އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރު ކުރުމަށް އެމާއްދާގެ މުދައްރިސުންނަށް ތަމްރީން ދޭނެ މުދައްރިސުން ތަމްރީން ކުރުމުގެ ޚާއްޞަ ޕްރޮގުރާމް (ޓީ.އޯ.ޓީ) ފަށައިފި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ޘާނަވީ މަރުޙަލާގެ އިނގިރޭސި ކިޔަވައިދިނުން ހަރުދަނާ ކުރުމަށް ކުރިޔަށް ގެންދާ ޚާއްޞަ ޕްރޮގުރާމް މިއަދު ފެށިގެން ކުރިޔަށް އެބަދެއެވެ.

އެން.އައި.އީ ސެމިނަރ ރޫމުގައި ކުރިޔަށްދާ މިތަމްރީނު ޕްރޮގުރާމް ރަސްމީ ކޮށް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙުމަދު މުޙަންމަދެވެ.

މިއަދު މިފެށުނު ޚާއްޞަ ޕްރޮގުރާމްގެ މައިގަނޑު މަޤުޞަދަކީ، ޘާނަވީ މަރުޙަލާގެ އިނގިރޭސި މާއްދާގެ މަންހަޖަށް ގެނެވުނު ބަދަލުތަކަށް މުދައްރިސުން އަހުލުވެރި ކުރުމާ، ޒަމާނީ ކިޔަވައިދިނުމުގައި މިހާރު ބޭނުންކުރެވޭ އުކުޅުތައް މުދައްރިސުންނަށް ފޯރުކޮށްދިނުމަށް މުޅިރާއްޖޭގައި ޙަރަކާތްތެރިވާނެ ޓީ.އޯ.ޓީން ތަމްރީނު ކުރުމެވެ.

2 ބުރަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ މި ތަމްރީނުގެ ފުރަތަމަބުރު ކުރިޔަށް ދާނީ މިހިނގާ ޖޫން 23 އިން 27 އަށެވެ. މިބުރުގައި 55 ބޭފުޅުން ތަމްރީނު ފުރިހަމަ ކުރައްވާނެއެވެ. ދެވަނަބުރު ޖޫން 29 އިން ޖުލައި 3 އަށް ކުރިޔަށް ގެންދިއުމަށް ރެވިފައިވާއިރު މި ބުރުގައި 58 ބޭފުޅުން ތަމްރީނު ފުރިހަމަކުރައްވާނެއެވެ.

އޭ.އީ.ޑީ.ޕީ ގެ އެހީގައި ކުރިޔަށްގެންދާ މިޕްރޮގުރާމަކީ، މުދައްރިސުން ތާޒާ ކުރުމަށް 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ނިމޭއިރު ސެކަންޑްރީ ކްލާސްތަކަށް އިނގިރޭސި ކިޔަވައިދެއްވާ މުދައްރިސުން ތާޒާ ކުރުމުގެ ޕްރޮގުރާމްތައް ހިންގުމަށް 113 ޓީ.އޯޓީން ތަމްރީނު ކުރެވޭނެއެވެ.

މިތަމްރީނު ޕްރޮގުރާމް ގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ، އެޑިޔުކޭޝަން ކޮންސަލްޓެންޓް އަލްފާޟިލާ މަރިޔަމް ތައުފީޤާ އާއި ޓްރެއިނިންގ އެކްސްޕާރޓް އަލްފާޟިލާ ފަސީލާ ޝަކީބެވެ.

މި ޕްރޮގުރާމް ފެށިގެން ކުރިޔަށް ދާއިރު އިނގިރޭސިބަސް އުނގެނުމަށް ދަރިވަރުން ގެ ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި ރާއްޖޭގެ 206 އަށްވުރެ ގިނަ ސްކޫލަށް ޖޮންރާގެ ތަފާތު އިނގިރޭސި ފޮތްތައް ފޯރުކޮށްދެވޭނެއެވެ. މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ، 2 ބުރަކަށް ބަހާލައިގެންނެވެ.

 

 

 

Leave a Comment

Your email address will not be published.