ސްކޫލްތަކުގެ މެދުގައި ލަވަޔާއި މިޔުޒިކްގެެ ފަންނުވެރިކަން ކުރިއެރުވުމުގެ މަޤްޞަދާއެކު ‘އިންޓަރސްކޫލް ލަވަ މުބާރާތް – 2023’ ބޭއްވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

2023 ވަނަ އަހަރުގެ އިންޓަރ ސްކޫލް ލަވަ މުބާރާތް ބޭއްވުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް އާއި ޕަބްލިކް ސަރވިސް މީޑިއާ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިފަހުމުނާމާގައި ސޮއިކުރުމާއެކު މިމުބާރާތް ބާއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި ޕަބްލިކް ސާރވިސް މީޑިއާ ( ޕީ.އެސް.އެމް) އާއި ނޭޝަނަލް ސެންޓަރ ފޯ ދި އާރޓްސް ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގެ މެދުގައެވެ. މިއަހަރުގެ ޖޫންމަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ އެކި އުމުރުފުރާތަކުގެ ދަރިވަރުންނަށް  އޮންނާނެއެެވެ.

މި މުބާރާތުގެ މަޤްޞަދަކީ ސްކޫލްތަކުގެ މެދުގައި ލަވަ ކިޔުމާއި މިއުޒިކުގެ ފަންނުވެރިކަން  ކުރިއެރުވުމުގެ އިތުރުން ސްކޫލް ދަރިވަރުންގެ މެދުގައި ލަވަޔާއި، މިއުޒިކުގެ ފަންނީ ހަމަތަކަށް ލޯބިޖެއްސުމާއި ފަންނީ ހުނަރުވެރިކަން  މަތިކޮށް، އަމިއްލަ ދިވެހިވަންތަ  ރާގާއި، މިއުޒިކާއި، ލަވައިގެ އުފެއްދުންތެރިކަން، އިތުރުކުރުމާއެކު، މި މުބާރާތުގެ  ސަބަބުން މުސްތަޤުބަލްގައި ފެންވަރު ރަނގަޅު ދިވެހި ލަވަކިއުންތެރިންނާއި، މިޔުޒީޝަނުން އުފެދި މިއުޒިކާއި ލަވައިގެ ފަންނުވެރިކަން ތަރައްޤީވެ ކުރިއަރައި ދިއުމެވެ.

މި މުބާރާތް ބޭއްވުމަށް  ހަމަޖެހިފައިވަނީ  އަހަރަކު 1 ފަހަރުއެވެ. އެގޮތުން 2023 ވަނަ އަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 16 އިން 24އަށެވެ. (ކުދިން ބައިވެރިވާ ނިސްބަތުން މުބާރާތުގެ މުއްދަތަށް  ބަދަލުއައުން އެކަށީގެންވެއެވެ.)

އިންޑިވިޖުއަލް ޕާރފޯމަންސްގައި ވާދަކުރާނީ 2 ބަޔަކަށް ބަހާލެވިގެން ޖުމްލަ 6 އުމުރުފުރައެއްގައެވެ. އެއީ ޖޫނިއަރ ގްރޫޕާއި ސީނިއަރ ގްރޫޕެވެ. ޖޫނިއަރ ގްރޫޕްގައި 6 އަހަރުން ދަށާއި 9އަހަރުން  ދަށާއި 11 އަހަރުން ދަށުގެ ޢުމުރުފުރާތަކުގެ ދަރިވަރުންނެވެ.

ސީނިއަރ ގްރޫޕްގައި ވާދަކުރާނީ 15 އަހަރުންދަށް، 17އަހަރުން ދަށް އަދި 19އަހަރުންދަށުގެ އުމުރުފުރާތަކުގެ ދަރިވަރުންނެވެ.

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.