އިންސާނީ ޙަޔާތުގެ ތަންމަތިކަމުގައިވާ މި ދުނިޔެއަށް އަމާން ވެއްޓެއް ޤައިމުކޮށްދިނުމަށްޓަކައި ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނަމާ!

ލިޔުނީ: އާދަމް ޒާހިރު (ކުރޮޅި)

ރަހުމެއްބިމާ ގަސް ގެހި ގަހާ ނަލަމަސްމަހާ މިވެށީތެރަށް

ރަހުމެއް އަދައި ތިޕްލާސްޓިކް ދޫކޮށް ދަރިން ދާންވީދުރަށް

ލޮބުވެތި ދިވެހި ދަރީންނޭވެ. އެތައް ދޫތަކަކުން ކިޔާތީ އިވެނީ އެވެނި މިވެނި އެއްޗަކުން ވެއްޓަށް ގެއްލުން ލިބޭ ވާހަކައެވެ. ލިޔެފައިހުންނާތީ ފެންނަނީވެސް މި ވާހަކައެވެ. އެކަމަކު މި އަޑުފަޑުގެ ތެރެއިން ފެންނަނީ ނަމުން ބުނެ ރިވެތި މޭރުމުން ފަވައިފައިމެ ކަން ނުވާތަނެވެ. ވެށި ހަލާކުވެދާއިރުވެސް ދިރާސާތައްކޮށްކޮށް ޖަލްސާތައް ބާވައި ކަންކަމާ ހާކައި އެކަމަކާ މިކަމަކާ ވާހަކަދައްކާތަނެވެ. “ބަސްމަދުކޮށް ޢަމަލުގިނަކުރާށޭ” ބުނާ ބުނުމުގެ ކަންފުޅެއްވެސް އަދުގެ “ޢިލްމީ ފިކުރީ” ބަޠަލުންގެ ކިބައިންނެއް ހަމަ ހިލާ ނުފެނެއެވެ.

ދަންނަވަންތޯއެވެ. އެންމެ އެވޭލާ ތާރީޚުންވެސް އެނގޭގޮތުގައި ދިވެހިންނަކީ ވަރަށް ނަލަކޮށް، ދިވެހި ވެއްޓަށް ކުފޫ ހަމަކޮށްގެން އުޅުނު ޗާލާކީ ބައެކެވެ. މާސިންގާ މި ހިންދުކަނޑުގެ މެދުގައި ޖެހޭހާ އޮޔާވައެއްގެ ސާފުކަމުން ފެންވަރަމުން ދިރިއުޅުނު ނާޒުކު ބައެކެވެ. ލޯތްބާއި އޯގާތެރިކަމުގެ ސިފައިން ހިތާއި ފިތާއި ޖިސްމު ޖަރީވެގެން އުޅުނު އެކުވެރި މިތުރުންތަކެކެވެ. ވެށިން ފެންނަ ކޮންމެ އެއްޗަކީ ގާތް މިތުރުންފަދައިން ހިތި، މާލު މުދަލުގެ އަގު ދަންނަ ޙިލްމީ ބައެކެވެ. އެހެންކަމުން “އެކުވެރިކަމުގެ” ޗޭނެއްހެން، އުފަންވެފައިވާ ތިލަ، ދޫ ފަސްގަނޑެއްގެ މި ޖަޒީރާތަކަށްވެސް ދިވެހިން އޭރު ދީފައިވަނީ އިންތިހާދަރަޖައެއްގެ ލޯތްބާއި އަޅައިލުމެކެވެ. ވަޒަން ނުކުރެވޭނޭ އޯގާތެރިކަމާއި އަގަލާއި ކުލުނެކެވެ. އެ ދިވެހިންގެ އާޖުފާޖާއި ގުޅުންހުރި ކޮންމެކަމެއް ބިނާވެފައި އޮތީ މި ނާޒުކު ވެށީގެ ނާޒުކުކަން ދެނެގެންނެވެ. މި ވެއްޓާ ގުޅޭނޭގޮތުން ދިރިއުޅުމުގެ ހުރިހާކަމެއް ފަރުމާކޮށްގެން އޭރުގެ ދިވެހިންވަނީ އެތައް ޤަރުނެއް މި ބިމުގައި ވޭތުކޮށްފައެވެ. “މީ މަގޭ އުފަންބިމޭ ދީބު ދިވެހިމީ” ކިޔަމުން އުފަލުގައި ނަށަމުންނެވެ. އޭރުވެސް ކަނޑުގެ ސަތަޙުންމަތީގައި މި ޖަޒީރާތައްވަނީ ހަމަ އެންމެ މީޓަރެއްގެ އުސްމިންވެސް ނެތިއެވެ.

ޅެންވެރިޔާ ހާމަކުރައްވައިފައިވާ ފަދައިން “ހިންދު މި މާކަނޑުތެރޭ އަލިރަތްމުތްހެން ދިރޭ މީ މަގޭ އުފަންބިމު” ގައި ފަޚުރާ ޝަރަފު ދިވެހިން ވީ ހޯދައިފައެވެ. މި ހުރިހާ އުފަލެއް ނެތިކޮށް މިޤައުމާމެދު އޮތް އުއްމީދު ވިއްސިވިހާލިވީ މި ޖަޒީރާތަކަށް “މަރުބައްޔެއް” ޖެހިއްޖެކަމުގެ ހިތާމަވެރި ޚަބަރު ސައިންސުވެރިން ދިނުމުންނެވެ. އެއީ ކޮން ޚަބަރެއްކަމަށްތޯއެވެ؟ އާދޭހެވެ. ތިޔަ ހީވެލެއްވީ ރަނގަލަށެވެ. މި ކުދިކުދި ޖަޒީރާތައް ކަނޑުގެ ސަތަޙައިން އަޑިއަށް އޮބިގެން ހިނގައިދާނޭކަމުގެ ހިތި ޚަބަރެވެ. ދުނިޔޭގެ ސައިންޓިސްޓުން ވަރަށް ސާބިތުކަމާއެކު ހާމަކުރި މި ޚަބަރާގުޅިގެން ދުނިޔޭގެ އެތައް މިލިޔަން މީހުނެއް މިއަދު ވަނީ ހާސްކަމުގެ ދިރިއުޅުމެއްގެ ތެރެއަށް ވާޞިލުކޮށްފައެވެ. މިއީ ބޮޑުވެގެންވާ ހިތާމަވެރި ޚަބަރެއްކަމުގައި މިއަދުވެސް މި ތިބީ ބަލައިގަނެގެންނެވެ.

ދުނިޔޭގެ ގިނަ ރަށްތަކެއް ކަނޑުގެ އަޑިއަށްދާން މެދުވެރިވާ މައިގަނޑު ސަބަބަކީ އިންސާނުން އުފައްދާ ބޭނުންކުރަމުންދާ ވިހަ މާއްދާތަކެވެ. ހުސް ސިކުނޑިއަކުން ވިސްނަވާލައްވާށެވެ! ސީއެފްސީ ގެ ސަބަބުން ދުނިޔޭގެ ދިފާއީ އެއް ބާރުކަމުގައިވާ އޯޒޯން ހަފުސްވަނީއެވެ. އޭގެ ސަބަބުން އެއްވެސް ހުރަހެއްނެތި މި ބިމަށް ވާސިލުވާ އިރުގެ ހޫނު އިތުރުވެއްޖެއެވެ. ނަތީޖާއަކީ ދުނިޔޭގެ ގަނޑުފެންތައް ވިރެންފެށުމެވެ. ލޮނުގަނޑު އުފުލެން ފެށުމެވެ. ދުނިޔޭގެ މޫސުމާމެދު އެތައް އަހަރަކުއްސުރެ ދަސްވެފައިވާގޮތް ބަދަލުވެގެންދިއުމެވެ. ރާއްޖެފަދަ ކުދި ޖަޒީރާތަކަށް ޠޫފާންތަކާއި މުޞީބާތްތައް ކުރިމަތިވާންފެށުމެވެ. އިންސާނީ ޙަޔާތަށް ބިރުވެރިކަން ފާވުމެވެ. މޫސުމީ، ޖައްވީ، ނިޒާމީ އިންޤިލާބެއް ކުރިމަތިވުމުގެ އަސަރު ފާޅުވުމެވެ. ކުށްވެރިންނަކީ ކޮބައިތޯއެވެ؟ އެއްވެސް ދެބަސްވުމެއް ނެތެވެ. ހަމަ އަޅުގަނޑުމެން އިންސާނުންނެވެ. ތަރައްޤީގެ ވަންހަނާ އެދުންވެރިކަމުގައި ދެވިހިފައިފައި ތިއްބައި ކުރެވޭ ކަންކަމުގައި ވެއްޓެން ކުރިމަތިވާ ވަޅުގަނޑު ނުފެނުނީއެވެ. އެތައް ބިލިޔަން ޓަނެއްގެ ސީއެފްސީ އުފަންކޮށް ވަޔަށް ފޮނުވައިލެވުނީއެވެ.

ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރާއި ޤަބޫލުކުރުން ހޯދައިފައިވާ ސައިންސުވެރިން ހާމަކުރި ބިރުވެރި ޚަބަރުގެ އަސަރުގެ ރަހަ މިހާރު މުޅި ދުނިޔެ އެބަ ބަލައެވެ. އޭގެ ބިރުވެރިކަން ދިވެހިންނަށްވެސް ފެންނަން ފަށައިފިއެވެ. ޤަބޫލު ކުރައްވާށެވެ! ދުނިޔޭގެ ދިރުންތަކާއި ހެދިފޯދުން ނެތިގެންދާކަމަށް މިހާރު ފާހަގަކުރެވިއްޖެއެވެ. އިންސާނާ އަމިއްލަ އަތުން އުފެއްދި ބާވަތްތަކެއްގެ ސަބަބުން މުޅި ދުނިޔެ ހަލާކުވާންފަށައިފިއެވެ. އިރުގެ ހޫނުން ދުނިޔެއާއި އެނޫންވެސް މި ކައުނުގައި ލެއްވި އެތައް މިލިޔަން އެއްޗެއް ހިމާޔަތްކުރެއްވުމަށް އިރާ އެހެން ތަކެއްޗާ ދެމެދު ލެއްވި ދިފާޢީ އެންމެ ބޮޑު ނިޒާމު، އޯޒޯން ހަލާކުވަނީއެވެ. ނަތީޖާއަކީ ކަނޑުގެ ދިރުންތައް މަރުވުމެވެ. ބިމުގެ އަޑި ހަލާކުވުމެވެ. ފަސްގަނޑުގެ ހެދިފޯދުންވެސް ހުއްޓުމެވެ.

ރާއްޖޭގެ ތިމާވެށީގެ ޙާލަތަށް ބަލައިލީމާވެސް ފާހަގަކުރެވެނީ ސިހުން އިތުރުވާފަދަ ކަންތައްތަކެވެ. ރާއްޖޭގެ ވަށައިގެން ލެއްވި މޫދާއި ފަޅާއި ވިލާއި ކަނޑުތެރޭގައި ވިހަ އިތުރުވެ މަސްމަހާމެހި މަރުވާން ފަށައިފިއެވެ. ފަރު ގިރިތަކުގެ ދިރުން މުޅިން ނެތިއްޖެއެވެ. ސައިންސުވެރިން ހާމަކުރާގޮތުގައި ރާއްޖޭގެ ވެއްޓަށް ލިބޭ މިފަދަ އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކުނީގެ ތެރޭގައި ހިމެނޭ ބާވަތްތަކެއްގެ ސަބަބުންނެވެ. ޚާއްސަކޮށް ޕްލާސްޓިކްގެ ބާވަތްތަކާހެދިއެވެ. އޭގެތެރެއިންވެސް އެންމެ ނުރައްކާތެރިވެފައިވަނީ ޕްލާސްޓިކް ކޮތަޅުގެ ބައްޔެވެ.

ޕްލާސްޓިކަކީކޮބައިތޯއެވެ؟ އެއީ މީލާދީން 1970 ގެ އަހަރުތަކުގެ ތެރޭގައި އުފަންވެ ޢާންމުވެފައިވާ ވިޔަފާރީގެ އެހީތެރިއެކެވެ. ނަމަވެސް މިއީ އޭގައި ހިމެނޭ މައުދަނުގެ ތެރޭގައި ވިހަ އެކުލެވޭ ބާވަތެކެވެ. ކަމާބެހޭ މާހިރުން ހާމަކުރާގޮތުގައި ޕްލާސްޓިކަކީ ތިމާވެށީގެ ދުޝްމަނެކެވެ. އެއީ ވެއްޓާ ވަރަށް ނުރައްޓެހި އެއްޗެކެވެ. ފިކުރު ކުރައްވާށެވެ! އަޅުގަނޑުމެން ކޮންމެ އެއްޗެއް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅަކީ ހައިޑްރޯކާބަން ކިޔާ މާއްދާއަކުން އުފައްދާ އެއްޗެކެވެ. އަދި އޭގައި ޕެޓްރޯލިއަމް ގިނަ ޢަދަދަކަށް އެކުލެވެއެވެ. ޕްލާސްޓިކް ކޮތަޅުން ފައިދާތަކެއްވާކަންވެސް ފާހަގަކޮށްލަންޖެހޭފަދައިން އެއީ ފަނާވުން އުނދަގޫ އެއްޗެއްވެސް މެއެވެ. އޭގައި ހުންނަ ފަނާވުމުގެ ޢުމުރު ދިކޮށްދޭ ބާވަތްތަކުގެ ސަބަބުން ވެއްޓަށް މިލިޔަން އަހަރުވަންދެންވެސް ގެއްލުން ލިބޭ އެއްޗެއްކަމުގައި ދިރާސާތަކުން ހާމަވެއެވެ. އެހެންކަމުގައިވާނަމަ ރާއްޖެއަށް ލިބޭ ގެއްލުން ވަރަށް ބޮޑުވާނެއެވެ. މިއީ ނުރައްކާތެރި ވަބާއެއްކަމުގައި ނޫނީ ދުނިޔެއަކަށް ނުވާނެއެވެ.

ތިމާމެށި ހިމާޔަތްކުރާ އިދާރާތަކުން ހާމަކުރާގޮތުގައި ޕްލާސްޓިކް ކޮތަޅުން ފޫ ނުބެއްދޭވަރުގެ ގެއްލުން ވެއްޓަށް ލިބެއެވެ. އަހަރެއްގެތެރޭގައި ދޫނިސޫފާސޫފީގެ ލައްކައަކަށްވުރެ ގިނަ ދިރުން، ޕްލާސްޓިކުގެ ސަބަބުން ނެތިދާކަމުގައި ދިރާސާތަކުން ހާމަވެފައިވެއެވެ. ހަމަ އެހެންމެ ކޮތަޅުފަދަ ޕްލާސްޓިކުގެ ބާވަތްތައް ނެތިކޮށްލުމަށް އަންދާހެދުމުން އަރާ ވިހަދުމުގެ އަސަރުގައި ލިބޭ ގެއްލުންވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އަދި ބޭނުންކޮށްފައި އެއްލައިލާ ކޮތަޅުތައް ވަޔާ ގޮސް ހެދިފައިވާ ގަސްތަކުގެ ތެރެއަށް ބައެއް ކޮތަޅު ޖަމާވެއެވެ. ކުރިތަކުގެ “މޫނުމަތީގައި” އަޅާ ޤާތިލެއްކަމުގައިވެސް ބައެއް ގަސްތަކުގެ ދިރުން އެތައް ގުނައެއް ފަސްކޮށްލައެވެ. ނޫނީ ދިރުން ނެތިކޮށްލައެވެ. ދުނިޔޭގައި މިގޮތަށް ވަލުގައި އެނބުރޭ ކޮތަޅުތަކުގެ “ދަލުގައި” ޖެހިގެން ވަލުޖަނަވާރުވެސް މަރުވެފައިވާކަމަށް ދިރާސާތަކުން އެނގެއެވެ. އަދި ކޮބައިތޯއެވެ. ތުއްތު ދަރިފުޅުގެ އަތުގައި ޖެހޭ ކޮތަޅު އަނގައިން ވަދެ ކަރުގައި ތާށިވުމާއި ނޭނގި އެ ތުއްތު ދަރިފުޅުގެ މޫނުގައި އެޅި ނޭވާނުލެވިގެން މަރުވެފައިވެސްއެބަހުއްޓެވެ. ހުރި ހިތާމައެއްތާއެވެ.

އިސްވެ ބަޔާންކުރެވުނީ ކުޑަމިންވަރެކެވެ. ލިބޭ އިތުރު ގެއްލުމަށް ވިސްނަވާށެވެ! އިންސާނުން ބޭނުންކުރާ ޕްލާސްޓިކް ކޮތަޅެއް މަގަކަށް އެއްލައިލަފާނެއެވެ. އެގޮތަށް އެތައް ކޮތަޅެއް އުކި، ބިމަށް ވާސިލުވެ އެ ހިސާބެއްގެ ފަސްގަނޑުގެ ދިރުން ނެތިކޮށްލާނެއެވެ. މޫދާއި ފަޅާއި ވިލާއި ކަނޑަށްވެސް ކޮތަޅު އެޅޭ މިންވަރު މަދެއް ނޫނެވެ. އޭގެ ސަބަބުން އެ ތަންތަނުގެ ދިރުންވެސް ފަނާވާމިންވަރު ދަނީ އިތުރުވަމުންނެވެ. ފަރުގެ ދިރުންކަމުގައިވާ މުރަކަތަކުގައި ޕްލާސްޓިކް ކޮތަޅުތައް އެޅުނީމާ އެ މުރަކައެއްގެ ކުރި މަރުވެ އެކުގައި ފަނާވެއެވެ. ބިމުގައި ވަޅުލައިފިނަމަ އެކޮތަޅުންނިވައިވެފައިވާ ހިސާބުގެ ވެލިގަނޑުގެ ދިރުން ނެތިގޮސް ރަށުގެ ފަސްގަނޑު ދޫވެ ބަލިކަށިވެއެވެ. ނަތީޖާއަކީ ރަށަށް އަރާ ކުދިކުދި ރާޅު ނޫނީ އުދައިގައި ޖެހި އެ ފަސްގަނޑު ގިރިގެން ދިއުމެވެ. އެހެންކަމުން ދަންނަވަންޖެހެނީ ޕްލާސްޓިކް ކޮތަޅަކީ ބޭނުންކުރުމާ ދުރުވާންޖެހޭ، ނުރައްކާތެރި އެއްޗެއްކަމުގައެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓުވިދާނެ ބާވައެވެ؟ ނޫނީ ބޭނުންކުރާ މިންވަރު މަދުކުރެވިދާނެ ބާވައެވެ؟ މިއީ ހާހުން މާކުސް ދެވޭ ވަރުގެ ގަދަ ސުވާލުތަކެވެ. “އަޅުގަނޑު މަހެއްގެ ތެރޭގައި ބޭނުންކުރާ ފަންސާހަކަށް ކޮތަޅުން ލިބޭނީ ކޮން ގެއްލުމެއްހެއްޔެވެ؟” ކޮތަޅުގެ ނުރައްކަލާމެދު އެއްޗެއް ބުނެލީމާ ބައެއް ޢާންމުންގެ ކިބައިން ލިބޭ އެއް ޖަވާބަކީ މިއީއެވެ. މިފަދަ ޖަވާބާއި ސުވާލުތަކުން އެނގޭ އެއްކަމަކީ ކޮތަޅު ބެނުންކުރެވޭ މިންވަރާއި އޭގެ ގެއްލުން އަޅުގަނޑުމެންނަށް ވަޒަން ނުކުރެވޭކަމެވެ. ގެއްލުން އެނގުނީމާ އެކަމަކާ ދުރުވާނޭ ދިވެހިން ގިނަވާނޭކަން ކަށަވަރެވެ.

ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ގެއްލުން ވާކަން އެނގޭހިނދުވެސް އިންސާނުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރަނީ އެއިން ވާ ގެއްލުން ލޮލަށް ނުފެނުނަސް އެއިން ލިބޭ މާއްދީ ފައިދާތަކެއް ހާމަކަން ބޮޑުކޮށް ލިބެމުންދާކަމެވެ. ޕްލާސްޓިކް ކޮތަޅަކީ ވިޔަފާރިކުރާ ފަރާތްތަކަށް އެތައް ރޮނގަކުން ލުއިފަސޭހަކަމެއް ގެނެސްދޭ އެއްޗެކެވެ. ބާޒާރަށްގޮސް ގަންނަ ކޮންމެއެއްޗެއްވެސް ޕްލާސްޓިކްކޮތަޅުގައި އުފުލުމަކީ ލުއި ފަސޭހަ ކަމެކެވެ. ލުއި ކާނާ އާއި ފޮތް ގަލަންފަދަ އެއްޗެއްސާއި ކާތަކެއްޗާއި ބަރު ސާމާނުވެސް އިތުބާރާއެކު ތުނިކޮތަޅުގައި އުފުލުމަކީ އުނދަގޫކަމެއް ނޫނެވެ. އެކި ބައްޓަމުގެ އެއްޗެހި ލުމަށް ފަސޭހަވާނޭހެން ކޮތަޅު ތައްޔާރުކޮށްފައި ހުރުމަކީވެސް ބޭނުންކުރުމަށް ލިބޭ ބާރެކެވެ. އަގަށް ބަލާއިރުވެސް މިއީ ބޭނުންކޮށްލުމަށް ތަރުހީބެއް ލިބޭ ބާވަތެކެވެ. ހެޔޮއަގުގައި ގިނަ އަދަދަކަށް ލިބެންހުރެއެވެ. ގެންގުޅެން ފަސޭހަ އެއްޗެކެވެ.

ތުނި ކޮތަޅަކީ ތަކެތި ރައްކާކުރުމަށްވެސް އިތުބާރުހުރި އެއްޗެކެވެ. ފެނުން ސަލާމަތްކޮށްލަން ޖެހޭ އެއްޗެހި އޭގައި ރައްކާކޮށްލެވެއެވެ. ދިޔާ އެއްޗެހިވެސް އޭގައި އުފުލައި އެއީ “ތަށިބަރިއެއްކަމުގައި” ހަދައިލެވެއެވެ. އެހެންކަމުން އިންސާނުންގެ ހަޔާތުން ދުރަށް ލާން އުނދަގޫ އެއްޗެއްކަމުގައި މިއަދު ވެފައިވެއެވެ.

ދިވެހި ފަރުދުންނޭވެ. ރާއްޖެއަށް ތުނި ކޮތަޅު އެތެރެކުރެވޭ މިންވަރާއި ދިވެހި ފަސްގަނޑުގައި ކޮތަޅު ބޭނުންކުރެވޭ މިންވަރު އެނގިލައްވާތޯއެވެ؟ ފިކުރުކުރައްވާށެވެ! 2006 ވަނަ އަހަރު ރާއްޖެއަށް އެތެރެކޮށްފައި ވަނީ 162 މިލިޔަނަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅެވެ. މިއީ 2003 ވަނަ އަހަރު އެތެރެކޮށްފައިވާ އަދަދަށްވުރެ 300 ގުނަ އިތުރު އަދަދެއްކަމުގައި އެންވަޔަރމެންޓް ރިސާރޗްސެންޓަރުން ހާމަކޮށްފައިވެއެވެ. 2007 ގައި މިއަދަދު ވަނީ 200 ގުނައަށް އިތުރުވެފައެވެ. މި ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި ދިރިއުޅޭ ތިންލައްކަ ފަންސާހެއްހާ މީހުން ދުވާލަކު ކޮންމެ މީހަކު ތިނަކަށްވުރެ ގިނައިން ޕްލާސްޓިކް ކޮތަޅު ބޭނުންކުރެވޭނޭކަމަށް ބެލެވެއެވެ. މީގެ މާނައަކީ ދުވާލަކު އެއް މިލިޔަން ކޮތަޅު މި ރާއްޖޭގައި ބޭނުންކުރެވޭނެއެވެ. ތިންލައްކަވިހިހާސް މީހުން ދުވާލަކު އެއް މިލިޔަން ކޮތަޅު ބޭނުންކުރަނީއެވެ. މިޢަދަދު މަދުތޯއެވެ. މިއީ ޢަދަދު ކިޔައިލައިފައި މަޖާކޮށްލަންވީ މިންވަރެއް ތޯއެވެ.

އެއް މިލިޔަން ކޮތަޅަކީ ފަރުދާމިނުން (ތަނެއްގައި ފަތުރައިލައިފިނަމަ ނިވާކުރެވޭނޭ ބޮޑުމިން) ބަލާއިރު ކިހާވަރެއްކަން ވިސްނަވައިލައްވާށެވެ. މެދުމިނުގެ ތުނިކޮތަޅެއްގެ ބޮޑުމިނަކީ ގާތްގަނޑަކަށް 192 އަކަ އިންޗިއެވެ. މި މިނުގެ އެއް ލައްކަ ކޮތަޅުން 133 ހާސް އަކަ ފޫޓުގެ ބިން ނިވާކުރެވޭނެއެވެ. އެއީ 1200 އަކަފޫޓުގެ 110 ގޯއްޗަށްވުރެ ބޮޑުމިނެކެވެ. ވީއިރު ދުވާލަކު ބޭނުންކުރެވޭ އެއް މިލިޔަން ކޮތަޅުން މާލެވަރުގެ ކިތައް މާލެ ނިވާކުރެވޭނެތޯއެވެ؟ ދޮޅު މިލިޔަން އަކަފޫޓުގެ ބިމެއް ތުނިކޮތަޅުން ނިވާވާއިރު ބޭނުންކުރެވޭ ކޮތަޅު އުކައިލުމުން ހަމަގައިމުވެސް ދެތިން ދުވަހުގެތެރޭގައި މުޅި ޤައުމު އެއިން ނިވާކުރެވޭނެއެވެ. މި ހުރިހާ ކޮތަޅެއް ބޭނުންކޮށްނިމުމުން ދެން ވާސިލުވަނީ ގޮނޑަށެވެ. ގޯތިތެރެއިން ރަށުގެ ގޮނޑަށް ނުވަތަ ވީރާނާކުރެވޭ ތަނަކަށެވެ. ނޫނީ މޫދަށެވެ. ނުވަތަ ބިމުގެ މަތީ ފަށަލައިގެ ނިވަލަށެވެ. ނޫނީ ދަނޑުގޮވާންކުރާ ދިމާއަށެވެ. ދެން އޭގެ ޒަރީޢާއިން މި ދިވެހި ބިމުގެ ނާޒުކު ފަސްގަނޑަށް ލިބޭނޭ ގެއްލުން ވަޒަންކޮށްލައްވާށެވެ.

ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. ބޮޑު މައްސަލައަކަށްވަނީ ނައްތައި ނުލެވޭތީއެވެ. ފަނާވުމުގައި ޢުމުރު ދިގުވުމެވެ. ޕްލާސްޓިކް ކޮތަޅަކީ ތިމާވެށްޓާއި ރަޙުމަތްތެރި އެއްޗަކަށް ނުވެއެވެ. ކިތަންމެ ގިނަދުވަހެއް ވިޔަސް ކޮތަޅު ހަރަކާތްތެރިވެއެވެ. ތިމާވެށްޓަށް ވަރަށް ގެއްލުންހުރި އެއްޗަކަށް މި ކޮތަޅު ވަނީ ވެފައެވެ. އަޅުގަނޑުމެންގެ ގުދުރަތީ ރީތި ކަން ނަގައިލުމުގައި ކޮތަޅުގެ ހިއްސާ ބޮޑެވެ. މޫދާއި ވިލުގައި ވެރިކަން ކުރާ އެއްޗަކަށްވެސް ގިނަ ފަހަރު ކޮތަޅު ވެފައި ވެއެވެ. ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު އިތުރުވެގެންދާ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. ޕްލާސްޓިކްކޮތަޅު ބޭނުންކުރުން މަދުކުރަން ފިކުރުތަކެއް ކުރެވެނީ މިހެންވެއެވެ.

ޕްލާސްޓިކް ކޮތަޅު މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއްކަމުގައި ވެފައިވާއިރު އެއާ ނުލައި ދުނިޔެ ނޭވާވެސް ލެވޭނެބާއޭ ހިތަށް އަރައެވެ. ތިޔަ ބޭފުޅުން ދިރިއުޅުއްވާ ހިސާބު ވަށައިގެން ބައްލަވައިލައްވާށެވެ! ފެންނަ އުޅަނދުފަހަރާއި ކާނުތަކާއި ކުދިކުދި ނިވާފަށުގައި އޮއްވައި ނުވަތަ ތާށިވެފައިވަނިކޮށް ކިތައް ކޮތަޅު ފެނޭތޯއެވެ؟ މީހުންގެ އަތްމަތީގައާއި ކޮނޑުގައި އުފުލޭ އެއްޗެހިން ކިތައް ކޮތަޅު ފެނޭތޯއެވެ؟ ބައެއް ފަހަރު މީހުންގެ ބޮލުގައި ވަނިކޮށްވެސް ކިތައްކޮތަޅު ފެނޭތޯއެވެ؟ އަންބޮނޑިތަކުންއަދި މާގިނައިންނެވެ. އަލަމާރިތަކާއި ފޮށި ފޮށީގައާއި ބިތްބިތުންވެސް ފެންނަނީ ކޮތަޅެވެ. މަދުކުރެވޭނޭ ދުވަހެއް ފެނިދާނެތޯއެވެ. މައްސަލައަކީ މިއީއެވެ.

ދިރާސާތަކުން ހާމަވާގޮތުގައި ޕްލާސްޓިކްކޮތަޅަށްވުރެ ކަރުދާސް ކޮތަޅު މާ ރަނގަލުވާނެއެވެ. އެއެއްޗެހި އެ އުފައްދަނީ އެއްވެސް ގެއްލުމެއް ނެތް ގޮތެއްގައި ބޭކާރުވާ ކަރުދާހުންނެވެ. ބާޒާރަށް ދާއިރުވެސް ކަރުދާހުން ހަދައިފައި ހުންނަ ފާޑުފާޑުގެ ގޮތް ހުރި މަންޒަރު ހުރި ކޮތަޅު ގެންދެވިދާނެއެވެ. މިބާވަތުގެ ކޮތަޅަކީ ތިމާވެށްޓާ ރައްޓެހި އެއްޗެކެވެ. ބަލައިލަންވެސް ރީތިވެފައި ހިތްގައިމެވެ. އަވަހަށް ނެތިކޮށްލެވޭނެއެވެ. އޭގެ އަމިއްލަ ޒާތުގައިވެސް ހަފުތާއެއްގެ ގެރޭގައި ނެތި ހިނގައިދާނެއެވެ. މިއީ ވެށީގެ ވަރަށް ބޮޑު ރަޙުމަތްތެރިއެކެވެ.

ޕްލާސްޓިކުކޮތަޅުން ލިބޭ ގެއްލުން މަދުކުރުމަށް އަލުން ތަކެތި އުފެއްދުމަކީ ކުރެވިދާނޭ ކަމެކެވެ. ބޭނުންކުރާ މިންވަރުވެސް މަދުކުރެވިދާނެއެވެ. ދިރާސާތަކުން ހާމަވާގޮތުގައި ޕްލާސްޓިކް މަދުން ހުންނަ ތަކެތި އަންދައިގެން އަލުން ހަކަތަ އުފެއްދެއެވެ. ގޮނޑުތަކުގެ މުޑުދާރުކަންވެސް ކުޑަކުރެވެއެވެ. މިއީ ނުކުރެވޭނޭކަމެއްކަމުގައިވާނަމަ އެ ޤައުމަކަށް އެންމެ ހެޔޮގޮތަކީ ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމެވެ.

ލޮބުވެތި ކިޔުންތެރިންނޭވެ! ޕްލާސްޓިކް ކޮތަޅަކީ ވިހައިގެ ނުރައްކާ ބާވަތެއް އެކުލެވޭ ބާވަތެއްކަމުގައި ވެފައިމެ ފަނާވުން ލަސް އެއްޗެއްކަމުގައިވީތީ ތިމަވެއްޓަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑެވެ. ކިތަންމެ ވަރަކަށް ނެތިކޮށްލުމުގެ ޚިޔާލު ހިތުގައި އޮތަސް އެކަން އޮންނަނީ ނުކުރެވިފައެވެ. އެހެންކަމުން މި ނުރައްކާ ވަޒަންކުރެވޭ ޤައުމުތަކުން މިހާރު ދަނީ ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމުގެ ކެމްޕެއިން ހިންގަމުންނެވެ. ދުނިޔެއަށް މަޝްހޫރު އަޔަރލޭންޑާއި ޓެސްމޭނިޔާއާއި އޮސްޓްރޭލިޔާފަދަ އާބާދީތަކަކީ ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމުގައި ކުރީގައިވާ މީހުންނެވެ. އެމީހުންގެ މި ކެމްޕެއިނަކީ ވަރަށް ފޯރިގަދަ، ޖޯޝުހުރި ކެމްޕެއިނެއްކަމުގައި އެމީހުންގެ ލިޔުންތަކުގައި ވެއެވެ. އަޅުގަނޑުމެންގެ މި ނަލަ، ނާޒުކު ޤައުމުގައި ވެސް މިހާރު ވަނީ މި ކެމްޕެއިން ފަށައިފައެވެ. އަދި މިކަމުގެ ފޯރި ރާއްޖޭގައި އިތުރުވަމުންދާކަމުގައި ތިމާވެއްޓަށް ޚިދުމަތްކުރާ ޖަމާޢަތްތަކުން ހާމަކުރައްވައެވެ. މިގޮތުން ރ މަޑުއްވަރީއާ ށ.ކޮމަންޑޫއާ ބ ކިހާދޫފަދަ ބައެއް ރަށްރަށުގައި ވަރަށް އުއްމީދާއެކު މި ޙަރަކާތް ކުރިއަށްގެންދާކަމުގައި އެންވަޔަރމެންޓް ރިސާރޗް ސެންޓަރުންވަނީ ހާމަކުރައްވައި އެކަމުގެ އުފާވެސް ފާޅުކުރައްވައިފައެވެ. ދާދި ފަހުން ކުޅުދުއްފުށީގައިވެސް އަޒުމެއް ވަނީ ފަށައިފައެވެ. އެހެން ރަށްރަށުންވެސް މި ކެމެޕްއިނުގައި ބައިވެރިވުމީ އުއްމީދުގެ ހުޅުކޮޅު ފެނިދާނޭކަމެކެވެ. ލިބެން އުޅޭ ގެއްލުން ކުޑަކުރުމަށް މިއީ ވަރަށް ބޮޑު ބާރަކަށް ވާނެއެވެ.

ކޮންމެ ގޮތެއްވިޔަސް ޕްލާސްޓިކްކޮތަޅުން ވަގުތީ ފައިދާއެއް ވީކަމުގައިވިޔަސް ދެނެހެއްޓެނިވިގޮތެއްގައި ލިބެނީ ފޫ ބެއްދުން ނުވާ ގެއްލުމެކެވެ. މިއީ މިއާ ވަކި ނުވެވޭވަރަށް “ހިތާވެސް” ވެވިފައިވާ އެއްޗެއް މެއެވެ. އެހެންކަމުން މިއާ ވަކިވުމަށް އޮތީ އެންމެގޮތެކެވެ. އެއީ ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމެވެ. ކެއްތެރިކަމާއެކު އިހުގައި ގެނގުޅުނު ފޮތިކޮތަޅާއި ކަރުދާސް ކޮތަޅު ބޭނުންކުރަން ފެށުމެވެ. ވެއްޓާ ރަޙުމަތްތެރި ވަށިގަނޑާއި މުޅިއާއި މުޅޯއްޓާއި މިފަދަ އެއްޗެއްސަށް އާނއެކޭ ބުނުމެވެ. އަރާމެއް އަރާމަކަށް ފަސޭހައެއް ފަސޭހައަކަށް އުފަލެއް އުފަލަކަށް ވާނީ އޭގެ ސިއްރުގައި ގެއްލުމެއް ނުވާނަމައެވެ. އަދި ގެއްލުމެއް ވާން އުޅޭކަމުގައިވާނަމަ އެކަމަކުން މިންޖުވެވުނީމައެވެ.

އަޅުގަނޑުގެ ދުޢާއަކީ ރާއްޖޭގެ މި ނާޒުކު ވެށި ހިމާޔަތްކުރެއްވުމަށް މިންވަރު ކުރެއްވުމެވެ. މުޅި ދުނިޔެއަށް ކުރިމަތިވާ ލޮނުގަނޑު އުސްވުން ނެތިވެ ދިއުމެވެ. އެއީ މުޞީބާތެއްކަމުގައި އަޅަމެންނަށް ނުލެއްވުމެވެ. ހުރިހާވެސް ކަމަކާއި ސިއްރުތަކެއްގެ ވެރި ﷲ ގެ ހެޔޮ ރަޙުމަތުގައި އަޅަމެން ލައްވައި މުޞީބާތްތަކުން އެއްކިބާވެެގންވާ ބައެއްކަމުގައި ލެއްވުމެވެ. އާމީން

 

Leave a Comment

Your email address will not be published.