މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފަށާނެއެވެ. ސްކޫލްތަކުގެ ކިޔެވުން މާދަމާ ފަށާއިރު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ޓީޗަރުންވަނީ ބޮޑުޗުއްޓީ ދުވަސްތައް ނިންމުމަށްފަހު ސްކޫލްތަކަށް ނުކުމެފައެވެ.
މިވޭތުވި ދުވަސްތަކުގައިވަނީ ސްކޫލްތަކުންވަނީ މިއަަހަރުގެ ކިޔެވުން ފެށުމަށް ބޭނުންވާ ތައްޔާރީތަކާގުޅޭ ތަފާތު ހަރަކާތްތައް ބާއްވާފައެވެ. މީގެ ތެރޭގައި ސްކޫލްތަކުގެ އާބާތުރަފިލުުުވުން ފަދަ އުމްރާނީ މަސައްކަތްތަކާއި ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެހެންކަންތައްތައް ކޮށްފައިވެއެވެ. ބައެއް ސްކޫލްތަކުން ބެލެނިވެރިންނަށް އޮރިއެންޓޭޝަން ހިންގުންފަދަ ހަރަކާތްތައް ހިންގާފައިވާއިރު ބައެއް ސްކޫލްތަކުން ޓީޗަރުން ތާޒާކުރުމަށް ހިންގާ ޓީޗަރުންގެ ފަންނީ ގާބިލްކަން އިތުރުކުރުމުގެ ހަރަކާތްތައް ބޭއްވިއެވެ.
މިއަހަރުގެ ދިރާސީ އަހަރު ފެށޭއިރު މާލެ ސަރަޙައްދުގައި މުޅިން އަލަށް ޢިމާރާތްކޮށްފައިވާ 3 ޢިމާރާތެއްގައި ކިޔަވައިދޭން ފަށާނެއެވެ. މިޢިމާރާތްތަކަކީ މާލެސަރަޙައްދުގެ ސްކޫލްތަކުގެ ތެރެއަށް މިއަހަރު އަލަށް އިތުރުވާ ޞަލާޙުއްދީން ސްކޫލް ޢިމާރާތާއި ސީއެޗްއެސްއީ ގެ އައުޢިމާރާތާއި ދަރުމަވަންތަ ސްކޫލްގެ އައުޢިމާރާތެވެ. ދަރުމަވަންތަ ސްކޫލް ޢިމާރާތް ފިޔަވައި އަނެއް ދެސްކޫލްގެ ޢިމާރާތް ބިނާކޮށްފައިވަނީ ހުޅުމާލޭގައެވެ. ދަރުމަވަންތަ ސްކޫލް އައުޢިމާރާތް ހުންނަނީ މާލޭގައެވެ.
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ވަނީ މާލެސަރަހައްދުގައި އަލަށް ކިޔެވުން ފެށޭ ތިން އިމާރާތަށްވަޑައިގެން އެތަންތާގައި ކިޔަވައިދިނުމަށް ކުރެވޭ މަސައްކަތްތަކާއި އެހެނިހެން ތައްޔާރީތައް އަމިއްލަފުޅަށް ބައްލަވާލައްވާފައެވެ.
މިހާތަނަށް މާލޭގައި ހިންގަމުންއައި ސީއެޗްއެސްއީގެ ކިޔެވުން ހުޅުމާލޭގައި އަލަށް ޢިމާރާތްކުރި އެސްކޫލްގެ އައުއިމާރާތަށް މި އާދިރާސީ އަހަރާއެކު ބަދަލުވާނެއެވެ. ސީއެޗްއެސްއީގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ދަރިވަރުންގެ ބެލެނިވެރިންނާވެސް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ޒިޔާރަތްކުރައްވައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް އެސްކޫލްގައި ވަމުން ގެންދާ ތައްޔާރީތައްވެސް އެކަމަނާ ބައްލަވައިލެއްވިއެވެ.
2023-2024 ވަނަ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ފޮނުއްވާ ޚިޠާބު، މާދަމާ ހެނދުނު 7:00 ގެ ޚަބަރަށް ފަހު ދައުލަތުގެ މީޑިޔާއިން ގެނެސްދޭނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތައް ބުނާގޮތުގައި މިއަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފަށަނީ 84200 ދަރިވަރުންނާ އެކުއެވެ. މީގެތެރޭގައި ސަރުކާރު ސްކޫލްތަކުގައި ކިޔަވާ 73078 ދަރިވަރުންނާއި އަދި އަމިއްލަ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ހިމެނެވެ. މީގެތެރެއިން 24000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަނީ މާލެ ސަރަޙައްދުގައެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފަށާއިރު ސަރުކާރުގެ 216 ސްކޫލެއްގައި ކިޔަވައިދިނުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. މީގެތެރެއިން 156 ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައްކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.