ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) ގެ ފަންނީ މުވައްޒަފުންގެ މުސާރައަށް ދާދިފަހުން އައި ހެޔޮ ބަދަލާ ގުޅިގެން އެކަން ޙާޞިލުކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެގޮތުން އެންއައިއީގެ ޕްރޮފެޝަނަލް ސްޓާފުން ހެނދުނުގެ ނާސްތާއެއް ބާއްވައިފިއެވެ.
މިނާސްތާގައި އެންއައީގެ އިސްވެެރިޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދު އަޙްމަދާއި ޑިރެކްޓަރޖެނެރަލް އަޙްމަދު ޝަކީބުއާއި މާލޭގައި މަސައްކަތްކުރާ އެންއައިއީގެ މުއައްޒަފުން ބައިވެރިވިއެވެ.
ދާދިފަހުން ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެންނެވި ހެޔޮބަދަލުގައި އެންއައިއީގެ ޕްރޮފެޝަލް ސްޓާފުންވެސް ހިމެނި މުސާރައަށް އެދެވޭ ބަދަލުތަކެއް އައިސްފައިވެއެވެ. ނަމަވެސް މީގެކުރިންވެސް ޓީޗަރުންގެ މުސާރައަށް ބަދަލުތަކެއް އައިސްފައިވާއިރު އެފަހަރު އެބަދަލު ގެނެވިފައިވަނީ އެންއައިއީގެ ފަންނީ މުވައްޒަފުން ހިމެނުމާއި ނުލައެވެ.
އެންއައިއީގެ ފަންނީ މުވައްޒަފުން ދެކޭގޮތުގައި ޓީޗަރުންގެ މުސާރަބޮޑުވި މިދަނޑިވަޅުގައި އެންއައިއީގެ ފަންނީމުވައްޒަފުން އޭގެތެރޭގައި ހިމެނިގެން ދިއުމުގެ ސިއްރަކީ ރާއްޖޭގެ ޢިއްޒަތްތެެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިރުޝާދުގެ މަތިން ލޮބުވެތި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީ އެކަމަށް ކުރެއްވި ޚާއްޞަ މަސައްކަތް ޕުޅެވެ. އަދި މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަޙްމަދު އަލީއާއި އެންއައިއީގެ ހިންގުންތެރި ވެރިންގެ މަސައްކަތް މީގެތެރޭގައި ވަރަށް ބޮޑުކަން އެމުވައްޒަފުން ފާހަގަ ކުރިއެވެ. އެހެންކަމުން މިއެންމެ ބޭފުޅުންނަށް ވަކިން ޚާއްޞަކޮށް ޢިއްޒަތްތެެރި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި ލޮބުވެތި މިނިސްޓަރ އަށް ފަންނީ ހުރިހާމުވައްޒަފުންގެ ނަމުގައި ޝުކުރުގެ ޝުޢޫރުތައް ފާޅުކުރިއެވެ. މުސާރަޔަށް އައި މިކުރިއެރުން މަސައްކަތުގެ ދާއިރާއިން ފެނިގެން ދިޔުމަކީ ފަންނީ މުވައްޒަފުންގެ އުންމީދާއި އަޒުމެވެ.
އެންއައިއީގެ އިދާރީ މުވައްޒަފުންނަކީވެސް މިޝުކުރު ޙައްގުވާ ފަރާތްތަކެއްކަން ހާމަކޮށް އެކި ކަންކަމުގައި އިދާރީ މުވައްޒަފުން، ހަމަކޮންމެ ކަމެއްގައިމެ ފަސްޖެހުމެއްނެތި ފަންނީ މުވައްޒަފުންނަށް ދެއްވާ އެއްބާރުލެއްވުން މި ޙަފްލާގައި ފާހަގަ ކުރެވި އިދާރީ އެންމެހައި މުވައްޒަފުންނަށްވެސް ޝުކުރުއަދާކުރިއެވެ./އޒ