ކީ ސްޓޭޖް1 ގެ އިނގިރޭސި މުދައްރިސުންނަށް ކުރިއަށްގެންދެވުނު ތަމްރީނު ނިމިއްޖެ

މާލެ ސިޓީ ސަރަހައްދުގައި ޤާއިމްކުރެވިފައިވާ ސްކޫލަތަކުގައި ކީ ސްޓޭޖް 1 ގެ ގްރޭޑުތަކަށް އިނގިރޭސި މާއްދާ އުނގަންނަވައިދެއްވާ 47 މުދައްރިސުން ބައިވެރިކޮށްގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ)ން ކުރިއަށްގެންދިޔަ ތަމްރީނު ނިންމާލައިފިއެވެ.

އެން.އައި.އީ ސެމިނާރ ރޫމުގައި ކުރިއަށްދިޔަ މި ތަމްރީނު ނިމިގެންދިޔައިރު މި ތަމްރީނުގެ  ބައިވެރިންނަށް ކުދިންނަށް ކިޔަވައިދިނުމުގައި ސަމާލުކަންދޭވީ މުހިންމުކަންކަން ބުނެދެވުނެވެ.

އެގޮތުން ބަހުގެ ހަމަތަކާއި، އުފެއްދުންތެރި ލިޔުން ލިޔާނެ ގޮތްތަކާއި، ފިލާވަޅަށް ތައްޔާރު ވާނެ ގޮތްތަކާއި، ކިލާސް ކުރިއަށްގެންދެވިދާނެ ގޮތްތަކުގެ އުކުޅުތަކާއި، ކުދިންގެ ކިބައިގައި ބަހުގެ ޢިލްމު ހަރުލައްވަން ކުރެވިދާނެ ކަންކަމާއި، ކުދިންގެ ހުނަރު ވަޒަން ކުރާނެގޮތް ބުނެދެވުނެވެ.

އަދި މަޝްހޫރު ލިޔުންތެރިން އެމީހުންގެ ލިޔުންތައް ލިޔާގޮތްތަކާއި، ކިޔުންތެރިޝައުގުވެރިކުރުވުމަށް ގެންގުޅޭ އުކުޅުތަކާއި، އެ އުކުޅުތައް ބޭނުންކޮށްގެން ދަރިވަރުންނަށް ދަސްކޮށްދެވޭނެ ގޮތް ބައިވެރިންނާއި ހިއްސާކުރެވުނެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވުނު މި ތަމްރީނު ޕްރޮގްރާމުގައި އިނގިރޭސި މާއްދާގެ މަންހަޖަށް އައިސްފައިވާ އިސްލާހުތަކާއި، އެ އިސްލާހުތައް ގެނެވުނުގޮތްތައް ބުނެދީ މަންހަޖަށް ބައިވެރިން އަހުލުވެރިކުރެވިގެންދިޔައެވެ.

މި ތަމްރީނު ފުރިހަމަ ކުރެއްވި މުދައްރިސުން، އެ މުދައްރިސަކު މަސައްކަތްކުރައްވާ ސްކޫލުގައި ތިބި އެހެން މުދައްރިސުންނަށް ތަމްރީނު ދޭންވީގޮތުގެ ޕެކޭޖްވެސް މިތަމްރީނު ނިމިގެންދިޔައިރު ވަނީ ހަވާލުކުރެވިފައެވެ.

މި ތަމްރީނު ފެސިލިޓޭޓްކޮށްދެއްވީ އެން.އައި.އީގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ ކޯރޑިނޭޓަރ ވަފާ ވަޙީދާއި އެޑިއުކޭޝަން  ޑިވެލޮޕްމެންޓް އޮފިސަރ ކޯރޑިނޭޓަރ ނިޢުމާ މުޙައްމަދެވެ.

Leave a Comment

Your email address will not be published.