ސްކައުޓް ޙަރަކާތް، ށ. މިލަންދޫ ސްކޫލްގައި އަލުން ފަށައިފި

 

އަހަރުތަކަކު މެދުކެނޑިފައި އޮތުމަށްފަހު އަލުން މިލަދުންމަޑުލު އުތުރު ބުރީ، މިލަންދޫގެ ސްކައުޓް ޙަރަކާތް އެއަތޮޅުގެ 8 ވަނަ ސްކައުޓް ގްރޫޕުގެ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެރޭ އިފްތިތާޙުކޮށްފިއެވެ. މިލަންދޫ ސްކައުޓް ޙަރަކާތަކީ ވަރަށް ކާމިޔާބު ކަމާއެކު ހިގަމުން އައި ޙަރަކާތެކެވެ.

މިފަހަރު 83 ދަރިވަރުން ސްކައުޓް ހުވާކުރިއެވެ. އެހެންކަމުން މިވަގުތު އެސްކޫލުގައި 12 ޕެޓްރޯލުގެ މައްޗަށް އެކުލެވޭ 3 ޓްރޫޕްސް އޮންނާނެއެވެ. އަދި 11 މުވައްޒަފުން ވަނީ ސްކައުޓް ލީޑަރުންގެ ގޮތުގައި ތަމްރީނުވެ، ސްކައުޓުން ހުވައެއްގެ ގޮތުގައި ކުރާ ވަޢުދުވެ ރަސްމީކޮށް ސްކައުޓް ލީޑަރުންނަށް ވެފައެވެ.

ސްކައުޓު ވަޢުދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިލަންދޫ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ އެސްކޫލަކީ އަބަދުވެސް ދަރިވަރުންނަށް އިތުރު ޙަރަކާތެއްގެގޮތުގައި ކޮންމެވެސް ޔުނިފޯމް ޙަރަކާތެއް އޮންނަ ސްކޫލެއްކަމަށާއި ނަމަވެސް، މިކަން ގިނަ އަހަރުތަކެއްގައި މެދުކެނޑިފައި އޮތުމުން ވީ އެންމެ އަވަހަކަށް ފެށުމަށް ޕްރިންސިޕަލްގެ މަޤާމަށް އައްޔަނުކުރެވުނު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބޭނުންފުޅުވިކަމަށެވެ.

އެހެންކަމުން 2020 ވަނަ އަހަރު މިކަން ފެށުމުގެ އިދާރީ މަސައްކަތްތައް ނިންމައި، ޢަމަލީ މަސައްކަތް ފެށުނުނަމަވެސް 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތި ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ކުރިއަށް ނުގެންދެވި ގިނަ ދުވަސްތަކެއްވެގެން ދިޔަކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ނަމަވެސް ސްކައުޓް ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މުދައްރިސުންގެ މިންނެތް ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިކަމުގައި ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލައިގޮސް، އިފުތިތާޙުކުރުމަށް މިރަސްމިޔާތު ބޭއްވުމާހަމަޔަށް އާދެވުނުކަމަށްޓަކައި ﷲ އަށް ޙަމްދު ކުރާކަމަށާއި ސްކައުޓް ލީޑަރުންގެ ގެގޮތުގައި މަސައްކަތް ކުރައްވާ މުދައްރިސުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޕްރިންސިޕަލްގެ އިތުރުން މިރަސްމިޔާތުގައި ށ އަތޮޅު 8 ވަނަ ސްކައުޓް ގްރޫޕްގެ އެސިސްޓެންޓް ލީޑަރު، ލީޑިންގ ޓީޗަރ މުޙައްމަދު އަފްރާހުވެސް ވާހަކަފުޅު ދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި އަލުން ސްކައުޓް ޙަރަކާތް ފެށުން މިއީ ދިގު އަދި އެހާމެ ބޮޑު ދަތުރެއްކަމަށް ފާހަގަކުރެއްވިއެވެ. މިދަތުރުގައި ސްކޫލުގެ ޕްރިންސިޕަލް ދެއްވި ހިތްވަރާއި ބެހެއްޓެވި އަހަންމިޔަތުކަމާއި ބެލެނިވެރިންގެ ކެތްތެރިކަމާއި އެހީތެރިކަން، މިއީ ބޭނުންވި މަންޒިލަށް ވާޞިލުވުމަށް ލިބުނު ވަރަށް ބޮޑު ބާރެއްކަމުގައި ވިދާޅުވިއެވެ.

މިރަސްއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ދިވެހިރާއްޖޭ ސްކައުޓް އެސޯޝިއޭޝަނުގެ އިންޓަރނޭޝަނަލް ކޮމިޝަނަރ އަޙުމަދު ފައުޒޫމެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި ސްކައުޓް ވަޢުދުގެ މަތީގައި ޢަމަލީގޮތުން ދެމިތިބުމަށް ސްކައުޓް ދަރިވަރުންނަށް ނަޞޭޙަތްތެރިވިއެވެ.

މިމުހިއްމު ރަސްމިޔާތުގައި މިލަންދޫ ސްކޫލުގެ މުވައްޒަފުންނާއި ސްކައުޓް ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން މިލަންދޫގެ ސަރުކާރުގެ މުއައްސަސާތަކުގެ ބޭފުޅުންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްވެސް ބައިވެރިވެ ވަޑައިގަތެވެ.

Leave a Comment

Your email address will not be published.