ނެސްލޭ ސޮކަރ ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަދި 2 ގެ ދަރިވަރުންނަށް ބާއްވާ ސޮކަރ ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު، ހެންވޭރު ދަނޑުގައި ބާއްވައިފިއެވެ.

މިފުޓްބޯޅަ ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމްއެވެ. އެމަނިކުފާނު ވަނީ ކިޔެވުމުގެ އިތުރުން ޅަދަރިންނަށް މިފަދަ ހުނަރުތަކުގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ކޮންމެ ކަމެއް އިންތިޒާމުކުރުމުގައިވެސް އެންމެ މުހިންމުކަމެއް ދޭންޖެހޭނީ ކުދިންގެ ރައްކާތެރިކަމުގެ މައްޗަށް ކަމުގައި އިލްތިމާސްކުރައްވަމުން މިފިއެސްޓާގައި ބައިވެެރިވާ ކުދިންނަށް ހިތްވަރު ދެއްވައި ތަރުޙީބު ދެއްވާފައިއެވެ.

މިރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދުއާއި ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަޞީރުއާއި ޕާމަނަންޓް ސެކެޓަރީ އަޙުމަދު ޢަލީ އަދި އެމިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ފުޓްބޯޅަ ފިއެސްޓާގައި މާލެ ހުޅުމާލެ ވިލިމާލޭގެ 20 ސްކޫލަކުން 720 ކުދިން ބައިވެެރިވިއެވެ. މިއީ 4 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ފިއެސްޓާރ އެކެވެ.
ސޮކަރ ވެޓެރަންސްގެ ޗެއަރމަން ޢަލީ ޝަމީމް ވިދާޅުވެފައިވާ ގޮތުގައި މި ފިއެސްޓާރގެ ބޭނުމަކީ ޅަދަރިވަރުންގެ ހިތުގައި ފުޓްބޯޅައަށް ލޯބި ޖެއްސުމާއި ހަށިގަނޑުގެ ތަރުބިއްޔަތުގެ ބިންގަލެއް އެޅުމުގައި އެހީތެރިވެދިނުމެވެ. މިފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި ސޮކަރ ވެޓެރަންސްގެ ޖެނެރަލް ސެކެޓަރީ އަހްމަދު ނިޔާޒު ވިދާޅުވީ މިއީ ކުދިންގެ ވާދަވެެރި ހުނަރު ދައްކާލަން ލިބޭ ފުރުޞަތެއްކަމަށެވެ. އެކަމަކު މިފަހަރު މިފިއެސްޓަރ މިބާއްވަނީ 2019 އަހަރުގެ ފަހުން ކޮވިޑްގެ ބަލިމަޑުކަމާއި އަދި ސްޕޮންސަރެއްގެ ކަންކަން މުޅިން ހަމަނުޖެހި ދުވަސްތަކެއް ދިޔުމަށްފަހު ކަމަށް އޭނަ ވިދާޅުވިއެވެ.

 

j

ކުރިން މި ފިއެސްޓާގައި ޕްރީސްކޫލްތައް ބައިވެރިވިޔަސް މިފަހަރު ފިއެސްޓާ ބާއްވަނީ ގްރޭޑް 1 އަދި 2 ގެ ދަރިވަރުންނަށެވެ. ފުޓްބޯޅަ ފިއެސްޓާ ނިމޭނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. /އޒ

Leave a Comment

Your email address will not be published.