ހދ. އަތޮޅު މަދަރުސާގެ 2022ވަނަ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި

ހދ. އަތޮޅު މަދަރުސާގައި 2022ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

ފާއިތުވެދިޔަ 2019 އަދި 2020-21 ވަނަ ދިރާސީ އަހަރު، ފާހަގަކޮށްލެވޭ އެކިއެކި ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް އިނާމުދިނުމަށް، ޖޫން 2022 ވީ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު މަތީނެވެ.

ޝަރަފުވެރި މެހުމާނުގެ ވާހަކަފުޅުގައި މަތީ ނަތީޖާ ހޯދުމަށް ޓަކައި ދަރިވަރުން ކުރަންޖެހޭ މައިގަނޑު ކަންކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައި ވެއެވެ. މިގޮތުން ކިޔެވުމަކީ މަންމަމެން ބުނެގެން ކުރާކަމެއްގެ ގޮތުގައި ހެދުމުގެ ބަދަލުގައި ދަރިވަރުން އަމިއްލައަށް ބޭނުންވެގެން ކުރާކަމަކަށް ހަދަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމާއި އުނގެނުމަށް މަގުފަހިވާ  ކަންކަމަށް ގަދަ އަޅާ މަސައްކަތްކުރުމަކީ ވެސް އެހާމެ މުހިންމު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

2019 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ގުރޭޑު 10 ގެ ދަރިވަރު ހދ. ވައިކަރަދޫ، ނޫވިލާ ޢާއިޝަތު އާލިފާއެވެ.

21-2020 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ގުރޭޑު 10 ގެ ދަރިވަރު، ހދ. ވައިކަރަދޫ، ފަރިމާ އިބްރާހިމް ޞަލާޙެވެ.

މި ޖަލްސާގައި، ސަބްޖެކްޓް ޕްރައިޒަށާއި، ޓޮޕް އެޗީވާރސް އެވޯޑަށާއި، ޑިސިޕްލިން އެވޯޑަށާއި، ޑިސްޓިންކްޝަން އެވޯޑު އަދި ބެސްއޯލްރައުންޑް ސްކައުޓާއި ބެސްޓް އޯލްރައުންޑާސްއަށް ވެސް ވަނީ އިނާމު ދީފައެވެ.

ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ހޮވުނު ދަރިވަރުންގެ ތެރެއިން، 2019 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު، ޢާއިޝަތު އާލިފާގެ ވާހަކައިގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ، ވަކި ޓާގެޓެއް ކަނޑައަޅައިގެން ކިޔެވުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މީގެ އިތުރުން ސުކޫލުގައި ހިންގޭ އެކިއެކި އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމަށް ވެސް ޢާއިޝަތު އާލިފާގެ ވާހަކައިގާ ވަރަށް ބޮޑަށް ބާރުއަޅާފައިވެއެވެ. އަދި ކޮންމެ ޓީޗަރެއްގެ ފަރާތުން ވެސް ތަފާތު ކަންކަން ދަސްކުރުމަށް ނަސޭޙަތްތެރިވިއެވެ. ހަމައެހެންމެ ހަމައެކަނި ގުރޭޑު 10،9،8 ގައި ކިޔަވައިގެން އެންމެ އެދެވޭ ނަތީޖާއެއް ނުލިބޭނެކަމަށް ވެސް ބެސްޓް އޯލްރްއުންޑަރ ފާހަގަ ކުރިއެވެ. ކޮންމެ ގުރޭޑެއްގައި ވެސް ގަދައަޅާ މަސައްކަތްކޮށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ބެސްޓް އޯލްރައުންޑަރ ޢާއިޝަތު އާލިފާގެ ވާހަކައިގައި އަލި އަޅުވާލާފައިވެއެވެ.

21-2020 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު އިބްރާހިމް ޞަލާޙް ވެސް ވަނީ މި ޖަލްސާގައި ވާހަކަ ދައްކާފައެވެ. ޞަލާޙުގެ ވާހަކައިގާ އޭނާގެ ކާމިޔާބީގެ ފަހަތުގައި އެތައް ބައެއްގެ މަސައްކަތް ވާކަން ފާހަގަކޮށް އެފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައިވެއެވެ.

މި ޖަލްސާގައި ހދ އަތޮޅު މަދަރުސާގެ ޕުރިންސިޕަލް އަލްފާޞިލް މުޙައްމަދު ޙިލްމީ ވަނީ 2019 އަދި 2020-21 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އިއްވަވާފައެވެ. މި ރިޕޯޓުގައި ފާއިތުވެދިޔަ ދެ އަހަރު ސުކޫލުގެ ދަރިވަރުންގެ އާބާދީއާއި ދަރިވަރުންގެ ނަތީޖާގެ އިތުރުން ސުކޫލުގެ ބަޖެޓާ ގުޅޭ ގޮތުންވަނީ މަޢުލޫމާތު ޙިއްސާކޮށްދެއްވާފައެވެ.

މީގެ އިތުރުން މި ޖަލްސާގައި ދަރިވަރުންގެ ތަފާތު ހުށަހެޅުންތަކާއި އެކު ވަރަށް ފުރިހަމަ ޝުކުރުގެ އައިޓަމެއް ހުށަހަޅާފައިވެއެވެ.

 

 

 

Leave a Comment

Your email address will not be published.