އާހުނަރެއް ދަސްކޮށް ލިބިގަންނާނީ ކިހިނެއް؟

ލިޔުނީ: އަޙްމަދު މުޙައްމަދު، ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް، އެން.އައި.އީ

ހުނަރެއް ލިބިގަތުމަކީ ކޮބާހެއްޔެވެ؟ ހަމަޔަގީނުންވެސް ހުނަރެއް އަށަގަތުން ނުވަތަ ލިބިގަތުން ބިނާވަނީ ދަސްކުރާ އެއްޗަކާއި ލިބޭ ތަޖުރިބާއެއްގެ މައްޗަށެވެ. ހުނަރެއް އަށަގަތުމުގެ އާއްމު އުޞޫލަކީ ތިމާއަށް ޤުދުރަތުން ލިބިފައިވާ ކުޅަދާނަކަމާއި އަމިއްލަގޮތުން ދަސްކުރާ ކަމަކާ ގުޅިލާމެހިގެން ދިއުމެވެ. ލިބިގަނެވޭ ހުނަރުގެ ސަބަބުން ކޮންމެ މީހަކަށްވެސް ތިމާކުރާ މަސައްކަތެއްގައި ކުރިއަށް ދިއުމަށް މަގުފަހިވެ އެ މަސައްކަތް މާ ރަނގަޅަށް ކުރެވެއެވެ.
ޤުދުރަތުން ލިބިފައިވާ ހުނަރަކީ މިންކުރެވޭ އެއްޗެއްނޫނެވެ. އެކަން ބިނާވަނީ ކަންކުރަން އެނގުމާއި އެހެން މީހުނާ ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށެވެ. އެއާޚިލާފަށް ދަސްކުރާ ހުނަރަކީ ފެންނަންހުންނަ އަދި ވަގުތުން ވަގުތަށް ނަތީޖާ ނެރެވިދާނެ ކަމެކެވެ.

ވަޒީފާގައި ކުރިއަށް ދިއުމަށާއި ދިރިއުޅުން ބާއްޖަވެރި ކުރުމަށް ނުވަތަ އިތުރު ފުރުޞަތުތައް ތަނަވަސް ކުރުމަށް ހުނަރެއް ނުވަތަ ހުނަރުތައް ދަސްކުރުން އިންތިހާއަށް މުހިންމެވެ. ތިމާގެ ޝައުގުވެރިކަން ހުރިގޮތެއްގެ މަތިން، ވަޒީފާގައި ހުރެގެންނާއި ވަޒީފާއިން “ބްރޭކެއް” ނަގައިގެންވެސް ތަމްރީނު ހޯދިދާނެއެވެ. އެހެންނަމަވެސް ހުނަރެއް ލިބިގަތުމަށްޓަކައި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން އަމިއްލަ އަދި ފަންނީ ކުރިއެރުމަށްޓަކައި ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ކަނޑައަޅަންވާނެއެވެ.
މި ލިޔުމުގައި އައު ހުނަރެއް ލިބިގަތުމަށްޓަކައި އަމަލުކުރެވިދާނެ ޕޮއިންޓްތަކަށް އަލިއަޅުވާލެވޭތޯ މަސައްކަތް ކުރާނަމެވެ.
ދަސްކުރަން ބޭނުންވާ ހުނަރެއް ނުވަތަ ހުނަރުތައް ކަނޑައަޅާށެވެ. ދަސްކުރަން ކަނޑައަޅާ ހުނަރަކީ ވާސިލުވާން ބޭނުންވާ އަމާޒަކާގުޅޭ އަދި ތިމާ ޝައުގުވެރިވާ ކަމަކަށް ވާންވާނެއެވެ. މަސައްކަތުގައި ކުރިއެރުން ހޯދަން ބޭނުންވާނަމަ، އޮފީހުގައި ތަމްރީނު ބޭނުންވާ ދާއިރާތަކަކީ ކޮބައިތޯ ބަލާށެވެ. އަދި ވެރިއަކަށްހުރި މީހެއްގެ ގާތުގައި ތަމްރީނުހަދަން ޝައުގުވެރިކަން ހުރިކަން ހާމަކުރާށެވެ. އޭރުން ވަޒީފާގައި ހުރެގެން އޮފީހުގެ ތެރެއިން ނުވަތަ އޮފީހުގެ އެހީގައި ތަމްރީނުވުމަށް ލިބޭ ފުރުޞަތަކަށްވެސް ވެދާނެއެވެ. ކުރިއަށް ދާން ބޭނުންވަނީ މިހާރު ހުރި ވަޒީފާއާ ނުގުޅޭ ދާއިރާއަކުންނަމަ ޝައުގުވެރިކަންހުރި ދާއިރާއިން ތަމްރީނު ހޯދައި ހުނަރެއް ލިބިގަތުން އަވަސްކުރާށެވެ. އެއީ ވަގުތު ބޭކާރުވިޔަ ނުދިނުމަށެވެ.
ދަސްކުރަން ވަގުތު ހޯދާށެވެ. ލިބިގަތުމަށް ބޭނުންވާ އާހުނަރު ދަސްކުރުމަށާއި އެކަމާ ގުޅޭ އަމަލީ މަސައްކަތް ކުރުމަށް ކޮންމެ ދުވަހަކުވެސް ވަގުތު ހުސްކުރާށެވެ. ފިލާވަޅުތައް ކިޔައި މަޢުލޫމާތު މުއްސަނދިކުރާށެވެ. ހަމައެއާކު ދުވަހުގެ ކުރަންހުރި އެހެން ކަންކަމުގެ މަތިން ހަނދާން ނައްތާނުލާށެވެ. އެންމެ ރަނގަޅުގޮތަކީ ތަމްރީނަށް ވަގުތު ކަނޑައަޅައިގެން ކުރިއަށްދިއުމެވެ.
އަސާސްތައް ދަސްކުރާށެވެ. އާ ހުނަރެއް ދަސްކުރަން އަދި ފަރިތަކުރަން ފަށައިގަތުމުގެ ކުރިން އޭގެ “ހިސްޓްރީ” އާއި އެއިންވާނެ ފައިދާއާއި ގެއްލުން ދެނެގަތުން މުހިންމެވެ. ހުނަރެއް ފެށިގެން އައި ގޮތުގެ މަޢުލޫމާތު ދެނެގަނެ ބޭނުން ހިފޭނެ ކަންކަމާއި ފައިދާ ދެނެގަތުން ވަކިން މުހިންމެވެ. މިސާލަކަށް އާ ބަހެއް ދަސްކުރަމުންދާއިރު އެބަހެއްގެ އަސްލު އުފެދިގެން އައިސްފައިވާ ގޮތް އެނގުމުން ބައެއް މީހުންނަށް ބަސް ދަސްކުރަން ފަސޭހަވެއެވެ. އެއީ އެކި ބަސްތަކުގައި ޤަވާޢިދާއި ބަސްމަގު ގެންގުޅެންޖެހޭ ގޮތް ތަފާތުވާތީއެވެ. އެ މަޢުލޫމާތުތައް އެނގުމުން މަޤްޞަދު ޙާޞިލުކުރުމަށް ފަސޭހަވެދެއެވެ.
ބޭނުންވާ ގޮތްތަކާއި އާލާތްތައް ޚިޔާރުކުރާށެވެ. ދަސްކުރަން ބޭނުންވާ ހުނަރު ލިބިގަނެވެންހުރީ ކިހިނެއް ކޮންގޮތަކަށްތޯ ބަލާށެވެ. އެއަށްފަހު ދަސްކުރަންއުޅޭ ކަމަކާ އެންމެ ގުޅުންހުރި ގޮތްތަކާއި އާލާތްތައް ފާހަގަ ކުރާށެވެ. ޝައުގުވެރި ނުވަތަ ލިބިގަންނަން އުޅޭ ހުނަރެއްގެ ގޮތުން ބޭނުންކުރެވިދާނެ ގޮތްތަކާއި ތަފާތު އާލާތްތައް ހުރެދާނެއެވެ. ބޭނުން ހިފިދާނެ ގޮތްތަކާއި އާލާތްތަކުގެ ތެރޭގައި ފޮތްތަކާއި، ވާރކްޝޮޕްތަކާއި، އިންޓަރންޝިޕްތަކާއި ޕްރޮޑުކާސްޓްތައް ހިމެނެއެވެ. މީގެ ތެރެއިން ވަކި ގޮތްތަކެއްވެސް ޚިޔާރު ކުރެވިދާނެއެވެ. އުނގެނުމަށް ތިމާއަށް އެންމެ ފަސޭހަކަމަށް ފެންނަ ގޮތެއް ޚިޔާރުކުރުމީ އެންމެ ރަނގަޅު ގޮތެވެ. އޭގެ ސަބަބުން ލިބިގަންނަން ބޭނުންވާ ހުނަރު ދަސްކުރުމަށް މާބޮޑަށްވެސް ފަސޭހަވާނެއެވެ.
ކަނޑައެޅިފައިވާ މުގައްރަރެއް އޮތުން. ކަނޑައެޅިފައިވާ މުގައްރަރަކަށް ކުރިއަށް ދިއުމަކީ، ދާން ބޭނުންވާ މިސްރާބަށް ދިއުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. އަދި އޭގެ ސަބަބުން ދެން އޮތް ހަރުފަތަށް ދިއުމަށް މަގުދައްކައިދޭނެއެވެ. ކުރިއަށްގެންދާ މުގައްރަރުގައި ހުރިވަރަށްވުރެ އިތުރަށް އުނގެނެން ބޭނުންވާނަމަ، ދަސްކުރަން ބޭނުންވާ ހުނަރުތަކާ ގުޅޭގޮތުން ލިޔެފައިހުންނަ ލިޔުންތައް ކިޔައި ވީޑިއޯތައް ބަލައިގެން މަޢުލޫމާތު ހޯދިދާނެއެވެ. ދަސްކުރެވުނު މިންވަރާމެދު ހިތްހަމަ ނުޖެހޭނަމަ ކުރިންފެށި ހިސާބުން އަލުން ކިޔައި ބަލައި ފަރިތަކޮށްލާށެވެ.
ވަކި ލަނޑުދަނޑިތަކެއް ކަނޑައެޅުން. އާކަމެއް ނުވަތަ ހުނަރެއް ދަސްކުރަން ބޭނުންވާއިރު އެކަން ޙާޞިލުކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައެޅުމަކީވެސް މުހިންމުކަމެކެވެ. ކަނޑައަޅާ ލަނޑުދަނޑިތަކަކީ މިންކުރެވޭ އަދި ޙާޞިލް ކުރެވޭނެ އެއްޗެއް ކަމުގައި ހަދާށެވެ. ޙާޞިލް ކުރެވޭނެކަމުގެ އުންމީދަކާއި ޝައުގުވެރިކަމެއް އޮތްނަމަ ކިތަންމެ ގިނަ ލަނޑުދަނޑިތަކެއް ކަނޑައަޅައިގެންވެސް ކުރިއަށް ދެވިދާނެއެވެ.
ލަނޑުދަނޑިތައް ޙިއްސާކުރާށެވެ. ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް އެހެންމީހަކާ ޙިއްސާކުރެވިއްޖެނަމަ އުނގެނުމަށް އިތުރު ފަހިކަމެއް ލިބިދާނެއެވެ. އެކަމަކު އެކަން ޙިއްސާކުރަންވާނީ އިތުބާރުހިފޭ އަދި ހެޔޮލަފާ އިރުޝާދުދޭ ހަމައެހެންމެ ތިބާގެ ޝައުގުވެރިކަންހުރި ކަންކަން އެނގޭ ފަރާތަކާއެވެ. ހަމަ އެއާއެކު ތިމާ ދަސްކުރަން ބޭނުންވާ ހުނަރެއް އުނގެނިގެންހުރި ފަރާތަކާވެސް ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙިއްސާކުރެވިދާނެއެވެ. އޭރުން ބޭނުންތެރި މުހިންމު މަޢުލޫމާތު ލިބުމުގައި އެހީތެރިކަން ހޯދިދާނެއެވެ.
ނިންމާނެ މުއްދަތު ކަނޑައެޅުން. މުއްދަތެއް ކަނޑައެޅުމަކީ ދަސްކުރަން އުޅޭކަމެއް އުނގެނި ފަރިތަކުރުމަށްޓަކައި ހޭދަކުރާނެ ވަގުތުގެ ތާވަލެއް އެކުލަވާލުމަށް ވަރަށް މުހިންމު ކަމެކެވެ. އެއީ ކަނޑައެޅިފައިވާ ވަގުތަށް ދަސްކޮށް ނިންމުމަށް އިސްކަންދެވޭނެ ކަމެއްވެސް މެއެވެ. ހަމައެހެންމެ އެއީ އެހެން ކަންކަމާ ނުވިސްނައި ހަމައެކަނި ދަސްކުރަންއުޅޭ ކަމަކަށް ވިސްނުން ބަހައްޓައިގެން ކުރިއަށް ދިއުމަށް އެހީތެރިވެދޭނެ ކަމެއްވެސް މެއެވެ. މަސައްކަތް ނިންމުމަށް ވަކި ތަރުތީބެއް ހަމަޖައްސަން ބޭނުންވާނަމަ ފޯނު ނުވަތަ އެހެންވެސް ވަޞީލަތެއްގެ އެހީގައި “ޓާސްކް” ތާވަލެއް އެކުލަވާލާށެވެ. އަދި އޭގައި އިސްކަންދޭ ތަރުތީބެއް ހިމަނާށެވެ.
ދަސްކުރި ހުނަރުތައް ފަރިތަކުރާށެވެ. ލިބިގަތް ހުނަރުތައް ފަރިތަކުރަމުން ގެންދިއުމަކީ އެހުނަރެއްގެ ފެންވަރު މަތިކުރެވި، އޭގެ މަޢުލޫމާތު މުއްސަނދިވާނެ ކަމެކެވެ. ދަސްކުރި ހުނަރު ފަރިތަކުރާނެ ގޮތް ނުވަތަ ވަގުތު ކޮންމެ ދުވަހަކުވެސް ހޯދާށެވެ. އެއީ ލިބޭ ހުސްވަގުތު ކަމަށްވެސް ވަދާނެއެވެ. މިސާލަކަށް ދަސްކުރީ ވެބް ޑިޒައިން ކުރަން ކަމަށްވާނަމަ، އެހުނަރު އަމިއްލަ ސޯޝަލްމީޑިއާގެ ސަފްޙާތަކުގައި ދައްކާލެވިދާނެއެވެ. މަސައްކަތް ހިލޭކޮށްދޭން ހުރިކަން ހާމަކުރާށެވެ. އެކަމަކު އެއީ ތިބާގެ މަސައްކަތް ވައިގައި ހިފަންދެނެވެ.

އެހެންމީހުންގެ ޚިޔާލު ހޯދާށެވެ. އަލަށް ދަސްކުރި ހުނަރާއި ގުޅިގެން މުސްތަގްބަލަށް ތައްޔާރުވުމަށާއި ހުނަރު އިތުރަށް ތަރައްގީ ކުރުމަށް އެހެންމީހުންގެ ޚިޔާލާއި މަޝްރާހޯދުން ވަރަށް މުހިންމެވެ. މަޝްރާއާއި ލަފާހޯދުމަށް ވަކި ޚާއްޞަ އުސޫލެއް ނުގެންގުޅުނު ކަމުގައިވިޔަސް އަހައި އޮޅުންފިލުވައިގެން ލިބޭ މަޝްވަރާއާއި ޚިޔާލުތަކަކީ ކުރިއަށް ދިއުމަށް އޮތް މަގު ކަމުގައި ހަދާށެވެ. ރަނގަޅުކުރަންވީ ކަންތައްތަކާ ގުޅޭގޮތުން ލިބޭ މަޢުލޫމާތުގެ އަލީގައި މަޑުމަޑުން ކަންކަން ރަނގަޅު ކުރަމުން ގެންދެވޭނެއެވެ.

މަޢުލޫމާތު: https://www.indeed.com/career-advice/career-development/acquire-skills

 

Leave a Comment

Your email address will not be published.