ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ބާއްވާ ރީސައިކަލްޑް އާޓް އެގްޒިބިޝަން މިއަދު އިއްޒުއްދީން ސްކޫލް ހޯލްގައި ހުޅުވައިފިއެވެ. “އަވަރ ޕްލެނެޓް، އަވަރ ހެލްތު” ނުވަތަ “އަހަރެމެންގެ ދުނިޔެއާއި އަހަރެމެންގެ ސިއްހަތު” މައިގަނޑު ތީމަކަށް ކަނޑައަޅައިފައިވާ މިއެގްޒިބިޝަނަށް ތައްޔާރުކޮށްފައިވާ ތަކެއްޗަކީ ކުރިން ބޭނުންކޮށްފައި ހުންނަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިހުރި ތަކެއްޗެވެ. މިއެގްޒިބިޝަނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯ ގުޅިގެން އިންތިޒާމްކުރާ މައުރަޒެކެވެ.
މި އެގްޒިބިޝަން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމު އެވެ. އެމަނިކުފާނު އަރިހުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހީމް ޙަސަންއާއި ދިވެހިރާއްޖެއަށް ޑަބްލިޔޫ އެޗްއޯ އިން ކަނޑައަޅާފައި ހުންނަވާ މަންދޫބް ޑރ ނާޒްނީން އަންވަރުއާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދު އަޙްމަދުވެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ޕާމަނަންޓް ސެކެޓެރީ އަޙްމަދު އަލީ އާއި ސަރުކާރުގެ އިސްބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
އެގްޒިބިޝަން ހުޅުވުުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ އިތުރުން ޑަބްލިޔުއެޗްއޯގެ މަންދޫބް ޑރ ނާޒްނީން އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ރަޝީދު އަޙްމަދުވެސް ވާހަކަފުޅު ދެއްކެވިއެވެ.
މި އެގްޒިބިޝަންގެ ގްރޭޑް 1ން 4 އަށް ކަނޑައަޅާފައިވާ ކެޓެގަރީ 1 ން 1 ވަނަ ހޯދީ ތާޖުއްދީން ސްކޫލް ގްރޭޑް 2 ގެ ދަރިވަރު ފާތިމަތު ތާޢަތު ޢަބްދުﷲ ވަޙީދުއެވެ. ގްރޭޑް 5ން 7 އާދެމެދަށް ކަނޑައެޅި 2ވަނަ ކެޓެގަރީ ން 1 ވަނަ ހޯދީ ބ. ގޮއިދޫ ސްކޫލްގެ ގްރޭޑް 6 ގެ ދަރިވަރު ޔައުލާ ޝަކީބު އެވެ. 2ވަނަ ކެޓެގަރީގެ ގްރޭޑް 8ން 9 އާ ދެމެދުގެ ދަރިވަރުންގެ ތެރެއިން 1 ވަނަ ހޯދީ ހުރަވީ ސްކޫލްގެ ގްރޭޑް 9 ގެ ދަރިވަރު ޔާޝާ ޝާފީ ޝަފީޤް އެވެ.
.މިމަޢުރަޒު އޮންނާނީ މިއަދާއި މާދަމާ އެވެ. މަޢުރަޒުގައި ގްރޭޑް 1ން 9 އާދެމެދުގެ ދަރިވަރުން ހުށަހަޅާފައިވާ 300 އެއްހައި ތަކެތި ހިމެނެއެވެ. (ޚަބަރުގެ ތިރީގައި އެގްޒިބިޝަން ގެ ބައެއް ތަކެތީގެ ފޮޓޯ)