ކުރިޔަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މާވަށު ސްކޫލްގެ ހުރިހާ ކްލާސްރޫމްއެއް ޑިޖިޓައިޒްކުރުމަށް އެސްކޫލްގެ ޕޭރަންޓް ޓީޗަރ އެސޯސިއޭޝަނުން ފަށާފައިވާ ޕްރޮގްރާމަށް އިސްދަރިވަރުންތަކެއް އެހީވެދީފިއެވެ.
2022 އިން 2023 އަށް ފަށާ ދިރާސީ އަހަރު އަންނަން ވާއިރަށް އެސްކޫލުގެ ޕީޓީއޭއިން ވަނީ ކޮންމެ ކްލާސް ރޫމްއަކަށް ސްމާޓް ޓީވީއަކާއި ކޮމްޕިޔުޓަރެއް ހަމަކޮށް ދަރިވަރުންނަށް މިވަސީލަތްތަކުގެ މަންފާލިބިދެވޭނެ މަގު ފަހިކޮށްދިނުމަށް ނިންމާފައެވެ.
މިޕްރޮގްރާމަށް އެހީވެދިނުމަށް މާވަށު ސްކޫލަށް 65 އިންޗީގެ ސްމާޓްޓީވީ އެއް މިފަހަރު ހަދިޔާ ކޮށްދިނީ އެސްކޫލުން 2007 ވަނައަހަރު ގްރޭޑް 10 ފުރިހަމަކުރި ބެޗުގެ ދަރިވަރުންނެވެ.
މާވަށު ސްކޫލުގައި މިޕްރޮގްރާމް ހިންގާ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި ޑިޖިޓައިޒްކުރުމުގެ ޕްރޮގްރާމަށް ހެޔޮއެދޭ ފަރާތްތަކާއި އިސްދަރިވަރުންނާއި ރަށުގެ އަމިއްލަ ޖަމާޢަތްތަކުން އެހީތެރި ވެދޭނެކަމުގެ އިޝާރާތްވަނީ ލިބިފައެވެ.
ޕީޓީއޭ ގެ އިސްނެގުމަށް ހިންގާ މިޕްރޮގްރާމްގައި ހުރިހާ ކްލާސްތަކަށް ބޭނުންވަނީ ޖުމުލަ 17 ޓީވީ އެވެ. ޕީޓީއޭއިން ދެކެނީ ދިރާސީއަހަރު ފެށެންވާއިރަށް ޑިޖިޓައިޒްކުރުމުގެ ޕްރޮގްރާމްގައި މިފަހަރު ކަޑައަޅާފައިވާ އަމާޒަށް ވާސިލް ވެވޭނެކަމަށެވެ. ތައްޔާާރުކުރީ/އޒ