އިހަވަންދޫ ސްކޫލްއަށް 53 އަހަރު ފުރުން ފާހަގަކޮށްފި

އިހަވަންދޫ ސްކޫލްގެ 53 ވަނަ އަހަރީ ދުވަސް އެސްކޫލްގައި އިއްޔެ ފާހަގަ ކޮށްފިއެވެ. ސްކޫލްގެ އަހަރީ  ދުވަހަކީ މިމަހު 25 އެވެ.

ސްކޫލްގެ 53 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް  ބޭއްވި ޚާއްޞަ އެސެމްބުލީ ޝަރަފްވެރިކޮށްދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޞަބާޙް އެވެ. މި އެސެމްބުލީ ގައި ރަށުކައުންސިލްގެ މެންބަރުންނާއި ރަށުގެ އެކިއެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވި އެވެ.
ދުވަހުގެ މުނާސަބާތުގައި ކޭކެއްފެޅުން ވެސް މިއެސެމްބްލީގައި އޮތެވެ.

މީގެ އިތުރުން އިންޓަރހައުސް ހޭންޑްބޯޅަ މުބާރާތަކާއި ‘ފޮތެއްދެމާ’ ގެ ނަމުގައި އެސްކޫލުންކުރިޔަށް ގެންދާ ސްކޫލްލައިބްރަރީއަށް ފޮތްހަދިޔާ ކުރުމުގެ ޕްރޮގްރާމްވެސް 53 ވަނަ އަހަރީ މުނާސަބާއާގުޅިގެން ކުރިޔަށް ގެންދިޔައެވެ.

އިހަވަންދޫ ސްކޫލް ހުޅުވުނީ 1969 ވަނަ އަހަރު މޭ މަހުގެ 25 ވަނަ ދުވަހު މަކުތަބުއްނޫރުގެ ނަމުގައެވެ.
އޭގެ ފަހުން 1981 ވަނަ އަހަރު ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު “އިހަވަންދޫ މަކުތަބަށް” ނަންބަދަލުކުރެވުނެވެ. އިހަވަންދޫ ސްކޫލްގެ ގޮތުގައި ހިގަންފެށީ 2003 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

ސްކޫލް އެންމެ ފުރަތަމަ ހުޅުވުނުއިރު ސްކޫލްގެ އިސްވެރިއަކަށް ހުންނެވީ އިހަވަންދޫގެ ކުރީގެ ކަތީބު ، އިހަވަންދޫ ވައިޖެހޭގޭ އަލްމަރުހޫމް އަބްދުއްޞަމަދު ހުސެއިނެވެ.

ތައްޔާރުކުރީ/އޒ

Leave a Comment

Your email address will not be published.