2 އަތޮޅެއްގެ 7 ރަށަކަށް ޑެޕިޔުޓީ މިނިސްޓަރ އިޙުސާން ޒިޔާރަތް ކުރައްވައިފި

ދެއަތޮޅެއްގެ 7 ރަށަކަށް ވެއަތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރެއްވި ދަތުރުފުޅަށްފަހު ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް ހިންގެވުމާ ޙަވާލުވެހުންނެވި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިޙުސާން މާލެވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި މާލެ އަތޮޅު ދެކުނުގެ 3 ރަށަކަށާއި ހުވަދުއަތޮޅު އުތުރުބުރީ 4 ރަށަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

ޑެޕިއުޓީ މިނިސްޓަރ އިޙްސާންގެ މިދަތުރުފުޅުގެ މައިގަނޑު ބޭނުންފުޅަކީ އެސްއެސްސީ ދިވެހި އިސްލާމް އިމްތިޙާނަށް ދަރިވަރުން ތައްޔާރުކުރުމުގައާއި އެމާއްދާތަކުގެ އިމްތިޙާނާމެދު މުދައްރިސުންނަށް ކުރިމަތިވާ ދަތިތަކާއި މުދައްރިސުންގެ ޚިޔާލުތައް ދެނެގަތުމެވެ. އެނގިފައިވާ ގޮތުގައި އެސްއެސްސީ އިމްތިޙާނުގެ ޕޭޕަރު ތައްޔާރު ކުރުމުގެ މަސައްކަތުގައި އެމާއްދާ ކިޔަވައިދޭ މުދަރިސުން ކިޔަވައިދިނުމުގައި ހުންނަ ދަތިތަކާއި އެހެނިހެން ކަންކަމުގެ ޚިޔާލު ހޯދުމަކީ ޕަބްލިކް އެގްޒަމިނޭޝަނުން ކުރަމުން ގެންދާ މަސައްކަތެކެވެ.

މިދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރ އިޙްސާން ވަނީ މިހާރު ނިމުމަކާ ހަމަޔަށް ގޮސްފައިވާ އޯލެވެލްގެ އިމްތިޙާނު ބާއްވާ ބައެއް މަރުކަޒުތަކަށް ވަޑައިގެން ދަރިވަރުންނާވެސް ބައްދަލު ކުރައްވާފައެވެ. އަދި ބައެއް ސްކޫލްތަކަށްވެސް ވަޑައިގެން ކިޔަވައިދިނުމުގެ މަސައްކަތް ބައްލަވާލެއްވިއެވެ،

މާލެއަތޮޅުގެ ދެކުނުން ޑެޕިއުޓީ މިނިސްޓަރ ވަޑައިގަތީ ގުޅި، ގުރައިދޫ އަދި މާފުށްޓަށެވެ. ހުވަދުއަތޮޅު އުތުރުބުރިން ވަޑައިގަތީ ނިލަންދޫ، ދާންދޫ، މާމެންދޫ އަދި ވިލިގިއްޔަށެވެ./އޒ

Leave a Comment

Your email address will not be published.