އިންޓަރސްކޫލް 23 ވަނަ ޗެމްޕިޔަންޝިޕް ނިމިއްޖެ

ދިވެހިރާއްޖޭގެ ސްކޫލްތަކުގެ މެދުގައި ބޭއްވުނު 23 ވަނަ އިންޓަރސްކޫލް ޗެމްޕިޔަންޝިޕް އިއްޔެ ނިމިއްޖެއެވެ. ނަވާރަސަތޭކައެއްހައި ދަރިވަރުންނާއެކު މިއަހަރުގެ އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތް ފެށީ މިމަހުގެ 23 ގައެވެ. މާފަންނު ސްޓޭޑިއަމްގެ އެކުވެނި ސަރަޙައްދުގައި ކުރިޔަށް ދިޔަ މިމުބާރާތުގައި 102 އިވަންޓެއް ކުރިޔަށްދިޔަކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠަލާލް ، ޖަމާޢަތުގެ ޚަބަރަށް ވިދާޅުވެފައިވެއެވެ. މިމުބާރާތުގައި ޖުމުލަ 48 ސްކޫލުން ބައިވެެރިވިއެވެ.

އިއްޔެ ނިމުނު މިމުބާރާތުގެ އެންމެ ގިނަ ކާމިޔާބުތަކެއް ހޯދީ 16 ރަންމެޑެލް ލިބުނު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. އެމަރުކަޒުގެ ނާހިލް ނިޒާރުވަނީ އިންޓަރސްކޫލް މުބާރާތުގެ އައު 3 ރެކޯރޑެއް ހަދާފައެވެ. އަދި އޭނާ ވަނީ 17 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓަކަށްވެސް ހޮވިފައެވެ. ގދ އަތޮޅު ތަޢުލީމީ މަރުކަޒު ހޮވުނީ 17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިޔަން ސްކޫލަށެވެ. 17 އަހަރުން ދަށުގެ އަންހެން ޗެމްޕިޔަންކަން ލިބުނީ ޝަރަފުއްދީން ސްކޫލަށެވެ.

އެކި ޢުމުރު ފުރާތަކަށްބަލާއިރު 13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިޔަންކަން ޖަމާލުއްދީން ސްކޫލަށް ލިބުނުއިރު އެފުރައިގެ އަންހެން ޗެމްޕިޔަނުންނަކީ އަފީފުއްދީން ސްކޫލެވެ. 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިޔަންކަމަށް އިސްކަންދަރު ސްކޫލް ހޮވުނުއިރު އެފުރައިގެ އަންހެން ޗެމްޕިޔަނަކަށް ހޮވުނީ ޖަލާލުއްދީން ސްކޫލެވެ. 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިޔަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް ލިބި، އެފުރައިގެ އަންހެން ޗެމްޕިޔަންކަން ލިބުނީ އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޗެމްޕިޔަނުންނަށް ތައްޓާއި އިނާމު ދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރުން ކަމުގައިވާ އާތިޔާ ނަޞީރު އާއި ފާޠިމަތު ނަޞީރު ވެސް އިއްޔެގެ މެންދުރުފަހުގެ އައިޓަމްތައް ބައްލަވާލެއްވުމަށް ސްޓޭޑިއަމަށް ވަޑައިގެން ތިއްބެވިއެވެ.

ތައްޔާރުކުރީ/އޒ

Leave a Comment

Your email address will not be published.