ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް އިބްރާހީމް މުޙައްމަދު ޞާލިހް، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާ ބައްދަލުކުރައްވައި ޤައުމީ ސްކައުޓް ކައުންސިލަށް އަލަށް ޢައްޔަން ކުރެއްވި ބޭފުޅުންނަށް މަގާމުގެ ލިޔުން ޙަވާލުކޮށް ދެއްވައިފިއެެވެ. ޤައުމީ ސްކައުޓް ކައުންސިލަށް އަލަށް ޢައްޔަން ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ލިޔުން ޙަވާލުކޮށް ދެއްވާފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ސްކައުޓް ކައުންސިލަށް އަލަށް ޢައްޔަން ކުރެއްވި ބޭފުޅުންނަށް މަގާމުގެ ލިޔުން ޙަވާލުކޮށް ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކައުޓް އެސޯސިއޭޝަންގެ މެންބަރުންނާ ބައްދަލު ކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ސްކައުޓް އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތައް ކުރިޔަށްދާގޮތުގެ މަޢުލޫމާތު އެސޯސިއޭޝަނުން ރައީސުލްޖުމްހޫރިއްޔާ އަށް އެރުވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ސްކައުޓް ޖަމްބަރީގެ ތައްޔާރީތަކާއި ތަމްރީން ޕްރޮގްރާމްތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ސާފުކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙުމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.