ޕީ.އެސް.އައި.ޕީގެ ދަށުން ކިލާސް ރޫމާއި، ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް 2 ކުންފުންޏަކާއި ޙަވާލުކޮށްފި

ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮޖްޓު(ޕީ.އެސް.އައި.ޕީ)ގެ ދަށުން ރާއްޖޭގެ އިތުރު 2 ސަރަހައްދެއްގައި ކިލާސް ރޫމާއި ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ކުންފުނިތަކާއި އެޑިޔުކޭޝަން މިނިސްޓްރީން ހަވާލުކުރައްވައި އެއްބަސްވުންތަކުގައި ސޮއިކުރައްވައިފިއެވެ. މިކަމަށް ބޭއްވުނު ރަސްމިއްޔާތުގައި ކުންފުނިތަކާއެކު ކުރެވުނު އެއްބަސްވުން ތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު ޑރ.އައިޝަތު އަލީ އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި މިއަދު ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހއ.މޮޅަދޫ ސްކޫލްގެ 03 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރެވިގެން ދިޔައީ ވެލް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިއެއްބަސްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ސޮއިކުރެއްވިއިރު ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެތާގެ ޑިރެކްޓަރ އަލީ ޝަމީޒްއެވެ.
މި ކުންފުނިން ހއ.މޮޅަދޫ ސްކޫލްގެ 03 ކްލާސްރޫމްގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 4,779,049.14ރ (ހަތަރު މިލިއަން ހަތް ލައްކަ ހަތްދިހަ ނުވަ ހާސް ސާޅީސް ނުވަ ރުފިޔާ ސާދަ ލާރި)އަށެވެ. މި މަސައްކަތް 118 ދުވަހުގެ ތެރޭގައި ނިންމަވާގޮތަށް ވަނީ ކަނޑައެޅިފައެވެ.
ދެވަނަ އެއްބަސްވުމަކަށް މިއަދު ސޮއިކުރެވުނީ ހއ.މާރަންދޫ ސްކޫލްގެ 2 ބުރި އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައެވެ.
މި މަސައްކަތް ހަވާލުކުރެވިގެން ދިޔައީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. އަދި ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޚުޝްރުވާންއެވެ.
އެ ކުންފުނިން ހއ.މާރަންދޫ ސްކޫލްގެ 2 ބުރި އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 7,939,576.01ރ (ހަތް މިލިއަން ނުވަ ލައްކަ ތިރީސް ނުވަ ހާސް ފައްސަތޭކަ ހަތްދިހަ ހަ ރުފިޔާ އެއް ލާރި)އަށެވެ. މި މަސައްކަތް 200 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Comment

Your email address will not be published.