި ހާމަކޮށްފައިވާގޮތުގައި ޤައުމިއްޔަތަކީ ތިމާގެ އަމިއްލަ ޤައުމާމެދު ހިތުގައި އޮންނަ ފަޚުރުވެރިކަމާއި ލޯބީގެ ޚާއްޞަ ޝުޢޫރެކެވެ. އަދި ޤައުމިއްޔަތު މާއްދާގެ ބޭނުމަކީ ދިވެހިވަންތަކަންހުރި ދިވެހިގައުމު ދެކެލޯބިވާ ގައުމާމެދުވިސްނައި ފަޚުރުވެރިވާ ދަރިވަރަކު އުފެއްދުން ކަމަށެވެ.

މަންހަޖުގައި ޤައުމިއްޔަތު މާއްދާ އެކި ކީސްޓޭޖަށް ބަހާލެވިފައި ވީނަމަވެސް ހުރިހާ މާއްދާތަކުގައި އަދި ގްރޭޑް ތަކުގައި ޤައުމިއްޔަތުގެ ބަހާތައް ހިމެނިފައިވެއެވެ. އަދި ހުރިހާ ގްރޭޑް ތަކެއްގައިވެސް ޤައުމިއްޔަތު ކިޔަވައިދެވޭނެ ކަމަށް މި އިންޑަކްޝަން ޕްރޮގްރާމްގައި މަޢުލޫމާތު ދެވުނެވެ.

ޤައުމިއްޔަތު މާއްދާ ޕައިލެޓް ކުރަން ފަށަން ހަމަޖެހިފައިވަނީ އަންނަ އާދީއްތައިގައެވެ. އެންމެ ފުރަތަމަ ޤައުމިއްޔަތު މާއްދާ ޕައިލެޓް ކުރަން ފަށާނީ ގްރޭޑް 4 އަށެވެ.

 

 

 

 

 

Leave a Comment

Your email address will not be published.