ހިސާބު ކިޔަވައި ދިނުމާއި މާއްދާގެ ޢިލްމު!

ލިޔުނީ: ޑރ. އިބްރާހިމް ޙަސަން (ޗަބީ) މ. އިހަލަ

 

މީގެ އެތަކެއް އަހަރުކުރިން، ރާއްޖޭގައި ޘާނަވީ ފެންވަރަށް މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތްތައް ފެށުމުގެ މަރުޙަލާގައި، ޘާނަވީ މުދައްރިސުން ތަމްރީނުކުރާ ކޯސްތަކުގައި މާއްދާގެ ޢިލްމު ކިޔަވާދޭނެ މިންވަރާއިމެދު ޚިޔާލު ތަފާތުވުންތަކެއް ހުއްޓެވެ. ޘާނަވީ މުދައްރިސުންނަށް، އެ މުދައްރިސަކު ކިޔަވާދިނުމަށްޓަކައި ތަމްރީނުވާ މާއްދާއަކުން، ޘާނަވީއަށްވުރެ މަތީ ފެންވަރަށް މާއްދާގެ ޢިލްމު އެނގެންޖެހޭނެ ކަމުގައި އަޅުގަނޑު ވަކާލާތު ކުރީމެވެ. ބަހުސުގެ އަނެއްފަޅީގައި ތިއްބެވި ބައެއް “ހަރު” ބޭފުޅުންގެ ވިސްނުންފުޅުހުރީ ކިޔަވައިދިނުމުގެ ހުނަރު ދަސްކޮށްދެވިއްޖެނަމަ އެވަރުން ފުދޭނެކަމަށެވެ. ކިޔަވައިދޭންޖެހޭ ގުރޭޑަށްވުރެ މަތީފެންވަރަކަށް މާއްދާގެ ޢިލްމު އެގުން ލާޒިމެއް ނޫންކަމުގައި ބައެއް ބޭފުޅުން ތަކުރާރުކޮށް ވިދާޅުވިއެވެ.

އުގަންނައިދިނުމުގެ ރޮގުން އިތުރު ތަޢުލީމާއި ތަޖުރިބާ ލިބުމުން އަޅުގަނޑު ކުރިން ޤަބޫލު ކުރަމުން އައި ޤަބޫލު ކުރުންވަނީ އިތުރަށް ވަރުގަދަވެފައެވެ. މިހާރު، އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ކޮންމެ މުދައްރިސަކަށްވެސް، އޭނާ ކިޔަވައިދެއްވަންޖެހޭ ފެންވަރަށްވުރެ މަތީ ފެންވަރަކަށް މާއްދާގެ ޢިލްމު އެނގިފައިވުމަކީ ކޮންމެހެންވެސް ލާޒިމުކަމެކެވެ. ކިޔަވައިދިނުމުގެ ހުނަރަކީ ކިޔަވައި ދިނުމުގައި ބޭނުންކުރާ ޢިލްމެއްގެ (ނުވަތަ ސުރުޚީއެއްގެ) މައްޗަށް ބިނާވެފައި އޮންނާނޭ ހުނަރެކެވެ. އެހެންކަމުން ކިޔަވައި ދިނުމުގެ ހުނަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ، ދަރިވަރުންނަށް މަޢުނަވީ ގޮތެއްގައި އުގަންނައި ދެވޭނީ، ކިޔަވައިންދޭންޖެހޭ މިންވަރަށްވުރެން އިތުރަށް މާއްދާގެ ޢިލްމު އެގިގެންނެވެ. ކުލާހުގައިތިބޭ ތޫނުފިލި ދަރިވަރުންނަށާއި، ވިސްނުންކޮށި ދަރިވަރުންނަށްވެސް މަޢުނަވީ ގޮތެއްގައި އުގަންނައިދެވޭނީ މާއްދާގެ ޢިލްމާއިމެދު ތިމާގެ ލޯ ހުޅުވިފައިވާ މިންވަރަކުންނެވެ.

މުދައްރިސުންގެ ތެރޭގައި ކިޔަވައިދޭންޖެހޭ މާއްދާގެ ޢިލްމު ރަނގަޅަށް އޮޅުން ނުފިލާ ގިނަބަޔަކު ހިމެނޭ ކަމުގައި ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައި ކުރެވިފައިވާ ދިރާސާތަކުން ދައްކައެވެ. ރާއްޖޭގައި މިފަދަ ދިރާސާއެއް ކުރެވިފައިވާކަމެއް އަޅުގަނޑަކަށް އެގިފައެއް ނެތެވެ. އެހެންނަމަވެސް، ދިވެހި ބަހުން ޕުރައިމަރީ މުދައްރިސުކަމުގެ ތަމްރީނު ފުރިހަމަކޮށް ސަނަދު ހޯދާފައިތިބި ބައެއް މުދައްރިސުންނަށް، ޙާލަތު ނިޔާކުރާގޮތުން، މެދު މަދަރުސީ އަދި ޘާނަވީ ފެންވަރުގައި މުޅިން އައު ސިލަބަހަކަށް ހިސާބު ކިޔަވައިދޭންވަނީ ޖެހިފައެވެ. ތަމްރީނު ލިބިފައިނެތް ފެންވަރަކަށް ހިސާބު ކިޔަވައިދޭން ޖެހުމުން މާއްދާގެ ޢިލްމު އިތުރަށް އެނގިފައި ހުރުން ލާޒިމުކަން އިޙުސާސް ކުރެވޭނެއެވެ.

މުދައްރިސުން ތަމްރީނުކުރާ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް މާއްދާ އެނގޭމިންވަރު ދެނެގަނެވޭނަމަ، އެދަރިވަރުންނަށްވެސް އެމީހުންގެ ޢިލްމީ ޚަޒާނާގައި މަދުބައިތަކާއި ނެތްބައިތައް ދެނެގަނެ، އެޚަޒާނާ މުއްސަދިކުރުމަށް މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. ދުނިޔޭގެ ބައެއް ޔުނިވަރސިޓީތަކުގައި، ހިސާބު މުދައްރިސަކަށްވާން ބޭނުންވާ ދަރިވަރުންނަށް، އެމީހުންގެ ކޯހުގެ ފުރުތަމަ ދުވަހު، ޘާނަވީ ފެންވަރުގެ އިމްތިޙާނެއް ދެވެއެވެ. މިއިމްތިޙާނުގެ ބޭނުން ކިޔަވާ ދެއްވާ ލެކްޗަރުންނަށާއި ދަސްކުރާ މުދައްރިސުންނަށްވެސް މުހިންމެވެ. ލެކްޗަރައިންނަށް ނުވަތަ މުދައްރިސުންނަށް މިއިމްތިޙާނު މުހިންމުވަނީ، އޭނާ ހިސާބު ކިޔަވައިދޭނެގޮތްތައް ދަރިވަރުންނަށް އުގަނނައި ދިނުމަށް ކުރިމަތިލާއިރު، އެކިއެކި ސުރުޚީތަކާއި ބެހޭގޮތުން ދަރިވަރުންނަށް ލިބިފައިވާ ޢިލްމުގެ މިންވަރު އޮޅުން ފިލުމެވެ. ދަސްކުރާ މުދައްރިސުންނަށް މިއިމްތިޙާނު މުހިންމުވަނީ، ހިސާބު ޢިލްމުގެ ސުރުޚީތަކުގެ ތެރެއިން، އެމީހުން ތާޒާވާން ޖެހެނީ ކޮން ސުރުޚީތަކަކުންކަން ފާހަގަ ކުރެވުމެވެ. އަދި ޚާއްޞަކޮށް، ދަރިވަރުންނަށް ބައެއް ސުރުޚީތަކުގެ ޢިލްމު އެދެވޭ މިންވަރަކަށް، ފެންވަރަކަށް ލިބިފައިނެތްކަމަށް އަމިއްލައަށް ވަޒަން ކުރެވުމެވެ.

ހިސާބު މުދައްރިސުން ތަމްރީނުކުރާ ކޯހެއްގައި ކިޔަވައި ދިނުމަށްޓަކައި ބޭނުންވާ ހިސާބު ޢިލްމުގެ މަދު މިންވަރެއް ކަނޑައެޅިދާނެތޯއެވެ؟ މިސުވާލުގެ ޖަވާބު އަޅުގަނޑުމެންނަށް ލިބިފައިވާނަމަ، ހިސާބު މުދައްރިސުން ތަމްރީނު ކުރުމަކީ ކުޑަ މަސައްކަތަކުން ކުރެވިދާނެ ކަމެކެވެ. އަޅުގަނޑުގެ ނަޒަރުގައި، ހިސާބު އުނގަންނައި ދިނުމަށްޓަކައި އެނގެންޖެހޭ ހިސާބުގެ ޢިލްމުގެ މިންވަރާއި ބައިތަކުގެ ތެރޭގައި މުހިންމު 4 ކަމެއްވެއެވެ. އެއީ:

  • ހިސާބު ޢިލްމުގައި އުނގެނެން ފަސޭހަ ސުރުޚީތަކަކާއި އުދަގޫ ސުރުޚީތަކެއްވާކަމާއި އެއީ ކޮންކޮން ސުރުޚީތަކެއްކަން އެނގުން.
  • ދަރިވަރުންނަށް އުނގެނެން ފަސޭހަވާނީ ސުރުޚީތައް ކޮންގަތަކަށް ހުށަހެޅިގެންކަން އެނގުން.
  • ތަފާތު ސުރުޚީތަކުގެ މެދުގައިވާ ގުޅުން ފާހަގަ ކޮށްދޭނީ ކިހިނެއްކަން އެނގުމާއި އޭގެ އެހީގައި ދަރިވަރުންގެ އުނގެނުން ފުން ކޮށްދޭނީ ކިހިނެތްކަން އެނގުން.
  • ދަރިވަރުން ވިސްނަނީ ކޮންބައިތަކަކަށްކަމާއި އެމީހުންނަށް ފަހުމްވަނީ ކޮންބައިތަކެއްކަން އެނގުން.

މިދެންނެވި ބައިތައް ހިމަނައިގެން ހިސާބު ޢިލްމު ކިޔަވައިދިނުމަށްޓަކައި މަސައްކަތްކުރާއިރު، ފުރިހަމަވާންޖެހޭ މައިގަޑު ހަތަރު ކަމެއް ވެއެވެ. އެއީ (1) ހިސާބު ޢިލްމުގެ މައިގަޑު އަސާސުތައް އެނގުމާއި، (2) ހިސާބު ޢިލްމާއިމެދު ދަރިވަރުން ވިސްނުން ހިންގާގޮތް އެނގުމާއި، (3) ހިސާބު އުނގެނުން ތަޖުރިބާ ކުރުމާއި، އަދި (4) އުގަންނައި ދިނުމުގެ ހުނަރާއި ސްޓައިލް ދެނެގަތުމެވެ. އަޅުގަނޑުގެ ތަޖުރިބާގައި، އަދި ގިނަ މާހިރުން ވިދާޅުވާގޮތުގައިވެސް، މިދެންނެވި ލިސްޓުގެ އެންމެފަހު ދެ ނުކުތާއަކީ މުދައްރިސުން ތަމްރީނުކުރާ ކޯސްތަކުގައި އިސްކަން އެންމެ ކުޑަކޮށްދެވޭ ދެކަމެވެ.

ހިސާބުގެ ޢިލްމު އެގިފައި ނުވާނަމަ، ހިސާބު ކިޔަވައިދިނުމަކީ ކުރެވޭނޭ މަސައްކަތެއްނޫނެވެ. ހަމައެހެންމެ، ކިޔަވައިދިނުމުގެ ހުނަރާއިނުލާ ލިބިފައިވާ ޢިލްމު ދަރިވަރުންނަށް މަޢުނަވީގޮތެއްގައި ފޯރުކޮށެއް ނުދެވޭނެއެވެ.  ހިސާބު ޢިލްމުގެ ފުރިހަމަކަމާއި، އެޢިލްމުގެ ތާރީޚުގެ މުއްސަދިކަމާއި، އެތާރީޚުގެ ތެރޭގައި ހިސާބު ޢިލްމަށް ބައިތައް އިތުރުވެފައިވާ ގޮތްތަކާއި، ހިސާބު ޢިލްމުގެ މުހިންމު ބައިތަކާއި، އެބައިތަކުގައި ހިމެނޭ ސުރުޚީ ތަކުގައިވާ ގުޅުންތައް ވަޒަންކުރެވިގެން މެނުވީ މިޢިލްމުގެ މުއްސަދިކަމާއި ރީތިކަމެއް ފަހުމެއް ނުވާނެއެވެ. ނަތީޖާއަކަށްވާނީ މުދައްރިސުންނަށް އެނގޭ ޢިލްމުގެ މިންވަރުގެ ބޭނުން ފުރިހަމަ ގޮތެއްގައި ނުހިފުމެވެ.

Leave a Comment

Your email address will not be published.