ކުރިޔަށް އޮތް ދިރާސީ އަހަރަށް ތައްޔާރުވުމަށް ތަޢުލީމީ ވުޒާރާއިން ގިނަމަސައްކަތްތަކެއް – ފޮތްތައް ފޮނުވުމާއި ޓީޗަރުން ހަމަކުރުމާއި ސްކޫލް އިމާރާތްތަކުގެ މަސައްކަތް ފުލް-ސްޕީޑްގައި

2024-2023 ވަނަ ދިރާސީ އަހަރަށް ތައްޔާރުވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންއިން ގިނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދެއެވެ. އެގޮތުން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާއިރު، އަންނަ ޖުލައި މަހުގެ 15 އާ ހަމައަށް ހުރިހާ ސްކޫލްތަކަށް ފޮތްތައް ފޮނުވާ ނިމޭނެކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ.

2023-2024 ވަނަ އަހަރު ގްރޭޑް 1-10 އަކަށް ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ކޮންމެ ކުއްޖަކަށް ވެސް ދޫކުރާނީ 2022-2023ވަނަ ދިރާސީ އަހަރު (މި ނިމުނު ދިރާސީ އަހަރު) އެކުއްޖަކު ކިޔަވަމުން ދިޔަ ސްކޫލަކުންނެވެ. ބެލެނިވެރިންނާއި ދަރިވަރުން ފޮތްތަކާ ހަވާލުވުމަށް ހާޒިރުވާނެޖެހޭ ތަނާއި ތާރީޚް ސްކޫލްތަކުން އަންގަމުން ދާނެއެވެ.

އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް ހުރިހާ ދަރިވަރުންނަށް، ސްކޫލްތަކުން ޕްރިންޓެޑް ވައުޗަރ ދިނުމަށްވަނީ ހަމަޖެހިފައެވެ. ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ރެކްރޫޓް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، އެމިނިސްޓްރީގެ އުންމީދަކީ ދިރާސީ އަހަރު ފެށެންވާއިރަށް ހުރިހާ ސްކޫލްތަކަށް މުދައްރިސުން ހަމަވުމެވެ.

2024-2023 ވަނަ ދިރާސީ އަހަރާއެކީ މިހާރު ސްކޫލްތަކުގައި އިމާރާތްކުރަމުންދާ ބައެއް އިމާރާތްތައް ނިމި ބޭނުން ކުރަން ފެށިގެން ދާނެއެވެ. އަދި ފުރަތަމަ ޓާރމްގެ ތެރޭގައި މާލޭ ސަރަޙައްދުގައި ޢިމާރާތްކުރަމުންދާ ތިން ސްކޫލެއްގެ މަސައްކަތް ނިމި ބޭނުން ކުރަން ފަށާނެއެވެ. އެއީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ އާ ޢިމާރާތް އަދި ހުޅުމާލޭ ފޭސް 2 ގައި ޢިމާރާތްކުރާ ޞަލާޙުއްދީން ސްކޫލެވެ. ދަރުމަވަންތަ ސްކޫލްގެ އާ ޢިމާރާތް ނިންމުމާއި އެކު މިހާރު ދަރުމަވަންތަ ސްކޫލް ހިންގަމުންދާ ޢިމާރާތަށް އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ބަދަލު ކުރުމަށްވަނީ ނިންމާފައެވެ. އަދި އެމަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

މި ދިރާސީ އަހަރު ކާމިޔާބު ކަމާއެކު ނިންމާލެވުނީ، ދަރިވަރުން، މުދައްރިސުން އަދި ބެލެނިވެރިންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެޑިޔުކޭޝަނުން މިއަދު ހާމަކުރި މައުލޫމާތުގައި އެފަރާތްތަކަށްވަނީ ޝުކުރު ދަންނަވާފައެވެ. އަދި ޗުއްޓީގެ ބޭނުން ރަގަޅު ގޮތުގައި ހިފުމަށްޓަކައި ޢާއިލާއާއެކުގައި ވަގުތު ހޭދަ ކުރުމާއި، ކުޅިވަރާއި އެކި ކަހަލަ ޙަރަކާތްތަކުގައި ޝާމިލުވުމާއެކުވެސް، ފޮތްކިޔުމާ ދުރުނުވެ، މުޖުތަމަޢަށް ބޭނުންތެރި ކުއްޖަކަށްވުމަށް، މިޗުއްޓީ ތެރޭގައި ކޮންމެވެސް އެއް ހުނަރެއް ދަސްކުރުމަށް ހުރިހާ ދަރިވަރުންނަށްވެސް ނަސޭޙަތްތެރިވެފައެވެ.

2024-2023 އަށް ދިރާސާ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހު ހަވަނަ ދުވަހުގައެވެ.

 

 

Leave a Comment

Your email address will not be published.