ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލް އިމާރާތްތަކުގެ މަސައްކަތް ކުރިޔަށް ދަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މިއަދު ބައްލަވާލައްވައިފިއެވެ. މިމަސައްކަތްތައް ހިގަމުންދާގޮތް ބައްލަވާލެއްވުމަށް އިމާރާތްތައް ކުރެވެމުންދާ ސައިޓުތަކަށް ނާއިބު ރައީސް މިކުރެއްވި ޒިޔާރަތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހުޅުމާލޭގައި ސްކޫލް އިމާރާތްކުރަމުންދާ ސައިޓްތަކަށް ނާއިބު ރައީސް ކުރެއްވި މިޒިޔާރަތުގައި އެސިޓީގެ ފުރަތަމަ ފޭސްގައާއި ދެވަނަ ފޭސްގައި ކުރެވެމުންދާ ސްކޫލް އިމާރާތްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ. މިގޮތުން ފޭސް އެކެއްގައި އިމާރާތްކުރެވެމުންދާ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ ސްކޫލްގެ އިމާރާތުގެ މަސައްކަތް ކުރިޔަށް ދަމުންދާގޮތާއި ދެވަނަ ފޭސްގައި އިމާރާތް ކުރަމުން ގެންދާ ޞަލާހުއްދީން ސްކޫލާއި އެހެން ދެ ޕްރީސްކޫލެއްގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލެއްވިއެވެ. މިޒިޔާރަތްތަކުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސްކޫލްތަކުގެ އިތުރުން ހިޔާފްލެޓް ސަރަހައްދުގެ ބައެއް ކަންތައްތައްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.
މިގޮތުން ދާދިފަހުން ހިޔާ ސަރަހައްދުގައި ހުޅުވި ޕޮލިސް ސްޓޭޝަނަށް ޒިޔާރަތް ކުރެއްވުމާއި ހިޔާސަރަހައްދުގައި ކުނިއުކާލުމުގެ މަސައްކަތް ރޭވިފައިވާ ގޮތްވެސް ބައްލަވާލެއްވިއެވެ. ނާއިބު ރައީސް ހުޅުމާލޭގައި މިކުރެއްވި ޒިޔާރަތްތަކުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު ބައިވެރިވެވަޑައިގަތެވެ.
ނާއިބުރައީސް އަރިހުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސްކޫލްތަކުގެ މަސައްކަތް ބައްލަވާލެއްވުމުގެ އިތުރުން މާލޭގައި ބިނާކުރަމުންދާ ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ވަނީ މިއަދު ބައްލަވާލައްވާފައެވެ./އޒ