އިތުރު ޙަރަކާތުގައި ދަރިވަރުން ބައިވެރި ކުރުން

ލިޔުނީ: ފާތިމަތު ޝެހެޒިނީ ، މއ. ޝިމާޤު

ފަށާ ތަޢުލީމުގެ ފެންވަރުގައި ކުދިން ކިޔަވަން ފަށާއިރު – ޢުމުރުން ހަތް އަހަރު ފުރޭއިރު، ކުދިން ތިބޭނީ ތަފާތު ކަންތައްތައް ތަޖްރިބާ ކުރަން ބޭނުންވާ ޢުމުރުފުރާއެއްގައެވެ.  އެއީ ޅަފަތުގެ ތަރުބިއްޔަތު ނިންމާ، އެއަށްވުރެ ބޮޑުވެގެން ގްރޭޑް އެކަކަށް ދެވޭތީ ކުދިން ފަޚުރުވެރިވެލާ، އަމިއްލައަށް ތިމާއަކީ ބޮޑު ކުއްޖެއްކަމާއި، ކަންތައް ކުރެވޭ، ޤާބިލު ކުއްޖެއްކަން ވިސްނި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދާ ޢުމުރުފުރާއެކެވެ. އެހެންކަމުން ސްކޫލަށް ގޮސް ރަސްމީ ކިޔެވުމުގެ އިތުރުން ސްކޫލްގައި، އަދި ސްކޫލުން ބޭރުގައިވެސް ތަފާތު ޙަރަކާތްތަކުގައި ބައިވެރިވާން ޝައުގުވެރިވާ ޢުމުރުފުރާއެކެވެ. އާ ކަންތައް ތަޖްރިބާ ކުރުމާއި، އާ ރަޙުމަތްތެރިން ހޯދުމާއި މި ޢުމުރުފުރާގައި ކުރެވޭ މިފަދަ ތަޖްރިބާ ތަކުން ކުދިންގެ މުޅި ޢުމުރަށް އެކަމުގެ ފައިދާ ކުރެއެވެ.

ސްކޫލަށް ހަމައެކަނި ކިޔަވަން ދިއުމުގެ ބަދަލުގައި އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމުން ކުދިންގެ އިޖްތިމާޢީ، އަދި ނަފްސާނީ ތަރައްޤީއަށް އެކަމުން ފައިދާ ކުރެއެވެ. ސްކޫލަށް ކިޔަވަންދާ ވަގުތުގައި ގިނަ ވަގުތު އުނގެނުމާއި ގުޅުންހުރި ޙަރަކާތްތަކުގައި މަޝްޣޫލްވެ އުޅެންޖެހޭތީ، އެފަދަ ވަގުތުތަކުގައި ކުދިންގެ އިޖްތިމާޢީ ތަރައްޤީއަށް މާ ގިނަ ފުރުސަތުތަކެއް ކުދިންނަކަށް ނުލިބެއެވެ.

ސްކޫލްގައި ހިންގޭ އެހެނިހެން ޙަރަކާތްތަކުގެ ތެރޭގައި ކުޅިވަރާއި، ކްލަބްތަކާއި، އެ ނޫންވެސް ތަފާތު ކަންތައްތަކުގައި ކުދިން ބައިވެރިވުމުން އެކަމުން ކުރާ ފައިދާ ގިނަގުނައެވެ. ކުދިންނަށް އެކުދިންގެ ސިކުނޑި، އަދި ހަށިގަނޑުގެ ތަރައްޤީއަށް އެހީތެރިވެދޭފަދަ ކަންތައް ކުރަން ޖެހުމުން ކުދިންނަށް ތިމާއަށް ކަންތައް ކުރެވޭކަމުގެ ފޮނި އިޙްޞާޞް ކުރެވި، އަމިއްލަ ނަފްސާއިމެދު ފަޚުރުވެރިވެވެއެވެ. އެހެން ކުދިންނާއި އެކު ގުޅިގެން އުޅެން އެނގުމުގެ އިތުރުން އަމިއްލައަށް ރަޙުމަތްތެރިން ހޯދުމާއި، ދިމާވާ މައްސަލަތައް އަމިއްލައަށް ޙައްލު ކުރަން ޖެހުމުން، ވިސްނުން ތަރައްޤީވެ، ދުރު ވިސްނުން ވިސްނަން ދަސްވެ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށްވެސް އެފަދަ ކަންތަކުން އެތައް ގޮތަކަށް ފައިދާ ކުރެއެވެ.

އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމުން ކުދިންގެ ވިސްނުމާއި ސިކުނޑިއަށް ލިބޭ ކުރިއެރުންތަކަށް ވިސްނާއިރު، ކުދިން ކުރާހިތްވާ ކަމެއް އިތުރަށް ކުރަން ފުރުސަތު ލިބުމުން މާބޮޑު އިތުރު ވިސްނުންތަކެއްނެތި އެކަމެއްގައި ބައިވެރިވެއެވެ. އަދި އެފަދަ ޙަރަކާތްތަކުގެ ތެރެއިން އާ ކަންތައްތައް އެނގި، ދަސްވެ، ކުއްޖާއަށް ކުރިއެރުން ލިބެއެވެ. އޭގެ އިތުރު ފައިދާއަކީ އެގޮތުން ދަސްވާ ކަންތައްތަކާއި ވިސްނުންތައް، ސްކޫލްގައި ރަސްމީކޮށް އުނގެނޭ އުނގެނުންތަކާއި ހަމައަށް ކުދިންނަށް ނޭނގި ނަމަވެސް ގެންދެވި، އެކަމުގެ ސަބަބުން އުނގެނުންވެސް އިތުރަށް ތަރައްގީވެ ކުރިއެރުމެވެ.

ތިމާގެ ދަރިފުޅު އިތުރުގަޑީގެ ޙަރަކާތްތަކުގައި ބައިވެރިވާން ބޭނުން ނުވާނަމަ އެކަމުގެ ސަބަބުތައް ހޯދާ، ކޮންމެވެސް އެއް ކަމެއްގައި ނަމަވެސް ބައިވެރި ކުރުމަކީ ރަނގަޅު ކަމެކެވެ. އަދި ބައިވެރިވާން ބޭނުންވާނަމަ އެއީ ކޮން ޙަރަކާތެއްގައިތޯ، ކޮން ސަބަބަކާއިހުރެތޯ ބެލުންވެސް މުހިއްމެވެ. ކުއްޖާ ޝައުޤުވެރިވާ ޙަރަކާތަކީ ތިމާ ދެކޭ ގޮތުގައި ކުއްޖާއަށް ރަނގަޅު ނޫން ޙަރަކާތެއްނަމަވެސް ކުއްޖާގާތު ސީދާ އެހެން ނުބުނެ، ތިމާ ދެކޭ ގޮތުގެ ސަބަބުތައް ކުއްޖާއަށް ކިޔައިދީ، ކުއްޖާ އަމިއްލައަށް ވިސްނައިގަތުމަށް ފުރުސަތުދޭށެވެ. ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖަކާއި ގުޅުންހުރި، އެކުއްޖަކަށް ކުރެވޭ ވަރުގެ ކަންތައް ކުރުމަކީ މުހިއްމު ކަމެކެވެ. އެފަދަ ކަންތައްތަކުގައި ބައިވެރިވުމަށް ނުވަތަ ނުވުމަށް ނިންމާ ނިންމުން އެއީ މައިންބަފައިންގެ ނިންމުން ކަމުގައި ކުއްޖާއަށް ހީވެއްޖެނަމަ ކުދިން ހިތްހަމަ ނުޖެހި، އެކަމެއް ކުއްޖާ އެދޭ ގޮތަށް ކުރުމަށް އިތުރަށް ބޭނުންވުމަކީވެސް ވެދާނޭ ކަމެކެވެ.

އިތުރު ޙަރަކާތްތަކުގައި ކުދިން ބައިވެރި ކުރުމުގައި ވިސްނަން ޖެހޭނޭ އަނެއް ކަމަކީ މާ ގިނަ ޙަރަކާތްތަކުގައި ކުދިން ބައިވެރި ނުކުރުމެވެ. ކިޔެވުމާއި އެކުއެކީ އިތުރު ބުރަ އުފުލަން ނުޖެހޭނޭ ފަދަ އިތުރު ހަރަކާތްތަކުގައި ބައިވެރި ކުރުމެވެ. ކުދިންގެ ކިބައިގައި އެތައް ރޮނގަކުން ހުނަރުވެރިކަން ހުރި ކަމުގައިވީ ނަމަވެސް އެ ހުރިހާ ހުނަރެއް އެއް ފަހަރާ ތަރައްގީ ކުރުމަކީ ކުރަން ޖެހޭނޭ، އަދި ކުރަން ވާނޭ ކަމެއްވެސް ނޫނެވެ. އޭގެ އިތުރުން އިތުރު ހަރަކާތްތަކުގައި ބައިވެރި ކުރުމަށް ވިސްނާއިރު ބައެއް ހަރަކާތަކީ ކުދިންނަށް މަޖާކުރެވޭ، ބައެއް ހަރަކާތަކީ ކުދިންނަށް ލިބިފައިވާ ހުނަރެއް ނޫނީ ޝައުގުވެރިވާ ދާއިރާއަކުން ކުރިއަރާ ކަންތައްތޯ ބަލާ، ތަފާތު ކަންތައް ޚިޔާރު ކުރުން ރަނގަޅުވާނެއެވެ.

މައިންބަފައިން ވިސްނަން ޖެހޭނޭ އަނެއް ނުކުތާއަކީ ކުއްޖާ ޚިޔާރު ކުރާ ހަރަކާތްތަކަކީ ކޮންމެހެން ތިމާ އެކަމަކަށް ޝައުގުވެރިކަން ހުންނަ ކަންތައްތަކަށްވާން ނުޖެހޭ ކަމެވެ. ތިމާ އެކަމަކަށް ޝައުގުވެރިކަން ނެތް ނަމަވެސް، ކުއްޖާއަށްޓަކައި ޝައުގުވެރިކަން އުފެއްދުން މުހިއްމެވެ. އަދި އެ ހަރަކާތަކީ ތިމާ ޝައުގުވެރިވާ ކަމެއް ނަމަވެސް ކުއްޖާ ބޭނުންވާނީ އަމިއްލަ ޚިޔާލައިގެން ކުރިއަށްދާން ކަން ދަނެ، ތިމާގެ ވިސްނުމަށް ކުއްޖާ އަނބުރަން ނޫޅެ، ކުއްޖާގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލުން ވަރަށް މުހިއްމެވެ.

Leave a Comment

Your email address will not be published.