ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ސީޝެލްސްގައި

ރަސްމީ ދަރުތުފުޅެއްގައި މިނިސްޓަރ ޑރ.އައިޝަތު ޢަލީ ސީޝެލްސްއަށް ވަޑައިގެންފިއެވެ.

މިނިސްޓަރގެ އަރިހުގައި މިނިސްޓްރީ ގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރު ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ކޮމަންވެލްތު އޮފް ލަރނިންގ އިން ކުރިއަށް ގެންދާ މޫސުމަށް އަންނަ ބަދަލުތަކާއި ތަޢުލީމާ ބެހޭ ހައި ލެވެލް ޕެނަލްގެ ތިން ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވަނީ އެޑިޔުކޭޝަން ސިސްޓަމްތައް ކްލައިމެޓް ޕްރޫފްކޮށް، ނޫ އަދި ފެހި އިޤްތިސާދަކާ ދިމާއަށް ކިޔަވައިދިނުމުގެ މިސްރާބު ބަދަލުކޮށް، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވެ، ތަޢުލީމީ ދާއިރާގެ ތެރެއިން އެޑިޔުކޭޝަން މިނިސްޓަރުންނަށް ކުރެވިދާނެ ކަންކަން ބަޔާންކޮށް އެކުލަވައިލާ ޑްރާފްޓް ރިޕޯޓުގެ މަސައްކަތް ނިންމާލާފައެވެ.

މީގެއިތުރުން މި ޕެނަލް މަޝްވަރާ ތަކުގައި ތަޢުލީމާއި ތަމްރީނުގެ ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށްޓަކައި، ދުރުރާސްތާ ތަޢުލީމާއި ޓެކްނޮލޮޖީތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އެގޮތުން ތަޢުލީމާ ތަމްރީނުގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް އެކުލަވައިލަންޖެހޭ ސިޔާސަތުތަކަށް ބޭނުންވާ އިސްތިރާޖުތަކާއި، އެކަމަށް ޙައްލުހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ސްކޫލް، ކޮލެޖް އަދި ޔުނިވަސިޓީތަކުގެ މަންޙަޖަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ލަފާދީފައިވެއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމަށް ހުރި ފުރުޞަތުތަކާއި، ކޮމަންވެލްތުގެ ޤައުމުތައް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިލުންވެރިކަން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ޕެނަލްގައި ވަނީ މަޝްވަރާކުރެވިފައެވެ.

މިނިސްޓަރ ޑ. ޢާއިޝަތު ޢަލީ ސީޝެލްސައަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ ވަނީ އެ ޤައުމުގެ ރައީސް، ވެވެލް ރަމްކަލަވަންއާއި ނައިބު ރައީސް އަޙުމަދު އަފީފުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ، “ޖޭމްސް މައިކަލް ބްލޫ އިކޮނޮމީ ރިސަރޗް އިންސްޓިޓިއުޓް” އަށް ޒިޔާރަތްކުރައްވާ، އެތަނުގެ ކްލައިމެޓް ލިޓެރަސީ އާ ގުޅޭ ކޯހުގެ މަންޙަޖު ވިލަރެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ސީޝެލްސްގެ އިންސްޓިޓިއުޓް އޮފް ޑިސްޓެންޓް އަދި އޯޕެން ލަރނިންގގައި މިއަދު އޮންނަ ކޮމަންވެލްތު އޮފް ލަރނިންގގެ އޮޑެލް ޕްރޮޖެކްޓް އިފުތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މިނިސްޓަރުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާނީ 25 ,މެއި 2022 ގައެވެ.                                                                                                       

Leave a Comment

Your email address will not be published.