މޭނާ ސްކޫލްގެ އެންމެ ބޮޑު ކާމިޔާބީއަކީ، ޤައުމަށް ޚިދުމަތްކުރާނެ މޮޅެތި ދަރިންތަކެއް ބިނާކޮށްދީފައިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ        

މޭނާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި މަތީ މަޤާމެއް ޙާޞިލްކޮށްފައިވާ ސްކޫލެއް ކަމަށާއި އެ ސްކޫލްގެ އެންމެ ބޮޑު ކާމިޔާބީއަކީ، ޤައުމަށް ޚިދުމަތްކުރާނެ މޮޅެތި ދަރިންތަކެއް ބިނާކޮށްދީފައިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޭނާ ސްކޫލުގެ އަލިމަސް ޔޫބީލްގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭނާ ސްކޫލަކީ މުޅި ރާއްޖޭގައި މިހާރު ހިނގަމުންދާ ސްކޫލު ތަކުގެ ތެރެއިން، 75 އަހަރު ފުރުނު 4 ވަނަ ސްކޫލުކަން ފާހަގަކުރައްވައި މި ސްކޫލަކީ ތަޢުލީމީ ގޮތުން މުޅި ބޮޑުއުތުރުގެ ވެސް ފަޚުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މޭނާ ސްކޫލު, ތަޢުލީމީ ގޮތުން ހޯދަމުން އަންނަ ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނ .އަތޮޅުގައި މަތީ ސާނަވީ މަރުޙަލާގައި މެދުކެނޑުމެއް ނެތި ދެ ސްޓްރީމަށް މިހާރު ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ ވެސް މޭނާ ސްކޫލުކަމަށާއި ސާނަވީ އަދި މަތީ ސާނަވީ މަރުޙަލާގައި މި ސްކޫލުގެ ދަރިވަރުން ޤައުމީ ފެންވަރުގައި ރަން ވަނަތައް ޙާޞިލްކުރަމުން އަންނަކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މުޅިރާއްޖޭގެ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޭނާ ސްކޫލަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް އެރުވުނު ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ.

މޭނާ ސްކޫލް ފުރަތަމަ އުފެދިފައި ވަނީ ރައްޔިތުންގެ މަދުރަސާގެ ނަމުގައި 02 ޖޫން 1947 ގައެވެ.

މި މުހިންމު ޖަލްސާގައި، ރައީސުލް ޖުމުހޫރިއްޔާގެ އިތުރުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢައިޝަތު ޢަލީ އާއި، ސަރުކާރުގެ އިސްބޭބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޚަބަރު/އިބްރާހީމް ޒަރީރު

Leave a Comment

Your email address will not be published.