ނުރަސްމީ ތަޢުލީމުގެ ޙަރަކާތްތައް ހިންގުމުގައި ކައުންސިލްތަކަށް އަދާކުރެވޭނީ ކޮން ދައުރެއް؟

ލިޔުނީ: އަޙްމަދު މުޙައްމަދު (އެން.އައި.އީ)

ދިރިއުޅެމުންދާ މުޖުތަމަޢަކީ ހޭލުންތެރި ރައްޔިތެއް ދިރިއުޅޭ ތަރައްޤީވެފައިވާ ތަނަކަށްވުން ނޭދޭނީ ކާކުހެއްޔެވެ؟ ކަން މިހެން އޮތްއިރު އެކަންކަމާ އެންމެ ބޮޑަށް ގުޅިފައިވަނީ އިންސާނީ ތަރައްޤީއާއެވެ. އެހެންކަމުން މުޖުތަމަޢުގެ ނުވަތަ ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް/ ހަރަކާތްތައް ރޭވުމުގައި ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމުތަކަށް ޖާގައެއް ދޭން މަޖުބޫރެވެ. ޚާޢްޞަކޮށް ރަސްމީ ތަޢުލީމު ފުރިހަމަ ކުރުމަށް ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އަމާޒުކޮށް ހިންގަންޖެހޭ ޕްރޮގްރާމުތަކަށެވެ.

މި ޚިޔާލެއް އަޅުގަނޑުގެ ސިކުނޑީގައި އެނބުރެމުންދާތީވެ މިކަން ކުރެވޭނީ ކޮންގޮތަކަށް ކިހިނެއްތޯ ވިސްނަން އަމިއްލަ ޒަމީރު މަޖުބޫރުކުރުވި އެވެ. އެގޮތުން ކޮންމެ މުޖުތަމައެއްގައިވެސް ރައްޔިތުންނާ އެންމެ ގާތް މުއައްސަސާ އަކީ ރަށުކައުންސިލް ކަމަށްވާތީ ލާމަރުކަޒީ ގާނޫނު އެއްކޮޅުން އަނެއްކޮޅަށް ދިރާސާކޮށްލީމެވެ. އަދި ހަމައެއާއެކު ތަޢުލީމުގެ ގާނޫނުވެސް ބަލާލީމެވެ. މި ދެ ގާނޫނުންވެސް އެނގިގެންދިޔައީ ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމަށާއި ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް މުއައްސަސާތަކަށް ބާރުއަޅާފައިވާ މިންވަރާއި އެފަދަ ފުރުޞަތުތައް ރައްޔިތުންނަށް ލިބިދިނުމަށް ނުވަތަ  ހޯދައިދިނުމަށް ބާރުއަޅާފައިވާ މިންވަރެވެ. ވަކިން ޚާއްޞަކޮށް ލާމަރުކަޒީ ގާނޫނުން ރަށުގެ ތަރައްޤީއަށް އެކުލަވާލަންޖެހޭ ޕްލޭންތަކާއި ޕްރޮގްރާމުތައް އެކުލަވާލުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ކައުންސިލްތަކަށް ދީފައިވާކަމެވެ. ހަމައެހެންމެ ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމުތައް ރާވައި ހިންގުން، ކައުންސިލްތަކުން ދޭންޖެހޭ ޚިދުމަތްތަކުގެ ތެރޭގައި ހިމަނާފައިވާކަމެވެ. އެހެންކަމުން ގާނޫނުތަކުން މިފަދަ ބާރެއް ކައުންސިލްތަކަށް ދީފައިވާއިރު އޭގެ އަލީގައި ނުރަސްމީ ތަޢުލީމުގެ ޕްރޮގްރާމުތަކާއި ޙަރަކާތްތައް ހިންގުމަށް ކައުންސިލްތަކަށް މުހިންމު ދައުރެއް އަދާކުރެވިދާނެކަން ދެނެގަނެވުނެވެ.

ތިރީގައި ފާހަގަކޮށްލެވިފައިވާ ކަންތައްތަކަކީ އެފަދަ ޕްރޮގްރާމެއް ކައުންސިލްތަކުން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް ކޮންމެހެން ބޭނުންތެރި ކަންތައްތަކެއްކަމުގައި ދެކެމެވެ.

1) ކައުންސިލްގެ އިސްނެގުމާއެކު ރަށުގައި ހުރި ދައުލަތުގެ މުއައްސަސާތަކާއި ޖަމިއްޔާތައް ހިމެނޭގޮތުން ރަށުފެންވަރު ގައި ޢާއްމު ހޭލުންތެރިކަން އިތުރުކޮށް ބޮޑެތި މީހުންގެ ތައުލީމަށް އަހަންމިއްޔަތު ދެވޭނެ މެކޭނިޒަމްއެއް (ކޮމިޓީއެއް ފަދަ) ރާވައި އެ މެކޭނިޒަމްގެ ތެރެއިން ޕްރޮގްރާމުތައް ރާވައި ހިންގުން.

2) ރަށުގެ ތަޢުލީމީ ޢާއްމު ޙާލަތު ދެނެގަނެ، ހޭލުންތެރިކަން އިތުރު ކުރަންޖެހޭ ދާއިރާތަކާއި މީހުން ތަމްރީނު ކުރަން އެންމެބޮޑަށް ޖެހިފައިވާ ދާއިރާތައް ފާހަގަކުރުން. އަދި ތަޢުލީމީ ގޮތުން ވަކިވަކި ގުރޫޕްތަކަށާއި ޢާއްމުންނަށް އަމާޒުކޮށް ހިންގިދާނެ ޕްރޮގްރާމްތަކެއް ފާހަގަކުރުން. އަދި މިކަން އަހަރުން އަހަރަށް ރިވިއުކުރަމުން ގެންދިއުން.

3) ރަށުގެ ތަރައްޤީގެ ޕްލޭން ރާވާއިރު ފާހަގަކުރެވުނު ޕްރޮގްރާމްތައް ނުވަތަ އެއިން މިންވަރެއް ޕްލޭންގައި ހިމެނުން.

4) ރަށުގެ ތަރައްޤީގެ ޕްލޭންގައި ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށާއި ބޮޑެތި މީހުންނަށް އުނގަންނައި ދިނުމަށާއި ތަމްރީނުދިނުމަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުން އަދި ރައްޔިތުންގެ ޚިޔާލާއި ލަފާ ހޯދަމުން ގެންދިއުން.

5) ބޮޑެތި މީހުންނަށް ތަޢުލީމާއި ތަމްރީނުދިނުމަށް، ފަންނީ ގޮތުންނާއި މާލީގޮތުން އެހީވެދޭ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްތައް ދެނެގަނެ އެފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރުން.

6) ބޮޑެތި މީހުންނަށް އުނގަންނައިދިނުމަށް ރަށުގައި ކައުންސިލުން ހިންގާ ޙަރަކާތްތައް ހިންގުމުގައި ޒިންމަދާރު ދައުރެއް އަދާކުރުން. އޭގެ ތެރޭގައި ޕްރޮގްރާމުތައް ރޭވުމާއި، ހިންގުމާއި، ވިލަރެއްސްކުރުމާއި ރިޕޯރޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓުކުރުން ހިމެނޭ.

7) ޕްރޮގްރާމު ރާވައި ހިންގުމުގެ ތަމްރީނު ކައުންސިލަށް ބޭނުންވާނަމަ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގެ އެހީތެރިކަން ނުވަތަ އެފަދަ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކުގެ އެހީހޯދުން.

8) ބޮޑެތި މީހުންނަށް އުނގަންނައިދިނުމަށް ގައުމީ އިދާރާތަކުން ކައުންސިލް މެދުވެރިކޮށް ހިންގާ ޕްރޮގްރާމްތައް ހިންގުމުގައި ފުރިހަމައަށް ބައިވެރިވެ ޒިންމަދާރު ދައުރެއް އަދާކުރުން.

9) ގައުމީ އިދާރާތަކުން ރަށުގައި ހިންގަން ބޭނުންވާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ފުރުޞަތުދިނުމުގެ ޕޮސިޓިވް ވިސްނުމެއް ގެންގުޅުން.

10) ބޮޑެތި މީހުންނަށް އުނގަންދިނުގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ އިމާރާތާއި އެނޫންވެސް ކަންކަން ރަށުގައި އުފެދިފައިވާ ދައުލަތުގެ އޮފީސްތަކާ ގުޅިގެން ހަމަޖެއްސުން.

11) ކުރެވޭ މަސައްކަތާ ގުޅިގެން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ރިޕޯރޓްތައް ފޮނުވަމުން ގެންދިއުން.

12) ބޮޑެތިމީހުންނަށް އުނގަންނައިދީގެން ރަށަށް ލިބޭ ކުރިއެރުމާއި ކާމިޔާބީ ފާހަގަކުރުން.

މަތީގައި ފާހަގަކޮށްލެވުނު ނުކުތާތަކަކީ، އިސްވެ ދެންނެވުނު ފަދައިން ގާނޫނުތަކުގެ އަލީގައި އަޅުގަނޑުގެ ވިސްނުމަށް ގެނެވުނު ނުކުތާތަކެކެވެ. މިނޫންވެސް މާފުރިހަމަ ގޮތްތަކެއް މިފަދަ ކަމެއް ކުރުމަށް ނެރެވިދާނެއެވެ. ބޭނުންވަނީ، މުޖުތަމަޢުގައި ރަސްމީ ތަޢުލީމު ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބިފައިނުވާ ނުވަތަ އެފުރުޞަތު ގެއްލިފައިވާ ބަޔަކު ތިބިކަން ދެނެގަނެ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ވިސްނުމާއި ކެރުމެވެ.

Leave a Comment

Your email address will not be published.