ފުނަދޫ ސްކޫލްގެ ރަންޔޫބީލް ޖަލްސާ ބާއްވައިފި – ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ

މިލަދުންމަޑުލު އުތުރުބުރީ ‏ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޖަލްސާ ރޭގައި ބާއްވައިފިއެވެ.

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ ⁦‪އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ‬⁩ އާއި ސަރުކާރުގެ އިސް ބޭފުޅުންނާއި އެސްކޫލްގެ ޕްރިންސިޕަލް ފާތިމަތު ހަފްސާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުގައި ފުނަދޫއާއި އެސަރަޙައްދުގެ އެކިދާއިރާތަކުގެ އިސްމަގާމްތަކެއް ފުނަދޫ ސްކޫލުން ދަރިވަރުވެވަޑައިގަތް ބޭފުޅުން ފުރުއްވަމުންގެންދަވާކަން ފާހަގަކުރައްވައި އެސްކޫލްގެ ކާމިޔާބީތަކުގެމައްޗަށް ތަޢުރީފްކުރެއްވިއެވެ.

މި ޖަލްސާގައި އެކި ގޮތްގޮތުން ސްކޫލަށް އެހީތެރިވެ ދެއްވާފައިވާ ފަރާތްތަކަށާއި ސްކޫލަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް ހަނދާނީ ފިލާއަރުވާފައިވެއެވެ. ފިލާތައް އެފަރާތްތަކާ ޙަވާލުކޮށް ދެއްވީ ކުރިން ތަޢުލީމީ ވަޒީރުކަންވެސް ކުރެއްވި އަދި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ ޑރ މުޞްތަފާ ލުޠުފީއާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢައިޝަތު ޢަލީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.

ފުނަދޫސްކޫލް ފުރަތަމަ އުފެދުނީ 1972 ވަނަ އަހަރު މަކްތަބުލް މުނީރުގެ ނަމުގައެވެ. މިސްކޫލްގެ މުއައްސިސް އަކީ ފުނަދޫ އަލިވާގޭ އަލްމަރުޙޫމް ޢަބްދުﷲ ޢަަބްދުލްކަރީމް އެވެ. އެމަކްތަބުގެ ފުރަތަމަ ނާޒިރު އަދި މުދައްރިސަކީވެސް އޭނައެވެ. /އޒ

Leave a Comment

Your email address will not be published.